ދީބާޖާއަށް ފައިސާ ދައްކަންޖެހޭ ގޮތުގެ ތަފްސީލު ދައުލަތުން އޮޅުން ފިލުވައިފި

ނޮވެމްބަރ 17، 2018: ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ކެބިނެޓް ހުވާކުރުމާއި ރައީސް އޮފީހުގެ ބައެއް މަގާމުތަކަށް ބޭފުޅުން އައްޔަނުކުރުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތު -- ސަން ފޮޓޯ/ އަޙްމަދު އަވްޝަން އިލްޔާސް

އެމްޑީޕީ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ފެރީ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ ކުންފުންޏަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދިނުމަށް ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކަންޖެހޭ ގޮތުގެ ތަފްސީލު ދައުލަތުން މިއަދު ސާފުކޮށްފި އެވެ.

ދައުލަތުން އެކަން ސާފުކުރީ މިއަދު 10:45 ގައި ސިވިލް ކޯޓުގައި ބޭއްވި ހުކުމް ތަންފީޒު ކުރުމުގެ އަޑުއެހުމުގަ އެވެ. އެ މައްސަލައިގެ ދެވަނަ އަޑުއެހުން މި މަހުގެ 20 ވަނަ ދުވަހު ބާއްވަން މިހާރު ވަނީ ނިންމާފަ އެވެ.

ދީބާޖާގެ އޮފިޝަލަކު ވިދާޅުވީ ދީބާޖާއަށް ދައްކަން ޖެހޭ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރަން ޖެހޭ ކަމަށް ގާޒީ ދައުލަތަށް އޮޅުން ފިލުވައިދިން ކަމަށެވެ. އަދި ފުރަތަމަ ޕޭމަންޓް މި މަހުގެ 17ގެ ކުރިން ދެއްކުމަށް ވެސް ގާޒީ އިރުޝާތު ދެއްވި ކަމަށް އެ ކުންފުނިން ބުންޏެވެ.

މިކަމާ ގުޅޭގޮތުން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ ބަހެއް ހޯދުމަށް ގުޅާލުމުން ފޯނު ނުނަންގަވާތީ އެ އޮފީހުގެ ބަހެއް އަދި ނުލިބެ އެވެ.

ދީބާޖާ މައްސަލާގައި ކޮށްފައިވާ ހުކުމް މުރާޖައާ ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް އެޓާނީ ޖެނެރަލް ރިފްއަތު ކުރިން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެ މައްސަލަ ހުށަހެޅުއްވި ކަމެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.

ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭންޖެހޭ އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސް ކުރުމަށެވެ.

comment ކޮމެންޓް