އޭޝިއަން ޓޭބަލް ޓެނިސް މުބާރާތުގެ ސިލްވާ މެޑަލް ދީމާ ހޯދައިފި

ރާއްޖޭގެ ޒުވާން ޓީޓީ ކުޅުންތެރިޔާ ދީމާ އަލީ މިހާރު ކުރިއަށްދާ އޭޝިއަން ޓީޓީ މުބާރާތުގެ ސިލްވާ މެޑަލް ހޯދުމަށްފަހު --- ފޮޓޯ/ ޓީޓީ އެސޯސިއޭޝަން

މިހާރު ތައިލަންޑުގައި ކުރިއަށް ދާ އޭޝިއަން ޓީޓީ ހޯޕް ޓޯނަމެންޓުގެ އަންހެން ކެޓަގަރީގެ ސިލްވާ މެޑަލް ރާއްޖޭގެ ޒުވާން ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ހޯދައިފި އެވެ.

އޭޝިއާ ގައުމުތަކުގެ ތެރެއިން 12 އަހަރުން ދަށުގެ އެންމެ ފާހަގަ ކޮށްލެވޭ ޓީޓީ ކުޅުންތެރިންގެ މެދުގައި ބާއްވާ މި މުބާރާތަށް ދީމާ ދަތުރު ކުރީ މި އަހަރު ކުރީ ކޮޅު އިންޑިއާގައި އޮތް ދެކުނު އޭޝިއާގެ ހޯޕްސް ވީކުގައި ވާދަކޮށްގެންނެވެ. އެ މުބާރާތުން އޭނާ ވަނީ ރަން މެޑަލް ހޯދައިފަ އެވެ. އެ މެޑަލް އަކީ ބައިނަލް އަގުވާމީ ޓީޓީ މުބާރާތަކުން ރާއްޖޭގެ ކުޅުންތެރިޔަކު ހޯދި ފުރަތަމަ ރަން މެޑައްޔެވެ.

އިއްޔެ ހެނދުނު ތައިލަންޑުގެ ވެރި ބެންކޮކުގައި ފެށުނު އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ހަތަރު މެޗު ކުޅެގެން ދީމާ ވަނީ ތިން މެޗު ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ މެޗުގައި އަވަށްޓެރި އިންޑިއާގެ ކުޅުންތެރިޔާއާ ވާދަކޮށް ދީމާ ބަލިވި ނަމަވެސް ދެން އައި މެޗުގައި ލެބަނަން ބަލި ކުރީ ތިން ސެޓު ސުން ސެޓުންނެވެ. އޭގެ ފަހުން ތައިލަންޑާ ދެކޮޅަށް ކުޅުނު މެޗުންވެސް ދީމާ މޮޅުވީ ތިން ސެޓު ސުން ސެޓުންނެވެ.

ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި އޭނާ ބައްދަލު ކުރީ ކަޒަކަސްތާނާ ދެކޮޅަށެވެ. އެ މެޗުން އޭނާ ކުރި ހޯދީ ތިން ސެޓު އެއް ސެޓުންނެވެ. އެ މޮޅާ އެކު ދީމާ ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފަ އެވެ. މިއަދު ހެނދުނު ސެމީ ފައިނަލުގައި އީރާންގެ ކުޅުންތެރިޔަކާ ވާދަކޮށް ސީދާ ތިން ސެޓުން ދީމާ މެޗު ކާމިޔާބުކޮށްފައިވާ އިރު ފައިނަލުގައި އިންޑިއާގެ ކުޅުންތެރިޔާއާ ވާދަކޮށް އޭނާ ވަނީ ބަލިވެފަ އެވެ.

ދީމާ ހޯދި ކާމިޔާބީއަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި ގިނަ ބަޔަކު ދަނީ ތައުރީފް ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް