ކުރީ ފުރޮޅު ނެތި މިޔަންމާގެ މަތިންދާބޯޓެއް ޖައްސައިފި

މިޔަންމާގެ މަތިންދާބޯޓެއް ވަނީ ކުރީ ފުރޮޅާ ނުލާ ޖައްސާފައި -- ފޮޓޯ: އޭޕީ

ޔަންގޮން (މެއި 13): ކުރީ ފުރޮޅު ނެތި މިޔަންމާގެ މަތިންދާބޯޓެއް އިއްޔެ އެގައުމުގެ މަންޑަލޭ އެއާޕޯޓުގައި ޖައްސައިފި އެވެ.

މިޔަންމާ ނެޝަނަލް އެއާލައިންސްއިން ނެރުނު ބަޔާނެއްގައިވާ ގޮތުން ބޯޓު އެމާޖެންސީގައި ޖެއްސީ ބޯޓުގެ ކުރީކޮޅުގައި ހުންނަ ލޭންޑިން ގިޔާ މަސައްކަތް ނުކުރުމުގެ ސަބަބުންނެވެ.

އެހާދިސާގެ ވީޑިއޯއިން ފެންނަ ގޮތުގައި ބޯޓު ފުރަތަމަ ޖައްސަނީ ފަހަތު ފުރޮޅު ޖެއްސުމަށް ފަހުގަ އެވެ. އޭގެ ފަހުން ބޯޓުގެ ކުރީކޮޅު ރަންވޭގައި ޖެހި، އޭގެއިން ދުން އަރާ މަންޒަރު ވެސް ހިމެނެ އެވެ. އެއަށް ފަހު ބޯޓުގެ ފަސިންޖަރުން ބޭލުވީ އެވެ.

އެހާދިސާ ހިނގި ވަގުތު ބޯޓުގައި 82 ފަސިންޖަރުންނާއި ހަތް ކުރޫ މެމްބަރުން ތިއްބެވެ. އަދި އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް