ވަރުގަދަ ޔުވެންޓަސް ބަލިކޮށް ރޯމާއިން ގަދަ ހަތަރެއްގެ އުންމީދު އާކޮށްފި

ރޯމާގެ ފޯވާޑް އެޑިން ޒެކޯ ޔުވެންޓަސް ކޮޅަށް ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ/ރަޔާން ބެންސަން

އިޓާލިއަން ލީގުގެ ޗެމްޕިއަން ޔުވެންޓަސް ބަލިކޮށް ރޯމާއިން ގަދަ ހަތަރަކަށް އެރުމުގެ އުންމީދު ބޮޑު ކޮށްފި އެވެ.

ރޯމާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު އެ މެޗުން ޔުވެންޓަސްގެ މައްޗަށް އެ ޓީމުން ކުރި ހޯދީ 0-2 ގެ ނަތީޖާއަކުންނެވެ. މި މެޗުން ލިބުނު މޮޅާ އެކު ރޯމާ އިން ވަނީ ތާވަލުގެ ހަވަނައަށް ޖެހިލައިފަ އެވެ. ލީގުގައި ބާކީ ދެ މެޗު ކުޅެން އޮތް އިރު އެ ޓީމުން މިހާތަނަށް ވަނީ 62 ޕޮއިންޓް ހޯދައިފަ އެވެ. ފަސް ވަނާގައި އޮތް އޭސީ މިލާންއަށް ވެސް 62 ޕޮއިންޓް ލިބިފައިވާ އިރު އެ ޓީމުން ދަރަޖައިގެ ކުރި ހޯދަނީ ފައިދާ ގޯލު ގިނައިން ޖަހައިގެންނެވެ.

ހަތަރުވަނާގައި އޮތް އިންޓާ މިލާންއަށް 63 ޕޮއިންޓް ލިބޭ އިރު އެ ޓީމަށް ލީގުގައި ބާކީ އަދި ތިން މެޗު އެބަ އޮތެވެ. އޭގެން މެޗަކުން ބަލިވެއްޖެ ނަމަ ފަހަތުގައި އޮތް ދެ ޓީމަށް ކުރި އެރުމުގެ ފުރުސަތު ލިބޭނެ އެވެ.

ބޮޑު ފަރަގަކާ އެކު މި އަހަރުގެ އިޓާލިއަން ލީގުގެ ތަށި ޔުވެންޓަސް އިން އުފުލާލި ނަމަވެސް އޭގެ ފަހުން ކުޅުނު މެޗުތަކުން އެ ޓީމަށް ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެ އެވެ. އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން އެންމެ މެޗަކުން އެ ޓީމު މޮޅުވެފައިވާ އިރު ރޭގެ މެޗުގައި ވެސް ޔުވެންޓަސްގެ ފަރާތުން ފެނުނީ ވަރަށް އާދައިގެ ކުޅުމެކެވެ.

ރޭގެ މެޗުގައި ރޯމާއިން ޖެހި ގޯލުތައް އެ ޓީމަށް ޖަހައިދިނީ އެލެސަންޑްރޯ ފްލޮރެންޒީ އާއި އެޑިން ޒެކޯ އެވެ. މި ދެ ގޯލު ވެސް އެ ޓީމުން ޖަހާފައި ވަނީ މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށެވެ.

ރޯމާއިން ކުރިއަށް އޮތް މެޗުގައި ސަސުލީއާއި ދެކޮޅަށް ނުކުންނަ އިރު ޔުވެންޓަސް އިން އަމިއްލަ ދަނޑުގައި ކުޅޭނީ އެޓްލަންޓާއާ ދެކޮޅަށެވެ.

comment ކޮމެންޓް