ޗެމްޕިއަން ބާސާއިން ގެޓާފޭ ބަލިކުރި އިރު ރެއާލް މެޑްރިޑް އަނެއްކާ ވެސް ބަލިވެއްޖެ

ބާސެލޯނާ އާއި ގެޓާފޭ ބައްދަލު ކުރި މެޗުގައި އާޓުރޯ ވިޑާލް ގޯލު ޖެހުމަށް ފަހު --- ފޮޓޯ/ސްޓީފެން ކްރީކް

ޗެމްޕިއަންސް ލީގުގެ ނާކާމީޔާބީއަށް ފަހު ކުޅުނު ފުރަތަމަ މެޗުން ރޭ ބާސެލޯނާ މޮޅުވި އިރު ވާދަވެރި ރެއާލް މެޑްރިޑް އަނެއްކާ ވެސް ބަލިވެއްޖެ އެވެ.

ބާސެލޯނާގެ ކޭމްޕް ނޫގައި ރޭ ގެޓާފޭއާ ބައްދަލު ކުރި މެޗުން އެ ޓީމު ކުރި ހޯދީ 0-2ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ބާސާއަށް 37 މެޗު ކުޅެގެން 86 ޕޮއިންޓް ވަނީ ލިބިފަ އެވެ. އެ ޓީމާ އެންމެ ގާތުން ދެން ވާދަ ކުރި އެތުލެޓިކޯ މެޑްރިޑަށް 37 މެޗު ކުޅެގެން 75 ޕޮއިންޓް ލިބޭ އިރު ރޭ ރެއާލް ސޮސިއެޑޭޑް އަތުން ބަލިވެ ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނައިގައި އޮތީ 68 ޕޮއިންޓާ އެކު އެވެ.

ރެއާލް މެޑްރިޑާއި ރެއާލް ސޮސިއެޑޭޑް ރޭ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ޕެޓްރިކް ރިޖް

މިދިޔަ ހަފްތާ ބާސެލޯނާ ލަދުވެތި ގޮތަކަށް ޗެމްޕިއަންސް ލީގުން ކަޓައިގެން ދިއުމުން އެ ޓީމުގެ ގިނަ ކުޅުންތެރިންނަށް ވަނީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް ގެއްލުންތަކެއް ލިބިފަ އެވެ. އަދި އެކަމުގެ އަސަރު ރޭގެ މެޗުން ވެސް ވަރަށް ބޮޑަށް ފެނިގެންގޮސްފައި ވެ އެވެ. އެއާ އެކު ސަޕޯޓަރުންގެ ފަރާތުން ވެސް ވަނީ މެޗުގެ ތެރޭގައި ކުރިން ނުފެންނަ ފަދަ ކުޅިވަރާ ޙިލާފު ބައެއް އަމަލުތައް ފެނިފަ އެވެ.

އެގޮތުން ބައެއް ކުޅުންތެރިންނަށް ބޯޅަ ލިބުމާ އެކު ތުން ގޮށްވާ ހަޅޭއްލަވާ ހެދި މަންޒަރު ވެސް މެޗުގެ ތެރެއިން ފެނިފައިވެ އެވެ. ނަމަވެސް ބާސެލޯނާ އިން ވަނީ އެ މެޗުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

މީގެ އިތުރުން އެ ޓީމާއި ހުރިހާ ގޮތަކުން ވެސް އެންމެ ވާދަވެރި ރެއާލް މެޑްރިޑް ވަނީ ބަލިވުން އާދައަކަށް ހަދާފަ އެވެ. ރޭ ރެއާލް ސޮސިއެޑޭޑް އަތުން ލިބުނު ބައްޔާ އެކު ރެއާލް ވަނީ މި ސީޒަނުގައި 11 ފަހަރަކު ސްޕެނިޝް ލީގުގައި ބައްޔަކާ ކުރިމަތި ލާން ޖެހިފަ އެވެ. މިއީ މީގެން ޒަމާނަކު ވެސް ރެއާލް މެޑްރިޑް ވެއްޓިފައި ނުވާހާ ދަށު ދަރަޖަ އެކެވެ.

ރެއާލުން ލީގުގެ މެދަކާ ހަމައަށް ދިޔައިރު ދެ ކޯޗުން ވަނީ ޓީމަށް ގެނެސް ވަކިކޮށްފަ އެވެ. މީގެ ކުރިން އެ ޓީމަށް ބޮޑެތި ކާމިޔާބީތައް ހޯދައިދިން ކޯޗު ޒިދާންގެ އެނބުރި އައުމާ އެކު މެޗުތަކުން ރަނގަޅު ނަތީޖާތަކެއް ނެރުނު ނަމަވެސް ފަހަކަށް އައިސް އެ ޓީމުން ކުޅުނު ގިނަ މެޗުތަކުން ވަނީ ބަލިވެފަ އެވެ.

ރޭގެ މެޗުގައި ރެއާލް މެޑްރިޑްގެ ފަރާތުން ފެނުނީ ވަރަށް އާދައިގެ ކުޅުމެކެވެ. މެޗުގައި ކުރީ ކޮޅު ގޯލެއް ޖަހައި ލީޑު ނެގި ނަމަވެސް ރެއާލް ސޮސިއެޑޭޑްގެ އަވަސް ކުޅުމާ އެކު އެ ޓީމުން ވަނީ ފަހަތުން އަރައި ރެއާލް ކޮޅަށް ތިން ގޯލު ޖަހައިފަ އެވެ.

މި ގޮތުގައި އޮވެ ސީޒަން ނިންމާލަން ޖެހިއްޖެ ނަމަ މިއީ ފަހުގެ ތާރީހުގައި ރެއާލް މެޑްރިޑް އެންމެ ބޮޑު ނާކާމީޔާބީއަކާއި ކުރިމަތިލާން ޖެހޭ ސީޒަނަށް ވާނެ އެވެ. ލީގުގެ ފަހު މެޗުގައި އެ ޓީމުން ނުކުންނާނީ ރެއާލް ބެޓިސްއާ ދެކޮޅަށެވެ.

comment ކޮމެންޓް