ސަލްމާއާއި ގުރްއާނުގައިވާ ކަނބަލުންގެ ވާހަކަތައް 8: ފިރްޢައުނުގެ އަނބިކަނބަލުން 3

"ހާމާން! އަހަރެން މިއިނީ ތިބާގެ އިންތިޒާރުގައި." ހާމާނަށް ގޮވައިލަމުން ފިރްޢައުނު ބުންޏެވެ.

"ފިކުރުފުޅު ބޮޑު ވެދާނެ ކަހަލަ ވާހަކައެއް ސާހިބާާ ސަންގީތު އަޑުއައްސަވާ ގަޑީގައި ދެންނެވުން ރަނގަޅު ކަމަކަށް ނުދެކެން." ހާމާނު ބުންޏެވެ.

"ވާހަކަ ދައްކާ! ކޮބާ ޚަބަރަކީ؟" ފިރްޢައުނު ސުވާލު ކުރިއެވެ.

"ހުރިހާ ކަމެއް ވެސް ރަނގަޅު." ހާމާނު ޖަވާބު ދިނެވެ.

"ކިހިނެއް ރަނގަޅު ވާނީ! މި ބިމުގައި އަހަރެން ނޫން އިލާހަކު ވާ ކަމަށް ގަބޫލު ކުރާ ބަޔަކު އުޅޭ އިރު ވެސް!" ސުވާލުގެ ރާގެއްގައި ފިރްޢައުނު ބުންޏެވެ.

"ނަބީ ކަމަށް ދައުވާ ކުރި ޔޫސުފަށް ތަބާ ވާ މީހުންގެ ތެރޭގައި މިހާރު ހުރީ އެއްމެ މީހެއް." ހާމާނު ބުންޏެވެ.

"ތިޔަ ބުނާ އެއްމެ މީހާއަކީ ފަހަރެއްގައި ބޮޑު ލަޝްކަރަކަށް ވެސް ބަދަލުވެގެން ހިނގައިދާނެ. އަަހަރެމެން އޭނާ ދޫކޮށްލައިގެން ތިބެއްޖެ ނަމަ." ފިރްޢައުނު ބުންޏެވެ.

"ތިޔަ ވިދާޅުވީ ރަނގަޅު ވާހަކަފުޅެއް. މަ ސާހިބާ! އެހެންވެގެން ނޫން ތޯ މި ފޮށީގައި އަޅުގަނޑު މަނިކުފާނުގެ އަރިހަށް އޭނާގެ ބޯ މި ގެނައީ." ފަހުރުވެރިކަމާ އެކު ހާމާނު ބުންޏެވެ.

"އޭ ހާމާނު! ތިބާ ކަންތައް ތިޔަ ކުރީ ވަރަށް ރަނގަޅަށް. މިހާރު އަހަރެންނަށް އަހަރެންގެ ރަސްކަމާއި އިލާހުވަންތަކަމާ މެދު ހިތްހަމަ ޖައްސާލައިގެން ހުރެވިދާނެ." ފިރްޢައުނު ބުންޏެވެ.

"މަ ސާހިބާ! އަދި އެހެން ޚަބަރެއް އެބަ އޮތް. އެވާހަކަ އިވިވަޑައިގަތުމަކީ މަނިކުފާނު ހިތްޕުޅު ހަމަޖެހޭ ކަމަކަށް ނުވެދާނެ." ހާމާނު ބުންޏެވެ.

"ކޮބާ އެ ޚަބަރަކީ؟" ފިރްޢައުނު އެހިއެވެ.

"މަނިކުފާނުގެ އަނބިކަނބަލުން، މާތްވެގެންވާ ރާނީ އާސިޔާ މިއަދު ވަނީ ކޮންމެ ފަގީރަކަށް ރަނުގެ ދޭތިކޮޅު ދެއްވާފައި." ހާމާނު ބުންޏެވެ.

"އެންމެ ރަނގަޅު. މިއަދު އަހަރެން އިތުރު ހަރާޖުތަކެއް ނަގަން އިއުލާން ކުރާނަން. އިލާހުވަންތަ ރަސްގެފާނު ބައިވެރިވާ އީދުގެ ކަންތައްތައް ކުރުމަށް ކޮންމެ މީހަކު ރަނުގެ ތިނެތިކޮޅު ދޭން ޖެހޭނެ ކަން އަންގާ!" ފިރްޢައުނު ބުންޏެވެ.

*****

"ނޫން. ނޫން. ވަށައިގެން ހުސް އަލިފާން. ކޮބާ ފެން؟ އަލިފާން ނިއްވަ ބަލަ! އަލިފާން ނިއްވަ ބަލަ! އާއ. އާއ. އާއ." ނިދީގެ ތެރޭގައި އޮވެގެން ފިރްޢައުނު ހަޅޭއްލަވަމުން ގެންދިޔައެވެ.

"ފިރިކަލުންނޭ. ހަމަޖެހިވަޑައިގަންނަވާ! މަނިކުފާނުގެ ހާލުކޮޅު ރަނގަޅު. މި ތަނުގައި އަލިފާނެއް ނެތް. ތިޔައީ ހަމައެކަނި މަނިކުފާނަށް އަވަހާރަފުޅުގައި ފެނިވަޑައިގަތް ހުވަފެންފުޅެއް. ހޭފުޅުލައްވާ!" ފިރްޢައުނަށް އޭނާގެ އަންހެންކަމަނާ އާސިޔާ ވިދާޅުވިއެވެ.

"މިއީކީ އާދައިގެ ހުވަފެނެއް ނޫން. މިއީ ކާބޫޒެއް." ފިރްޢައުނު ބުންޏެވެ.

"ކޮން އެއްޗެއް ތޯ މަނިކުފާނަށް ފެނިވަޑައިގަތީ؟" އާސިޔާ ސުވާލު ކުރެއްވިއެވެ.

"އަހަންނަށް ފެނުނީ ވަރުގަދަ އަލިފާންގަނޑެއް. އޫރުޝަލީމުގެ ބިމުން ނުކުމެގެން މި ދިމާއަށް އަންނަ ތަން. އަދި ކައިރި ވަމުން އައިސް ހުރިހާ އެއްޗެއް އަންދަމުން ދިޔަ ތަން. ދަނޑުތަކާއި ގަނޑުވަރުތަކާއި މާބަދުތައް ވެސް." ފިރްޢައުނު ބުންޏެވެ.

"ހަގީގަތުގައި ވެސް ވަރަށް ބިރުވެރި ހުވަފެންފުޅެއް ތިޔައީ." އާސިޔާ ވިދާޅުވިއެވެ.

"އެކަމަކު އެންމެ ހައިރާން ވީ ކަމަކީ، އެ އަލިފާންގަނޑުން ފަގީރުންގެ ގެތައް ސަލާމަތް ވެފައި ވީ ކަން. އެއީ އިސްރާއީލު ބާގައިގެ މީހުން އުޅޭ ގެތައް." ފިރްޢައުނު ބުންޏެވެ.

"ފަހަރެއްގައި ވެދާނެ ތިޔަ ހުވަފެންފުޅަކީ އަލަށް އިއުލާން ކުރެއްވި ހަރާޖުގެ ކަންތައްތަކަކީ ރަނގަޅު ކަމެއް ނޫން ކަމުގެ މައްޗަށް ދަލީލު ކުރާ ހުވަފެންފުޅަކަށް ވެސް. ހަރާޖުގެ ގޮތުގައި ދައްކާން ޖެހޭ ރަނުގެ އަދަދަކީ ކޮންމެ ކޮންމެ ރައްޔިތަކަށް ދެއްކޭ ވަރުގެ އަދަދެއް ނޫން." އާސިޔާ ވިދާޅުވިއެވެ.

"ހަރާޖާއި ވާރަކީ ހަރުދަނާ ކަމާ އެކު ގައުމުގެ ކަންތައްތައް ހިންގުމަށް ޓަކައި ކޮންމެހެން ނަގާން ޖެހޭ އެއްޗެއް." ފިރްޢައުނު ބުންޏެވެ.

"މަނިކުފާނު ރޭގަނޑުގެ ފަރިއްކޮޅަކަށް ބޭނުންފުޅު ކުރެއްވީ ކޮން އެއްޗެއް ތޯ؟" ވާހަކައިގެ މިސްރާބު ބަދަލު ކޮށްލެއްވުމުގެ ބޭނުންފުޅުގައި އާސިޔާ ވިިދާޅުވިއެވެ.

"ގާތްގަނޑަކަށް އެއްވެސް އެއްޗެއް ނުކަމޭ ވެސް ބުނެވިދާނެ. ހަމައެކަނި ފިހެފައި އޮތް ކަންބަޅިއަކާއި ހަތަރުފަސް ކުކުޅެއްގެ މަސް." ޖަވާބުގައި ފިރްޢައުނު ބުންޏެެވެ.

"އެހެންވީމާ ތިޔަ ފެނިވަޑައިގަތް ހުވަފެންފުޅަކީ އަވަހާރަ ލެއްޕެވުމުގެ ކުރީން އެހާ ގިނައިން މަސް ފަރީއްކުޅުއްވުމުގެ ސަބަބުން ވީ ކަމެއް ކަމަށް ގަބޫލު ކުރެވެނީ." ވާރުހަރާޖުގެ މައްސަލައިގައި ފިރްޢައުނާ ދެބަސްވެވަޑައިގަންނަވާން ބޭނުންފުޅު ނުވާތީ އާސިޔަތުގެފާނު އެކަމަނާގެ ވާހަކަފުޅުގެ މިސްރާބު ބަދަލު ކޮށްލެއްވީއެވެ.

"މި ބުނީނު މާ ގިނަ އެއްޗެއް ނުކަމޭ. އެއްމެ ކަންބަޅިއެކޭ ދެން އެއްމެ ހަތަރުފަސް ކުކުޅެއެއްގެ މަހޭ. މިއީ އާއްމުކޮށް އަހަރެންގެ ކެއުން ހުންނަ ގޮތާ އަޅާ ބަލާއިރު ވަރަށް މަދު އެތިކޮޅެއް. މި ކަމުގައި ޝާހީ ހަކީމާ މަޝްވަރާ ކުރާނަން." ފިރްޢައުނު ބުންޏެވެ.

- ނުނިމޭ -

comment ކޮމެންޓް