ޗޮކްލެޓަކީ ޔަގީނުންވެސް އަހަރެމެންނަށް އެއާ ނުލާ ނޫޅެވޭ ވަރަށް ވުރެ ބޮޑަށް، ކަމުދާ މީރު އެއްޗެކެވެ. ތަފާތު އެކި ވައްތަރުތަކުގެ ކޭކުތަކާއި، ޕުޑިންއާއި، މި ނޫންވެސް ފޮނި އެއްޗެހީގައި ޗޮކްލެޓްގެ އެކި ވައްތަރުތައް ތަފާތު ގޮތްގޮތަށް ބޭނުންކުރެވެ އެވެ. މިގޮތުން އުރީދޫ ބަދިގޭގައި މިއަދު މި ގެނެސްދެނީ ޗޮކްލެޓާއި ޕްރޫންސް ބޭނުންކޮށްގެން ތައްޔާރު ކުރެވޭ ވަރަށް ތަފާތު ޑްރިންކެކެވެ.
މި ޑްރިންކް ތަައްޔާރުކޮށްލަދިނީ ސުއާދާ ނަސީރު އެވެ.
ބޭނުންވާ ތަކެތި
125 ގްރާމް ޑްރައިޑް ޕްރޫންސް
150 އެމްއެލް ފެން
125 ގްރާމް ޕްލެއިން ޑާކް ޗޮކްލެޓް (70% ކޮކޯ ސޮލިޑްސް) ނުވަތަ ޗޮކްލެޓް ޕައުޑާ
500 އެމްއެލް ނެޗުރަލް ޔޯގާޓް
25 ގްރާމް މިލްކް ނުވަތަ ޕްލެއިން ޑާކް ޗޮކްލެޓް (ޑެކަރޭޓް ކުރުމަށް)
ތައްޔާރުކުރާނެ ގޮތް
ޕްރޫންސްތައް ކުޑަ ތެއްޔެއްގައި ފެނާއި އެކު ބޮކި އަރަންދެން ކައްކާލާށެވެ. އެއަށްފަހު ފުޑް ޕްރޮސެސާއެއް ނުވަތަ މިކްސަރެއްގައި އޮމާން ވަންދެން ފުނޑާލާށެވެ. އެއަށްފަހު އަނެއްކާވެސް ތެލީގައި ޗޮކްލެޓްތަކާއި އެކު ވަރަށް ގިނި މަޑުކޮށް ކައްކާލާށެވެ. މިގޮތަށް ކައްކާނީ ހަމައެކަނި ޗޮކްލެޓް މެލްޓް ވަންދެން އެކަންޏެވެ. އެއަށްފަހު އުނދުން ނިއްވާލައި ޔޯގަޓްކޮޅު އަޅާލާށެވެ. އަދި ފިނިވަންދެން މަޑުކޮށްލާށެވެ.
ތައްޔާރުކުރެވިފައިވާ މިނުގައި 4 ތަށި ހަދާލެވޭނެއެވެ. މިގޮތުން ތަށިތަކަށް ޗޮކްލެޓް ކޮޅު އަޅާލުމަށްފަހު އޭގެ މައްޗަށް ގާނިޝްކޮށްލުމުގެ ގޮތުން ކުޑަ ޗޮކްލެޓްކޮޅެއް އަޅާލާށެވެ.