ރޯދަ ވީއްލަން ދައުވަތު ދޭންވީ ގެއަށް!

މާލޭގެ ރެސްޓޯރަންޓެއްގައި ރޯދަ ވީއްލަން ތައްޔާރުކޮށްފައިވާ ތަކެތި -- ފޮޓޯ/ ދަ ގޯޓްފިޝް ކެފޭ

ރޯދަ ވީއްލަން ދައުވަތު ދިނުމަށް ލިބޭ ފުރުސަތުގައި، ރަހުމަތްތެރީންނަށް މެހެމާންދާރީ އަދާކުރާނީ އަމިއްލަ ގޭގައި ކައްކައިގެން ހެއްޔެވެ؟ ނުވަތަ އެމީހުން ގޮވައިގެން ރޯދަ ވީއްލަން ރެސްޓޯރަންޓަކަށް ޖައްސާލާނީ ހެއްޔެވެ؟

މި ސުވާލުތަކަށް ޖަވާބު ދޭން މިހާރު ވަރަށް ވެސް އުނދަގުލެވެ. ސަބަބަކަށް ވަނީ ދިރިއުޅުމުގެ ހާލަތާ އެކު އާދަތައް ބަދަލު ކުރަން މަޖުބޫރުވާތީ އެވެ. އެއީ ބޭނުން ނުވިޔަސް ގެންނަން ޖެހޭ ބަދަލެކެވެ.

ޒަމާނުއްސުރެ ދިވެހީންގެ މެދުގައި އޮންނަ ބޮޑު އެއް ސަގާފަތަކީ، ރޯދަ ވީއްލުމަށް އަބަދުވެސް ކޮންމެވެސް ބަޔަކަށް ދައުވަތު ދީގެން ގެޔަށް ގެނައުމެވެ. ރޯދަ ވީއްލާ ވަގުތަށް މީރުކޮށް ކެއުން ތައްޔާރުކޮށް، މެހެމާނުންނަށްޓަކައި މޭޒު މަތީ އަތުރާލަ އެެވެ. އަދި ނުވިތާކަށް، ގެއިން ފޮނުވާލާނީވެސް ނާދެވޭ މީހުންނަށް ތަށިބަރިއަކާ އެކު އެވެ.

އެހެން ނަމަވެސް މިއަދު މާލޭގައި މީހުން ދިރިއުޅެން ޖެހިފައިވަނީ ކުދި ކުދި ކޮޅިތަކުގަ އެވެ. އެއާ އެކު އެ ސަގާފަތް ބަދަލު ކުރަން ވެސް ޖެހިއްޖެ އެވެ. ރޯދަ ވީއްލަން މެހެމާނުންނަށް މިހާރު ދައުވަތު ދެވޭ ހެއްޔެވެ؟ އެކަން ކުރެވޭ ހެއްޔެވެ؟ މިއީ ހައްތަހާ ވެސް ސުވާލެވެ.

ސޯޝަލް މީޑިއާގައި މި ސުވާލު ދޫކޮށްލުމުން 300 އަށް ވުރެ ގިނަ މީހުންގެ ތެރެއިން 89 ޕަސަންޓު މީހުން ތާއީދުކުރީ ރަހުމަތްތެރީން ގެއަށް ގެނެސްގެން ރޯދަ ވީއްލުމަށެވެ.

"ގޭގައި މާ ޕަރސަނަލައިޒްޑް އިހުސާސެއް ކުރެވޭނީ. މެހެމާނުން ގެއަށް ގެނެސް ކުރީގެ ހަނދާންތަކާއި އެކިއެކި ވާހަކަތައް ދެކެވޭނެ. އަނެއްކާ އަހަރެންނަށް ތައްޔާރުކުރަން އެނގޭ ކެއުންތައް، އަހަރެންގެ ގޭގައި އެހެން މީހުންނަށް ސާވްކޮށްދިނުމުގެ އުފާ ލިބޭ،" ޓްވިޓާގައި ޖަވާބުދިން މީހަކު ބުންޏެވެ.

މިއީ ގިނަ ބަޔަކު އެންމެ އެދޭ ގޮތެވެ. އަމިއްލައަށް ކައްކައި، ރަހުމަތްތެރީންނަށް ގޭގައި މެހެމާންދާރީ އަދާކޮށްދިނުމެވެ. ނަމަވެސް މިކަން ބަދަލުވާން ޖެހޭ ސަބަބުތައް ބައިވަރެވެ.

ކުރީގައި ގޯތި ތެރޭގައި ނުވަތަ ސިޓިންގް ރޫމުގައި ބޮޑު މޭޒުގައި ގިނަ ބަޔަކަށް ކެއުން ތައްޔާރުކުރި ނަމަވެސް، މިހާރު ދިރިއުޅޭ ތަންތަން ސައިޒުން ކުޑަވެއްޖެ އެވެ. މިހާރު ސިޓިންގް ރޫމާއި ބަދިގެއާއި ނިދާ ކޮޓަރިއަކީ ވަރަށް ގިނަ މީހުންނަށް އެއްތަނެކެވެ. އަދި މިހާރު ބައެއް މީހުންގެ ވިސްނުމަށް އައިސްފައިވާ ބަދަލުތަކާއެކު، ކޮންމެ ކޮންމެ ވަގުތަކު ބޭރުން އަންނަ މެހެމާނުންނަށް ގެއަށް މަރުހަބާ ކިޔޭ ގޮތެއް ވެސް ނުވެ އެވެ.

މި މައްސަލަ ވެސް ގޮސް މި ގުޅެނީ، އިޖުތިމާއީ ބޮޑު މައްސަލަގަޑެއްގެ ތެރެއަށެވެ. އުޅެންޖެހޭ ތަންކޮޅު ކުޑަކަމުން ގެއަށް މީހުން ގެނެސް، މެހެމާންދާރީ އަދާކުރެވޭނެ ގޮތެއް ނުވެ އެވެ. ނުވަތަ ކުދިން ބަހައްޓާ ގެއެއްގައި ދިރިއުޅެންޖެހޭތީ އަމިއްލަ ރަހުމަތްތެރީން ގެނެސްގެން ރޯދަ ވީއްލުމުގެ ފުރުސަތު ނުލިބެނީ އެވެ.

މާލޭގައި ވަޒީފާ އަދާކުރާ، އުތުރުގެ އަތޮޅަކަށް ނިސްބަތްވާ ޒުވާނަކު ބުނީ އޭނާ މާލޭގައި ދިރިއުޅެންޖެހޭ ގޭގައި ގެ އެއްގެ އިހުސާސެއް އޭނާއަށް ނުކުރެވޭ އިރު، ރަހުމަތްތެރީން ގެއަށް ގެންނާނެ ގޮތެއް އޭނާއަށް ނޭނގޭ ކަމަށެވެ.

ގެދޮރުގެ މައްސަލަ ބާއްވާފައި، އިތުރު ސަބަބުތަކަށް ބަލަމާ ހިނގާށެވެ.

ޚިޔާލު ފާޅުކުރި އެކަކު ބުނި ގޮތުގައި، ރޯދަ މަހު ވަޒީފާއަށް ގޮސް، ނުވަތަ ކިޔަވަން ގޮސް ގެއަށް އައިސް ބަދިގޭގައި ކައްކަން އުޅުން ވަނީ ވަރުބަލިކަން އިތުރުވާ ކަމަކަށެވެ. ގޭގައި އުޅޭ މީހުންނާއެކު، އެމީހުންނަށް ފުދޭ ވަރަށް ކެއްކުމަކީ އާދަވެފައިވާ ކަމެއް ކަމުގައި ވީ ނަމަވެސް އޭގެ މައްޗަށް ރަހުމަތްތެރިން ރޯދަ ވީއްލަން ގެއަށް ގެންނަ ނަމަ ކެއްކުން ވަނީ "ތުރާލަކަ"ށެވެ.

މި ސަބަބުތައް އެކުވެ، ރޯދަ ވީއްލުމުގެ ޓްރެންޑް މިދިޔަ ފަހެއް ނުވަތަ ހަ އަހަރުގެ ތެރޭގައި އޮތީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. ރެސްޓޯރަންޓްތަކުގެ ފައްކާ ރޯދަ މެނޫތަކަށް މާ ޝައުގުވެރިވެ އެވެ. އަދި ރަހުމަތްތެރީންނާއި އާއިލާ ގެއަށް ގެންނާތީ ކެއްކުމުގެ ބަދަލުގައި، އެންމެން އެކުގައި ރެސްޓޯރަންޓަށް ރޯދަ ވީއްލަން ދިއުމަކީ ފަސޭހަ ގޮތެވެ. ހަރަދު ބޮޑު ވިޔަސް ފަސޭހަ ގޮތަކީ އެއީ އެވެ.

ނުވި ތަނުގައި އޮފީހުން އިންތިޒާމުކުރާ "އޮފީސް ރޯދަވީއްލުން"، ނުވަތަ ކްލާސްމޭޓުންނާއެކު ބާއްވާ "ކްލާސް ރޯދަވީއްލުން"ވެސް ބާއްވަނީ ގޭގައި ކެއްކުމުގެ ބަދަލުގައި، ރެސްޓޯރަންޓަކަށް ގޮސްގެންނެވެ.

ރަހުމަތްތެރީން އެކުގައި މުޅި ދުވަހު އުޅެފައި، ރޯދަ ވީއްލުމެއް ޕްލޭން ކޮށްލައިގެން ކެފޭއަކަށް ނުވަތަ ރެސްޓޯރަންޓަކަށް ރޯދަ ވީއްލަން ދިއުމަކީ އާންމު ކަމެކެވެ. ނަމަވެސް ގެއާއި ރެސްޓޯރަންޓް ނޫން އެހެން ގޮތެއްވެސް އެބަ އޮތެވެ. މިއީ ފަހަރުގައި މާ ހިތްގައިމު ގޮތަކަށް ވެސް ވެދާނެ އެވެ.

"އަހަރެމެންގެ ފްރެންޑްސް ގްރޫޕުން ކޮންމެ ރޯދަމަހެއްގައި، ކޮންމެ މީހަކު ކޮންމެވެސް އެއްޗެއް ކައްކައިގެން، ނުވަތަ އެންމެން އެކުވެގެން ތަނަކުން ޓޭކްއައުޓް ނަގައިގެން ޕާކެއް ކަހަލަ، އޯޕަން ތަނަކަށް ގޮސް ރޯދަ ވީއްލަން. މިދިޔަ ހަތް އަހަރެއްހާ ދުވަސް ވަންދެން މިކަން އެބަ ކުރަން،" ޒުވާނަކު އޭނާއާއި ރަހުމަތްތެރީންގެ އާ "ރޯދަ ސަގާފަތު"ގެ ވާހަކަ ކިޔައިދިނެވެ.

ހާލަތާ ގުޅިގެން ނުވަތަ ވިސްނުމަށް އައި ބަދަލުތަކާ ގުޅިގެން ސަގާފަތަށް މި ވަނީ ބަދަލުތަކެއް އައިސްފައެވެ. އެހެން ނަމަވެސް މިއަދުވެސް ދައުވަތު ދީގެން ރޯދަ ވީއްލުމުގެ ސަގާފަތް އެބަ އޮތެވެ. ސަގާފަތަށް އައި ބަދަލުތަކާ އެކު ވެސް ހިތްހަމަޖައްސާލައިގެން އެކުވެރިކަމުގެ މާހައުލެއްގައި ރޯދަ ވީއްލޭނެ އާ އަދި "ސަޅި" ގޮތްތަކެއް ވެސް ދިވެހީން ހޯދައިފި އެވެ.

comment ކޮމެންޓް