ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އިސްތިއުފާ ދޭން ނުޖެހޭ ކަމަށް ސިރިސޭނާ ވިދާޅުވެއްޖެ

ސިރިސޭނާ ދަނޑެއްގައި ފަސްގަނޑު ޖައްސަވަނީ

އަމްޕަރާ (މޭ 12) : މިދިޔަ މާޗް މަހުގެ ފަހުކޮޅު ސރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކަށް ފަހު ރައީސް މައިތުރިޕަލަ ސިރިސޭނާގެ އިސްތިއުފާއަށް ގޮވާލަމުންދާ އިދިކޮޅު ފަރާތްތަކަށް ސިރިސޭނާ ރައްދު ދެއްވައިފި އެވެ.

ސިރިސޭނާ ވިދާޅުވީ ގައުމު މިހާލަތުގައި އޮއްވައި އިސްތިއުފާ ދެއްވުމަކީ ކުރަންހެޔޮވާވަރުގެ ކަމެއް ނޫން ކަމަށާއި ސްރީލަންކާ އިން ޓެރަރިޒަމާއި ޓެރަރިޒަމްގެ ފަހަތުގައިވާ ހަރުކަށި ޖަމާއަތްތައް ނައްތާލުމުގެ ކުރިން އެފަދަ ކަމަކާ ނުވިސްނަވާނެ ކަމުގަ އެވެ.

ސްރީލަންކާގެ އިރުމަތީގެ ސަރަހައްދެއް ކަމަށްވާ އަމްޕާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ސިރިސޭނާ ވިދާޅުވީ ޓެރަރިސްޓް ހަމަލާތަކަށް ފަހު ގައުމުވަނީ ޚުތޫރަތްތެރި ހާލަތެއްގައި ކަމުގަ އެވެ. މި ހާލަތުން އަރައިގަތުމަށް އިދިކޮޅު ފަރާތްތަކުގެ އެއްބާރުލުން ވެސް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިރިސޭނާ ވިދާޅުވީ، ދުނިޔޭގެ ބޮޑެތި ގައުމުތައް ވެސް ޓެރަރިސްޓް ހަމަލާތަކުން ސަލާމަތް ނުވާ ކަމަށާއި އެ ގައުމުތަކަށްދޭ ޓެރަރިސްޓް ހަމަލާތަކަށް ފަހު އެ ގައުމުތަކުގެ ލީޑަރުންގެ އިސްތިއުފާއަށް އިދިކޮޅު ފަރާތްތަކުން ނުގޮވާކަމުގަ އެވެ.

މިދިޔަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކުގައި 258 މީހުން މަރުވެ 500 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު އެހަމަލާތަކަށް ފަހު ސްރީލަންކާގެ ފަތުރުވެރިކަން ވަނީ އާދަޔާ ޚިލާފަށް ދަށަށްގޮސްފަ އެވެ. ސްރީލަންކާއަށް ބޭރުގެ ފައިސާ ލިބޭ އެންމެ ބޮޑު އެއް ސެކްޓަރަކީ ފަތުރުވެރިކަމުގެ ސެކްޓާއެވެ.

ސްރީލަންކާގެ ފަތުރުވެރިކަމުގެ ސެކްޓަރުގެ އޮކިއުޕަންސީ ޓެރަރިސްޓް ހަމަލާތަަކަށްފަހު 15 އިންސައްތައަށް ވުރެ ވެސް ދަށަށް ގޮސްފައިވާ އިރު އެގައުމުން ފެންނަމުން ދަނީ ހިމޭންކަމާއި ހިތާމައާއި މާޔޫސްކަން ކަމަށް ޚަބަރުތައް ބުނެ އެވެ. ޓެރަރިސްޓް ހަމަލާތަކާއެކު މިދިޔަ އެޕްރީލްމަހު ސަރުކާރު މުވައްޒަފުންނަށް މުސާރަ ދީފައި ވަނީ ވެސް ފައިސާނެތުމުގެ ސަބަބުން މުސާރައިން ބައެއް ކެނޑުމަށްފަހުގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް ސްރީލަންކާގެ ރަސްމީ ފަރާތްތަކުން މިކަން ކަށަވަރު ކޮށެއް ނުދެ އެވެ.

ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ސިރިސޭނާގެ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވީ އެހަމަލާތައް ދޭން އުޅޭކަމުގެ ޖާސޫސީ މައުލޫމާތު ލިބުމުން ވެސް އެކަމުން ސަލާމަތްވުމަށް ޓަކައި އޭނާގެ ސަރުކާރުން ރައްކާތެރި ކަމުގެ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުންނެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް