ޖެހި ޖެހިގެން ދެވަނަ ފަހަރަށް އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ސިޓީއިން އުފުލާލައިފި

އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ޔަގީން ކުރުމަށްފަހު މެންޗެސްޓާ ސިޓީގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ/ ޖޯ ރައިޓް

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ވިދިވިދިގެން ދެވަނަ ފަހަރަށް މެންޗެސްޓާ ސިޓީއިން އުފުލާލައިފި އެވެ.

މިރޭ ރަށުން ބޭރުގައި ބްރައިޓޮން އެންޑް އަލްބިއަންއާ ވާދަކޮށް 1-4 ގެ ނަތީޖާއަކުން ސިޓީ މެޗު ކާމިޔާބު ކުރުމުން ޕްރިމިއާ ލީގުގެ ތަށި ވަނީ އެ ޓީމަށް ޔަގީން ވެފަ އެވެ. ލީގުގެ ފަހު މެޗު މިރޭ ކުޅުނު އިރު ސިޓީއަށް ވަނީ 98 ޕޮއިންޓް ލިބިފަ އެވެ. ފަހު ވަގުތާ ޖެހެންދެން ވެސް އެ ޓީމާ އެންމެ ގާތުން ވާދަ ކުރި ލިވަޕޫލްއަށް ލިބިފައި ވަނީ 97 ޕޮއިންޓެވެ.

ވޮލްވާހަމްޓޮން ކޮޅަށް ލިވަޕޫލްގެ ސާޑިއޯ މާނޭ ގޯލު ޖެހުމަށްފަހު --- ފޮޓޯ/ ޖޯ ރައިޓް

އަހަރުތަކަކަށްފަހު ޕްރިމިއާ ލީގުގެ އެއްވަނައިގެ ވާދަވެރިކަން އެންމެ ބޮޑުވި މި ސީޒަނަކީ އިނގިރޭސި ކުލަބުތަކަށް ޝަރަފުވެރި އަހަރެކެވެ. ޔޫރަޕުގެ އެންމެ ބޮޑު ދެ މުބާރާތުގެ ފައިނަލުގައި ވެސް މިފަހަރު ވާދަ ކުރާނީ ހަމައެކަނި އިނގިރޭސި ކުލަބު ތަކެވެ. އެއާ އެކު އިނގިރޭސި ލީގު ވެސް ވަނީ މީގެން ޒަމާނަކު ނުވާ ވަރަށް ފޯރި ހިއްޕާލާފަ އެވެ.

އެއްވަނައަށް ލިވަޕޫލްއާއި ސިޓީއިން ތަޅާފޮޅަމުން ދިޔަ އިރު ގަދަ ހަތަރެއްގެ ޖާގަ ހޯދަން އިތުރު ހަތަރު ކުލަބަކުން ދިޔައީ ބޮޑު ހަނގުރާމައެއް ކުރަމުންނެވެ. މިއަދު ކުޅުނު މެޗު ތަކުން ޕްރިމިއާ ލީގުގެ ތާވަލުގެ ވަނަތައް ވަނީ ޔަގީންވެފަ އެވެ. މުބާރާތުގެ އެއްވަނައަށް ސިޓީ އަދި ދެވަނައަށް ލިވަޕޫލް ދިޔަ އިރު ތިން ވަނަ ހޯދީ ޗެލްސީ އެވެ. އަދި ގަދަ ހަތަރެއްގެ ފަހު ޖާގަ ހޯދީ ޓޮޓެންހަމް އެވެ. ފަސްވަނައިގައި އާސެނަލް ނިންމާލި އިރު ހަވަނައިގައި ނިންމީ މެންޗެސްޓާ ޔުނައިޓެޑެވެ.

ވާދަވެރި އަދި އެހާމެ ފޯރިގަދަކޮށް މިރޭގެ މެޗުތައް ކުރިއަށް ދިޔަ އިރު އެންމެ ބޮޑު ޕްރެޝަރެއް އޮތީ ލިވަޕޫލަށާއި ސިޓީއަށެވެ. ސިޓީއިން މެޗުން އެއްވަރު ނުވަތަ ބަލިވި ނަމަވެސް ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ލިބޭނީ ލިވަޕޫލަށެވެ. ލިވަޕޫލް އިން މިރޭ ކުޅުނު މެޗުން ވޮލްވާހަމްޓޮންގެ މައްޗަށް ކުރި ހޯދީ 0-2 ގެ ނަތީޖާ އަކުންނެވެ.

ސިޓީއިން މިރޭ ކުޅުނު މެޗުގައި ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ. މޮޅުވުމުގެ ރޫހެއްގައި ކުޅުނު ސިޓީއިން ބްރައިޓޮން ކޮޅަށް ގިނަ ގޯލުތަކެއް ޖެހި ނަމަވެސް މެޗުގައި ފުރަތަމައިން ލީޑު ނެގީ ބްރައިޓޮންއިންނެވެ. އެ ޓީމުގެ ގޯލާ އެކު ލިވަޕޫލްގެ މެޗުގައި ސަޕޯޓު ކުރަން ތިބި ލިވަޕޫލްގެ ސަޕޯޓް އިތުރަަށް ގަދަ ކޮށްލި ނަމަވެސް ޖެހިގެން އައި މިނަޓުގައި ސިޓީއިން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އަދި އޭގެ އިރަކޮޅެއް ފަހުން އިތުރު ގޯލެއް ޖަހައި ސިޓީއިން ވަނީ ލީޑު ނަގާފަ އެވެ.

ދެވަނަ ހާފުގައި ވެސް ސިޓީއިން ދިޔައީ ބްރައިޓޮންގެ ގޯލައް ނުރައްކާތެރި ބޯޅަ ތަކެއް ފޮނުވަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗު ނިމުމުގެ ކުރިން ސިޓީއިން ވަނީ އިތުރު ދެ ގޯލު ޖަހައި ލީގުގެ ތަށި ޔަގީން ކޮށްފަ އެވެ.

އެހެން އަހަރުތަކާ ޙިލާފަށް މި ސީޒަނުގެ މެޗުތައް މިއަދު ނިންމާލި އިރު އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެއްވަނައިގައި ތިން ކުޅުންތެރިއަކު ވަނީ އެއްވަރުވެފަ އެވެ. ބާވީސް ގޯލު ޖަހައިގެން މި ސީޒަނުގެ ޓޮޕް ސްކޯރާސް އަށް ހޮވުނީ ލިވަޕޫލްގެ މުހައްމަދު ސަލާހުއާއި ސާޑިއޯ މާނޭގެ އިތުރުން އާސެނަލްގެ އެރިކް އޮބަމަޔެންގް އެވެ.

comment ކޮމެންޓް