ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރާ ކަމަށް ބުނެ ޕީއެންސީން ކަންބޮޑުވުން ފާޅުކޮށްފި

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މި ސަރުކާރުން ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އިން ވަކިކުރާ ކަމަށް ބުނެ އިދިކޮޅު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކަންބޮޑުވުންފާޅުކޮށްފިއެވެ.

ޕީއެންސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއްވެސް ހަމައަކަށް އަދި އުސޫލަކަށް ބެލުމެއް ނެތި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން އަންނަ ކަމަށެވެ.

ޕީއެންސީން ބުނީ ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްވާ މުވައްޒަފުންނަށް ވަޒީފާ އިން ވަކިކުރާނެ ކަމުގެ ބިރުދައްކައި އެ މުވައްޒަފުންގެ ވަޒީފާ އެކި ތަންތަނަށް މި ސަރުކާރުން ބަދަލުކުރަމުން އަންނަ ކަމަށެވެ.

ޕީއެންސީން ބުނީ މި ރަމަޟާން މަހު ވެސް އެތައް ބަޔަކު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށާއި މި ސަރުކާރުން ހިންގާ އެ އަނިޔާވެރި އަމަލު އެ ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކީ ވެސް އާއިލީ ޒިންމާތައް އުފުލަމުންދާ މީހަކަށް ވީހިނދު، އެތައް ބަޔަކު ވަޒީފާ އިން ވަކިކޮށް ނިކަމެތިކޮށްލުމަކީ އެތައް އާއިލާ އަކަށް އޭގެވޭނާއި ކެކުޅުން ތަހަންމަލް ކުރަން ޖެހޭނެ ކަމެކެވެ،" ޕީއެންސީގެ ބަޔާނުގައިވެއެވެ.

މި ސަރުކާރުން ވެރިކަމަށް އައީ ކޮންމެ ޕާޓީއެއްގައި އުޅޭ މީހަކަށް ވެސް ހަމަޖެހިގެން ވަޒީފާގައި އުޅެވޭނެ ކަމުގެ ޔަގީންކަން އަރުވަމުން ކަމަށާއި އެހެންކަމުން ރިޔާސީ ކެމްޕޭންގައި ވެވަޑައިގެންފައިވާ ވައުދާއެއްގޮތަށް އަމަލު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލާ ކަމަށް ޕީއެންސީން ބުންޏެވެ.

މީގެއިތުރުން ރާއްޖޭގެ އެތައް ރަށަކުން ކަރަންޓު ކެނޑި މި ރަމަޟާން މަހު ވެސް ރައްޔިތުން ކަނު އަނދިރީގައި ހޭދަކުރަން ޖެހިފައިވާ ކަމަށާއި އެކަމަކީ މި ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކާއި ކަންކަން ކުރުމުގެ ގާބިލްކަން ނެތް ކަމުގެ ހެއްކެއް ކަމަށް އެޕާޓީން ބުންޏެވެ.

comment ކޮމެންޓް