އޭޝިއަން ޓޭބަލް ޓެނިސް މުބާރާތުގެ ސެމީ ފައިނަލަށް ދީމާ ދަތުރުކޮށްފި

ދީމާ އަލީ ދެކުނު އޭޝިއާގައި އޮތް ޓީޓީ ހޯޕް މުބާރާތުގައި ވާދަ ކުރަނީ --- ފޮޓޯ/ ޔޫތް މިނިސްޓަރީ

މިއަހަރު އޮތް ދެކުނު އޭޝިއާގެ ހޯޕް ވީކުގައި ބައިވެރިވެ ބައިނަލްއަގުވާމީ ޓޭބަލް ޓެނިސް މުބާރާތަކުން ފުރަތަމަ ފަހަރަށް ރަން މެޑައްޔެއް ހޯދައިދިން ދީމާ އަލީ، މިހާރު ތައިލަންޑުގައި ކުރިއަށް ދާ އޭޝިއަން ޓީޓީ ހޯޕް ޓޯނަމެންޓުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

މިއަދު ފެށި މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް މިހާރު ނިންމާލާފައިވާ އިރު ދީމާ ސެމީ ފައިނަލަށް ދަތުރު ކުރީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބު ކޮށްގެނެވެ. މި މިބުރާތުގައި ބައިވެރިވާނީ އޭޝިއާ ބައްރުގެ ގައުމުތަކުގެ ތެރެއިންވެސް އެންމެ މޮޅެތި ކުޅުންތެރިންނެވެ.

ޒުވާން ޓީޓީ ކުޅުންތެރިޔާ ދީމާ އަލީ އަދި އޭނަގެ ކޯޗު ޝިއުރީ އިބްރާހިމް ---

މުބާރާތުގައި ފުރަތަމައިން ދީމާ ވާދަ ކުރީ އަވައްޓެރި އިންޑިއާއާއި ދެކޮޅަށެވެ. އެ މެޗު ތިން ސެޓު ސުން ސެޓުން ބަލިވި ނަމަވެސް ޖެހިގެން އައި މެޗުގައި ލެބަނަން ބަލި ކުރީ ތިން ސެޓު ސުން ސެޓުންނެވެ. އޭގެ ފަހުން ތައިލަންޑާ ދެކޮޅަށް ކުޅުނު މެޗުންވެސް ދީމާ މޮޅުވީ ތިން ސެޓު ސުން ސެޓުންނެވެ. ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި އޭނާ ބައްދަލު ކުރީ ކަޒަކަސްތާނާ ދެކޮޅަށެވެ. އެ މެޗުން އޭނާ ކުރި ހޯދީ ތިން ސެޓު އެއް ސެޓުންނެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާދަން ހެނދުނެވެ. ދީމާއަށް މި މުބާރާތުގައި ކޯޗުކަން ކޮށްދިނުމަށް ގޮސްފައި ވަނީ ޝިއުރީ އިބްރާހިމްއެވެ. އޭނާ ބުނީ މި މުބާރާތުގައި ދީމާގެ ފަރާތުން ދެކުނު އޭޝިއާ ޓޯނަމަންޓަށް ވުރެ ވަރުގަދަ ޕަފޯމަންސެއް ފެނިގެންދާނެ ކަމަށެވެ.

ދީމާ ހޯދަމުންދާ ކާމިޔާބީގެ އަޕްޑޭޓް ކުޅިވަރާ ބެހޭ މިނިސްޓަރު އަހްމަދު މަހްލޫފް ޓްވިޓާ މެދުވެރިކޮށް ދެމުން ގެންދާއިރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ދީމާއަށް ހިތްވަރު ދެއްވާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް