ރޯދައިގެ ވަސިއްޔަތް: ތައުބާވުން

މީހަކު އިސްލާމީ މަރުކަޒުގައި ނަމާދުކުރުމަށްފަހު ދުއާކުރަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރަމަޟާންމަހަކީ ފާފަތަކުން ތައުބާވެ ޢަމަލުތަކުގެ ފަތްފުށް ސާފުކޮށްލުމަށް ލިބޭ ފުރުސަތެކެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރައްވާފައިވެވެ. "مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ" متفق عليه މާނައީ: "ރަމަޟާންމަހުގެ ރޯދައިގެ ދަރުމަ ލިބުންއެދު އީމާންކަންމަތީގައި ހުރެ އެމަހުގައި ރޯދަ ހިފައިފި މީހާގެ އިސްވެދިޔަ ފާފަތައް ފުއްސަވައިދެއްވާނެއެވެ." އެމަހުގެ ރޭއަޅުކަން އެފަދައިން ކޮށްފިމީހާއަށްވެސް އިސްވެދިޔަހާ ފާފައެއް ފުއްސަވައިދެއްވާނެއެވެ.

މިފުރުސަތުގެ ބޭނުން ހިފައި ތައުބާ އާކުރުމަކީ ކޮންމެހެން ކުރައްޖެހޭ ކަމެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާއީ ތައުބާ ގަބޫލުކުރައްވާ، ތައުބާވާ އަޅުންދެކެ ލޯބިވެވޮޑިގެންވާ ކަލާނގެއެވެ. އަދި މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ރެޔަކާއިދުވާލު ސަތޭކަފަހަރު ތައުބާވެލައްވާކަމުގައި ރިވާވެގެންވެއެވެ.

ތައުބާވާން އެދޭމީހާ އަންނަނިވި ކަންތައްތަކަށް ރައްކާތެރިވުން ހުއްޓެވެ.

ފާފަކުރުން ހުއްޓާލައި ފާފަތަކުން އެއްކިބާވުން

އެގޮތުން ތިމާއަށް ކުރެވޭ އެންމެހައި ފާފަތަކުން ދުރުހެލިވާންޖެހޭނެއެވެ. ހަމައެޔާއެކު ފާފަކުރެވޭފަދަ ހުރިހާ ދޮރުތަކެއް ބަންދުކޮށް އެކަންކަމުންވެސް ރައްކާތެރިވާން ޖެހޭނެއެވެ. އެހެނީ ފާފަކުރުން ހުއްޓާލުމުގެ ތެރޭގައި ފާފައަށް މަގުފައިވާ ހުރިހާ ދޮރުތަކެއް ބަންދުކުރުން ހިމެނެއެވެ.

ފާފަކުރެވުނު ކަމުގެ މައްޗަށް ހިތާމަކުރުން

ކުރެވިފައިވާ ފާފަތަކީ ކީރިތިވަންތަ ﷲގެ އަމުރުފުޅުތަކަށް ނުކިޔަމަންތެރިވުން ކަމުގައި ހަނދާންކުރާށެވެ. އެކަލާނގެ ދެއްވި ގިނަގުނަ ނިއުމަތްތަކެއްގެ ބަދަލުގައި އަދާކުރަންޖެހޭ ޝުކުރުވެސް ހަނދާންނައްތައިލުމަށްފަހު އެކަލާނގެ ނަހީކުރެއްވި ކަންކަމަށް އަރައިގަނެވިފައިވާނަމަ އެކަމުގެ މައްޗަށް ހިތާމަކުރުން ލާޒިމުވެގެންވެއެވެ. އަދި ފާއިތުވެގެން ދިޔަ ވަގުތުތައް އެފަދަ ގޮތެއްގައި ހޭދަކުރެވުނުކަމައްޓަކައި ދެރަވެ ތިމާގެ ދިރިއުޅުމާއިމެދު ވިސްނާލަން ޖެހެއެވެ.

ދެއްވަނަ ފަހަރަށް ފާފަތަކަށް އަރައިނުގަތުމަށް އަޒުމު ކަނޑައެޅުން

ތިންކަމެއް މީހެއްގެ ކިބައިގައި ހުރެއްޖެނަމަ އޭނާއަށް އީމާންކަމުގެ ފޮނިކަން އިހިސާސްކުރެއްވޭނެކަމުގައި ސައްހަ ހަދީޘްފުޅުތަކުން ރިވާވެގެންވެއެވެ. އެއީ ﷲ އާއި އެކަލާނގެ ރަސޫލާއަށްވުރެ ވަކިން ބޮޑަށް ލޯބިވާ ފަރާތްތަކެއް އޭނާއަށް ނެތް މީހާއެވެ. އަދި ﷲގެ އަޅެއް ދެކެ ލޯބިވާ މީހަކު، އެކަލާނގެއަށްޓަކައި މެނުވީ އޭނާ ދެކެ ލޯބިނުވާ މީހާއެވެ. އަދި އަލިފާނަށް އެއްލާލެވުމަށް ނޭދޭ ފަދައިން ކުފުރުން މާތް ﷲ ސަލާމަތްކޮށްދެވުމުން އެ ކުފުރަށް އެނބުރި ރުޖޫއަވާން ނޭދޭ މީހާއެވެ.

މީހަކަށް އަނިޔާވެރިވެވިފައިވާނަމަ އެކަމުން ބަރީއަވުން

އަނިޔާވެރިކަމުގެ ދެބައެއްވެއެވެ. އެއީ މާއްދީ ބަޔަކާއި މައުނަވީ ބައެކެވެ. މާއްދީގޮތުންނަމަ މީހެއްގެ މުދަލެއް ނުހައްގު އަރައިގަނެ އެއްޗެއް ނަގާފައިވާނަމަ، އެތަކެތި އަނބުރާ ދިނުންނުވަތަ ބަދަލު އަދާކުރުމެވެ. އަދި މައުނަވީ ގޮތުންނަމަ މީހަކާ ގުޅުން ކަނޑައި މީހަކަށް ހިތާމައެއް ދިނުންފަދަ ކަމެއް ހިނގާފައިވާނަމަ އެކަމުން މައާފަށް އެދި ސުލްހަވުމެވެ.

ތައުބާވުމުގެ މިޝަރުޠުތައް ފުރިހަމަ ކުރަންޖެހޭނީ ތިމާގެ ފުރާނަ ނޭވާހޮޅިއަށް އެޅުމުގެ ކުރިންނެވެ. އަދި ހުޅަނގު ފަރާތުން އިރުއެރުމުގެ ކުރިންނެވެ.

ތައުބާވުމަށް އަވަސްވެގަނެ ތިމާގެ ފުށުން ވެވިފައިވާ ކުށް ފާފަތައް ފުއްސަވައިދެއްވުން މާތް ﷲ ގެ ހަޟުރަތަށް ރުޖޫއަވުން ލަސްކޮށްގެން ނުވާނެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "إِنَّمَا التَّوْبَةُ عَلَى اللّهِ لِلَّذِينَ يَعْمَلُونَ السُّوَءَ بِجَهَالَةٍ ثُمَّ يَتُوبُونَ مِن قَرِيبٍ فَأُوْلَـئِكَ يَتُوبُ اللّهُ عَلَيْهِمْ وَكَانَ اللّهُ عَلِيماً حَكِيماً" (النساء 17) މާނައީ: "ތައުބާ ލެއްވުން ﷲގެ ހަޟުރަތުން އޮތްކަން ކަށަވަރީ، ނޭނގިތިބުމާއެކު ނުބައިކަންތައްކޮށް، ދެން، އެކަންތައް ކުރުމާ ގާތުގައި (ލަސްނުކޮށް) ތައުބާވެ އުޅޭމީހުންނަށެވެ. ފަހެ، ﷲ، އެއުރެންގެ މައްޗަށް ތައުބާ ލައްވަތެވެ. އަދި، މޮޅަށް ދެނެވޮޑިގެންވާ ހަކީމުވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ."

މުސްކުޅި އުމުރާޖެހެންދެން ތައުބާވުން ލަސްކޮށްލައި، ފާފައިގެ މަތީގައި ތިމާގެ އުމުރު ހޭދަކޮށްލުމަކީ ބިރުވެރި ކަމެކެވެ. ޒުވާންކަން އެކަމެއްގެ މަތީގައި ހޭދަކޮށްލި އަމަލެއްގެ މަތީގައި މަރުއައިސް ބައްދަލުކުރުން ގާތެވެ. މަރު އައިސް ބައްދަލުކުރުމުން، ކޮންމެ ނަފްސެއްވެސް އެދޭނީ، ނުކޮށް ދޫކޮށްލެވުނު ހެޔޮ ޢަމަލުތައް ކުރުމަށް އިތުރު ފުރުސަޠެއް ދެއްވުމަށެވެ. ނަމަވެސް އަޖަލު ހަމަވުމަށްފަހު އެންމެ ހިނދުކޮޅަކަށްވެސް ލަސްކުރެއްވުމެއް ނެތެވެ. އަދި ފާފައިގެ މަތީގައި ދެމިހުރެއްޖެ މީހާއަށް ތައުބާވުމުގެ ފުރުސަތުވެސް އެހާ ހިސާބުން ގެއްލިގެން ދިޔައީއެވެ.

މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. "وَلَيْسَتِ التَّوْبَةُ لِلَّذِينَ يَعْمَلُونَ السَّيِّئَاتِ حَتَّى إِذَا حَضَرَ أَحَدَهُمُ الْمَوْتُ قَالَ إِنِّي تُبْتُ الآنَ وَلاَ الَّذِينَ يَمُوتُونَ وَهُمْ كُفَّارٌ أُوْلَـئِكَ أَعْتَدْنَا لَهُمْ عَذَاباً أَلِيماً" (النساء 18) މާނައިގައިވެއެވެ. "އަދި، ނުބައިކަންތައް ކޮށްކޮށް ތިއްބާ އެއިންމީހެއްގެ ގާތަށް މަރު އައިސް ޖެހިއްޖެނަމަ، އެހިނދު ތިމަން މިހާރު ތައުބާވެއްޖައީމޭ ބުނާ މީހުންނާއި، ކާފަރުން ކަމުގައި ތިބެ މަރުވާ މީހުންނަކަށް ތައުބާ ލެއްވުމެއް ނެތެވެ. އެއުރެންނަށްޓަކައި ވޭންދެނިވި އަޒާބު ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ."

ވީމާ، ތައުބާގެ ދޮރު ބަންދުވުމުގެ ކުރީގައި ތައުބާވުމަށް ވަސިއްޔަތްކުރަމެވެ.

comment ކޮމެންޓް