ޕްރިމިއާ ލީގުގެ ފަހު ތަޅާލުމަށް ލިވަޕޫލް އާއި ސިޓީ

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއާއި ލިވަޕޫލްގެ ކޯވު ޔާގަން ކްލޮޕް

އިނގިރޭސި ޕްރިމިއާ ލީގުގެ ފަހު މެޗުތައް މިއަދު ކުޅުމަށް ހަމަޖެހިފައިވާ އިރު އެއްވަނަ މަގާމު ހޯދުމަށް ތަޅާފޮޅަމުން އަންނަ ލިވަޕޫލްއަށާއި ސިޓީއަށް މިއަދަކީ ވަރަށް ވެސް ބޮޑު ދުވަހެކެވެ.

މިރޭ ކުޅޭ ފަހު މެޗަށް ސިޓީއިން އަމިއްލަ ބާރުގައި ނުކުންނާނީ ބްރައިޓޮން އެންޑް ހޯވް އަލްބިއަންއާ ދެ ކޮޅަށެވެ. އެ މެޗުން މޮޅުވެއްޖެ ނަމަ ސިޓީއަށް ތަށި ޔަގީން ވާނެ އެވެ. ހަމަ އެވަގުތު ދެވަނައިގައި އޮތް ލިވަޕޫލް އިން ވެސް އެމީހުންގެ ފަހު މެޗު ވޮލްވާހަމްޓޮންއާ ދެކޮޅަށް ކުޅޭނެ އެވެ. އެ މެޗުން އެ ޓީމު މޮޅުވެ ސިޓީ ކުޅޭ މެޗުން އެއްވަރުވެ ނުވަތަ ބަލި ވިޔަސް ލިވަޕޫލްއަށް ތަށި ލިބޭނެ އެވެ.

ލިވަޕޫލާއި ސިޓީ މީގެ ކުރިން ބައްދަލު ކުރި މެޗެއްގެ ތެރެއިން

އަހަރުތަކަކަށްފަހު އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި ފޯރި ހިފާލާފައިވާ އިރު މިދިޔަ އަހަރުގެ ޗެމްޕިއަން، ސިޓީ މިއަހަރުގެ ތަށި ދިފާއުކުރުމާ ވަނީ ގާތަށް ޖެހިލައިފަ އެވެ. ނަމަވެސް ދެވަނައިގައި އޮތް ލިވަޕޫލް އިން ވަނީ ފަަހަތުގައި ވަރުގަދައަށް ފައި ހަމަ ކޮށްފަ އެވެ. ނަމަވެސް މިރޭ ކުޅޭ މެޗުން ދެ ޓީމު މޮޅުވެއްޖެ ނަމަ ސިޓީއިން ލީގު ނަގާނީ ލިވަޕޫލްއަށް ވުރެ، އެއް ޕޮއިންޓް ކުރީގައި އޮވެގެން އެވެ.

ސިޓީއިން މިހާތަނަށް 37 މެޗު ކުޅެފައިވާ އިރު އެ ޓީމުން ވަނީ 95 ޕޮއިންޓް ހޯދާފަ އެވެ. އެންމެ ގާތުން ވާދަކުރާ ލިވަޕޫލްއިން ވަނީ 27 މެޗު ކުޅެ 94 ޕޮއިންޓް ހޯދާފަ އެވެ. ސިޓީއިން މިރޭގެ މެޗު ރަށުން ބޭރުގައި ކުޅެން ޖެހުނު ނަމަވެސް އެ ޓީމާއި ދެކޮޅަށް ކުޅޭ ބްރައިޓޮން އަކީ ފެންވަރުގެ ގޮތުން ބަލައި އިރު އެ ޓީމަށް ވުރެން މާ ބޮޑަށް ދަށުގައި އޮތް ޓީމެކެވެ. އަނެއް ކޮޅުން ލިވަޕޫލް މިރޭ ބައްދަލު ކުރާ ވުލްވްސް އަކީ މި ސީޒަނުގައި ބޮޑެތި ގިނަ ޓީމުތަކެއް ބަލިކޮށްފައިވާ ޓީމެކެވެ.

ސީޒަނުގެ ބޮޑުބައި އެއްވަނައިގައި ލިވަޕޫލް ހޭދަކުރި ނަމަވެސް މިދިޔަ ފެބްރުއަރީ މަހު އެ ޓީމުގެ ފޯމު ކުއްލިޔަކަށް ވެއްޓި ޕޮއިންޓް ތަކެއް ގެއްލުނެވެ. އޭރު ސިޓީ އޮތީ ލިވަޕޫލްއަށް ވުރެން 10 ޕޮއިންޓް ފަހަތުގަ އެވެ. ލިވަޕޫލްއިން ގެއްލުވާލި ޕޮއިންޓް ތަކުގެ ފައިދާ ނަގައި ސިޓީއިން އެއްވަނައަށް އެރުމަށްފަހު އެންމެ ފަހުން އެ ޓީމު ކުޅުނު 13 މެޗު އެ ޓީމުން ވަނީ ކާމިޔާބު ކޮށްފަ އެވެ.

ލިވަޕޫލަށް މިއަހަރުގެ އިނގިރޭސި ލީގު ކާމިޔާބު ނުކުރެވުނު ނަަމަވެސް ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޔޫއެފާ ޗެމްޕިއަންސް ލީގު ހޯދުމުގެ ފުރުސަތު އެ ޓީމަށް އެބަ އޮތެވެ. ބޮޑު ތަފާތަކުން ވަރުގަދަ ބާސެލޯނާ ބަލިކޮށް ޖެހި ޖެހިގެން ދެ ވަނަ އަހަރު އެ މުބާރާތުގެ ފައިނަލަށް އެ ޓީމުން ދަތުރު ކޮށްފައިވާ އިރު ފައިނަލުގައި އެ ލިވަޕޫލް ބައްދަލު ކުރަން ޖެހޭނީ ޓޮޓެންހަމްއާ އެވެ.

comment ކޮމެންޓް