އަޅުގަނޑުމެން ޕްރޮޖެކްޓްތައް ހިންގާނީ ކޮލިޓީކޮށް: މަހުލޫފް

މިއަދު ޔޫތް މިނިސްޓަރީގައި އަހްމަދު މަހުލޫފް ދެއްވި ޕްރެސްގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މި ސަރުކާރަކީ ކަން ކަން އަވަސް އަރުވާލައިގެން ކުރާނެ ސަރުކާރެއް ނޫން ކަމަށާއި މި ސަރުކާރުން ކުރާނީ ކޮލިޓީ މަސައްކަތް ކަމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މިއަދު ޔޫތް މިނިސްޓަރީގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ ކުރީ ސަރުކާރުން ނަމެއްގައި އަވަސް އަރުވާލައިގެން ކޮށްފަ ހުރި ކަންކަން މިއަދު އަލުން މިޖެހެނީ ބޮޑު ހަރަދު ކޮށްފަ އަލުން ކުރަން ކަމަށެވެ. ނަމަވެސް މި ސަރުކާރުގައި ކަން ކުރާނީ ތަފާތު ގޮތަކަށް ކަމަށް މިނިސްޓަރު މަހުލޫފް ވިދާޅުވި އެވެ.

"މީގެ ކުރިން އަޅުގަނޑު މެނަށް ފާހަގަ ވެފައި އޮތީ މިނިސްޓަރީގަ ތިއްބެވި ބޭފުޅުން ތިއްބަވައިގެން، އެމީހުން މި ނިންމަނީ ކޮން ރަށެއްގަ ކީއްތޯ ކުރާނީ! އެއީ އެވެއާނެސް ޕްރޮގުރާމެއް ހިންގަން ވިޔަސް ދަނޑެއް އަޅަން ވިޔަސް ކޯޓެއް އަޅަން ވިޔަސް. ނަމަވެސް އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ރަށްރަށަށް ގޮސް ރައްޔިތުންނާއި ޒުވާނުންނާ ބައްދަލުކޮށްގެން. އެމީހުންގެ އެދުމާ އެއްގޮތަށް ކަން ކަން މިކުރަނީ،" މަހްލޫފް ވިދާޅު ވިއެވެ.

ސަރުކާރުގެ ވަޒީރު ކަމާ ހަވާލުވި ފަހުން ގާތްގަނޑަކަށް 100 ރަށަށް ގޮސް ރައްޔިތުންނާއި އެ ރަށްރަށުގެ ކައުންސިލަރުންނާއި ބައްދަލު ކުރެވިއްޖެ ކަމަށް މަހްލޫފް ވިދާޅުވި އެވެ. އަދި އެ ބައްދަލުވުންތަކުގައި ރަށްރަށަށް އެންމެ ބޭނުން ޖެހިފައި ވާ ކަންކަން ދެނެގަނެވިފައިވާ ކަމަށް މިނިސްޓަރު އެކަންކަން ވީހާ ވެސް އަވަހަކަށް އެ ރަށްރަށުގައި ކުރުމައް މަސައްކަތް ކުރަމުންދާ ކަމަށްވެސް މަހްލޫފް ވިދާޅުވި އެވެ.

"އަޅުގަނޑުމެނަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮން ޖެހުމަކީ އަޅުގަނޑުމެން ސަރުކާރާއި ހަވާލުވި އިރު ރާއްޖޭގެ އެކި ރަށްރަށުގައި އަޅާފައި ހުރި ފުޓްސަލް ދަނޑުތަކާއި ނުނިމި ހުރި ދަނޑުގެ ކަންކަން. އެގޮތުން އަޅާފައި ހުރި ބައިވަރު ދަނޑުތައް އަލުން މަރާމާތު ކުރަން ޖެހިފަ ހުރީ،" މަހުލޫފް ވިދާޅުވި އެވެ.

މި ސަރުކާރުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ކުޅިވަރުގެ ކަންކަމަށް ބޮޑު ހަރަދެއް ކުރާއިރު ކަންތައް ކުރާނީ ކޮލިޓީކޮށް ކަމަށާއި އަވަސް އަރުވާލައިގެން އެކަންކަން ކުރަން ބޭނުން ނޫން ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ. ސަބަބަކީ ބޮޑު ހަރަދެއް ކޮށް އަޅާ ސްޓޭޑިއަމްތަކާއި ދަނޑުތައް ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި އަލުން މަރާމާތު ކުރަން ޖެހޭތީ ކަމަށް ވެސް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވި ގޮތުގައި، މީގެ އިތުރުން މިއަހަރުގެ ތެރޭގައި 10 ރަށެއްގައި ފުޓުބޯޅަ ދަނޑެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އަދި ދަނޑު ނިމޭ އިރު ޓާފުގެ އިތުރުން ވަށައިގެން ފާރާއި ފެންސް ޖަހައި ލައިޓިންގް ހަރުކުރުމުގެ އިތުރުން ޗޭންޖިންގް ރޫމްވެސް ހަދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް