އެމްޑަބްލިއުއެސްސީ ފުލެޓްތަކަކީ މުވައްޒިފުންނަށް ދިން ލަނޑެއް: އާޒިމް

އެމްޑަބްލިއުއެސްސީ ގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމް -- ސަންފައިލް ފޮޓޯ

ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ މުވައްޒިފުނަށް ނިމިދިޔަ ސަރުކާރުގައި އަޅަން ނިންމި ފްލެޓްތަކަކީ ބޮޑު އޮޅުވާލުމެއް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި "ހިޔާ" ޕްރޮގްރާމްގެ ދަށުން އެމްޑަބްލިއުއެސްސީގެ މުވައްޒިފުންނަށް ހާއްސަ 15 ބުރީގެ ދެ ޓަވަރުގެ މަސައްކަތް ފެށީ މިދިޔަ އަހަރު ފެބްރުއަރީ މަސްތެރޭގަ އެވެ.

ރާއްޖެ ޓީވީ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ދެ ޓަވަރު އަޅާގޮތަށް މިދިޔަ ސަރުކާރުން ސޮއި ކޮށްފައިވީ ނަމަވެސް މުވައްޒަފުންގެ ތަރުހީބު ނުލިބުމުން އެއް ޓަވަރަށް މިހާރު ބަދަލު ކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ދެ ޓަވަރު އެޅުމަށް ނިންމާފައިވަނީ އެއްވެސް ކަހަލަ ޕްލޭނެއް ނެތި ކަމަށާއި އެމްޑަބްލިއުއެސްސީގެ ފުލެޓް އެޅުމުގެ މަޝްރޫއު އިފްތިތާހު ކުރެވުނީ ރައްޔިތުންގެ ފަރާތުން "ނާޖާއިޒު ފައިދާ" ނެގުމުގެ ގޮތުން ކަމަށެވެ.

"ހަމަ ސީދާ [ރިޔާސީ] ކެމްޕެއިންއާ ދިމާކޮށް، ފައިސާވެސް ނުހޯދާ އެމްޑަބްލިއުއެސްސީގެ މުވައްޒިފުންގެ އަތުން އެޑްވާންސްކޮށް ފައިސާ ނަގައިގެން ފައުންޑޭޝަން އަޅާފައި އެއޮތީ ބާއްވާފައި. އެމްޑަބްލިއުއެސްސީގެ ނެތް މުޅި ތަން ނިންމާނެހާ ފައިސާއެއް. އެހެންވީމާ ސީދާ މުވައްޒިފުންނަށް އޮޅުވާލަން ކޮށްފައި އޮތް ކަމަށްކަށް ނޫންތޯ މިކަން ހިނގައިގެން މި ދިޔައީ،" އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑު ބުނެގެން ނުވާނެ އިންތިހާބު ކައިރި ކޮށްފައި ކޮންމެ މުވައްޒިފަކަށް ކޮންމެ މަހަކަ އެއްލައްކަ ރުފިޔާ މުސާރަ ދޭނަމޭ. ބުނެވިދާނެ ދެއްތޯ. ހަމަ ސީދާ އެކަހަލަ ކަމެއް މީ،"

ރާއްޖެ ޓީވީ ފަލަ ސުރުހީ ޕްރޮގްރާމްގައި އާޒިމް ވާހަކަ ދައްކަވަނީ -- ފޮޓޯ/ ރާއްޖެޓީވީ

އާޒިމް ވިދާޅުވީ، ފުލެޓް ގަންނަން ބޭނުންވާ މުވައްޒިފަކަށް ފައިސާ ލިބޭނެ ގޮތެއް ނެތް ކަމަށެވެ. ކުންފުނީގެ މުވައްޒިފުންގެ ލިބޭ މުސާރައާއި އަޅާބަލާއިރު ފުލެޓް ގަތުމަށް ބޭންކްތަކުން ލޯނެއް ލިބެން ނެތް ކަމަށް އާޒިމް ވިދާޅުވި އެވެ.

"އެވަރުގެ ލޯނެއް ބޭންކަށް ދައްކާނެ ކެޕޭސިޓީއެއް މުވައްޒިފުންގެ އަތުގައި ނެތް. މުވައްޒިފުންތަކަށް ގަސްތުގައި ދިން ލަނޑެއް މީއީ ހަމަ،" އާޒިމް ވިދާޅުވިއެވެ.

https://sun.mv/107528

އާޒިމް ވިދާޅުވީ، މިހާރުގެ ސަރުކާރުގެ ވިސްނުމަކީ މުވައްޒިފުންނަށް މަހުން މަހަށް ފައިސާ ދެއްކޭނެ ގޮތަށް ފުލެޓަށް ދައްކާ އަގު ތިރިކޮށްގެން މަޝްރޫއޫ ހިންގުން ކަމަށެވެ. އަދި އެ މަޝްރޫއު ހަގީގަތަކަށް ހެދުމަށް އޭނާ އަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީގެ ދެ ޓަވަރުގެ ކުރެހުމެއް --

ހުޅުމާލޭ ދެ ވަނަ ފިޔަވަހިން ހިއްކި ބިމުގައި އަޅަން ނިންމި އެމްޑަބްލިއުއެސްސީގެ ދެ ޓަވަރު އަޅަން ހަވާލުކުރީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޓްވެންޓީ ތާޑް މެޓަލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑް އޮފް މިނެމެޓަލްސް އަށެވެ

އެ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ކުންފުނީގެ އޭރުގެ އެމްޑީ އިބްރާހިމް ފަޒުލު ވިދާޅުވެފައިވަނީ އެ ދެ ޓަވަރުގައި 384 އެޕާޓްމަންޓް ހުންނާނެ ކަމަށާއި އޭގެ ތެރޭގައި އެއް ކޮޓަރި އާއި ދެ ކޮޓަރީގެ އިތުރުން ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ވެސް ހުންނާނެ ކަމަށެވެ. ކުންފުނީގެ 700 މުވައްޒިފުންގެ ތެރެއިން 50 ޕަސަންޓް މުވައްޒިފުންނަށް އެ ދެ ޓަވަރުން ފުލެޓް ދެވޭނެ ކަމަށް އޭރު ފަޒުލް ވިދާޅުވި އެވެ.

https://sun.mv/105548

comment ކޮމެންޓް