އެމްޑަބްލިއުއެސްސީ ހާލުން އަރައިގަންނަން 8 ވަރަކަށް އަހަރުވާނެ: އާޒިމް

އެމްޑަބްލިއުއެސްސީ އިން ބޭއްވި ނޫސްވެރީންގެ ބައްދަލުުވުމެއްގައި އެމްޑީ އާޒިމް ވާހަކަ ދައްކަވަނީ --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު، އެމްޑަބްލިއުއެސްސީގެ މާލީ ހާލަތު ރަނގަޅު ނޫން ކަމަށާއި ކުންފުނި މިހާރު އޮތް ހާލަތުން އާންމު ހާލަތަށް އައުމަށް އަށް ވަރަކަށް އަހަރު ނަގާނެ ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކުގައި އެމްޑަބްލިއުއެސްސީގެ "އެސެޓްތައް" ބޭނުން ކޮށްފައިވަނީ އެންމެ ރަނަގަޅަށް ނޫން ކަމަށާއި އެގޮތަށް ކަންތައް ކުރުމުން ކުންފުނި މާލީ ގޮތުން ވަރުގަދަ ކުރުމަށް މިހާރު ހާއްސަ ސަމާލު ކަމެއް ދޭން ޖެހިފައިވާ ކަމަށެވެ.

"ނުގަންނަން ޖެހޭ އެތައް އިކުޕްމަންޓްސް ގަނެފައި އެބަހުރި ތަންތާ ބަހައްޓާފައި. ހަމަ އެގޮތަށް މި ވަގުތަށް ބޭނުން ނުވާ އިކުޕްމަންޓް އެބަހުރި ގަނެފައި ބޭރު ގައުމުތަކުގައި ވެސް އެޑްވާންސްކޮށް ފައިސާ ދެއްކުމަށް ފަހު،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ، ވޭތުވެދިޔަ ފަސްއަހަރު ތެރޭ އަހަރު ތެރޭ ކުންފުނީގެ ފައިދާ އިން ސަރުކާރަށް ދޭން ޖެހޭ ފައިސާގެ ތެރެއިން 600 މިލިއަނެއްހާ ރުފިޔާ ދައުލަތަށް ނުދައްކައި އެބަ އޮތް ކަމަށާއި މިހާރު ކުރަން ޖެހިފައިވާ މަސައްކަތަކީ އެ ފައިސާ ދެއްކުމާއި ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރުން ކަމަށެވެ. އެއީ ސަރުކާރުން ކުންފުންނަށް ދޭން ޖެހޭ އަގަށް ވުރެ، ބޮޑު އަދަދެއް ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.

"މިހާރު ނުއްދައްކާ ހުރި ޑިވިޑެންޓްސް [ފައިދާ އިން ހިއްސާދާރުންނާ ދޭން ޖެހޭ ފައިސާ] ޕޭކުރަމުން ގޮސް ނިމޭ އިރު، ގާތްގަނޑަކަށް އަށް އަހަރު، 10 އަހަރު ނަގާނެ ކުންފުނި އަސްލު ހާލަތަށް ގެންނަން" އާޒިމް ވިދާޅުވީ، ކުންފުނި އާންމު ހާލަތަށް ގެނައުމަށް ކުންފުނީގެ ބޯޑާ އެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ރާއްޖެ ޓީވީ ފަލަ ސުރުހީ ޕްރޮގްރާމްގައި އާޒިމް ވާހަކަ ދައްކަވަނީ -- ފޮޓޯ/ ރާއްޖެޓީވީ

ކުންފުންޏާ ހަވާލުވި އިރު، މާލީ ގޮތުން ކުންފުނިން ހަރަދު ކުރަންޖެހޭ ޕްލޭނެއް އެކުލެވޭ "ޕްރޮޖެކްޓެޑް ކޭޝް ފޮލޯ" އެއް ހަދައިފައި ނުވާ ކަމަށާއި ނަމަވެސް މިހާރު "ޕްރޮޖެކްޓެޑް ކޭޝް ފޮލޯ"އެއް ހަދައި ހަރަދުކުރާނެ ދުރު ރަސްތާ ޕްލޭން އެއް ހަދައިފައިވާ ކަމަށެވެ. އެގޮތުން މިހާރު ދިމާވާ މާލީ މައްސަލަ ތަކަށް ހައްލެއް ލިބިގެން ދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

"ކުރިއަށް އޮތްތާގައި އެކްސްޕެންޝަންގެ މަސައްކަތް ކުރާ ނަމަ އަޅުގަނޑުމެން ޖެހޭނީ ލިބޭ އެއްޗަކާއި ހަރަދާ ޓައިމިން ދިމާކޮށްގެން އެއްޗެށް ބަހައްޓައިގެން ދައްކަން ޖެހޭ އެއްޗެއް [ދަރަންޏެއް ދައްކާ] ހަލާސްކޮށް ނިންމަން. ޕްރޮޖެކްޓެޑް ކޭޝް ފުލޯ ހަދައި މިހާރު ނިމިފައިވަނީ،" އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަންވެސް ކުރެއްވި އާޒިމް ވިދާޅުވިއެވެ.

https://sun.mv/119089

ބިމު އަޑީގެ ނެޓްވޯކޮ ސާފުނުކުރާތާ 4 އަހަރު!

އާޒިމް ވިދާޅުވި ގޮތުގައި އެމްޑަބްލިއުއެސްސީ އަކީ ފެނުގެ ހިދުމަތް ދޭ ކުންފުޏެއް އެކަނި ކަމަށް ބައެއް ރައްޔިތުންނަށް ގަބޫލު ކުރެވިފައިވާ ކަށާއި ނަމަވެސް އެކުންފުންޏަކީ ނަރުދަމާ ނިޒާމްގެ ހިދުމަތް ދިނުމަށް ބޮޑެތި ބުރަ މަސައްކަތްތަކެއް ވެސް ކުރަމުންދާ ކުންފުންޏެއް ކަމަށެވެ.

އޭނާ ވިދާޅުވީ، އެނާ ކުންފުންނީގެ އެމްޑީއަކަށް ވުމަށް ފަހު ކުންފުނީގެ މަސައްކަތްތައް ބަލައިލި އިރު، އެކުންފުނިން ނަރުދަމާ ހިދުމަތް ދެމުން އަންނަ ރަށްތަކުގައި ބިމުގެ އަޑީގެ ނެޓް ވޯކް ސާފު ނުކުރާތާ ހަތަރު އަހަރު ވެފައި ވަކަމަށެެވެ.

"ވޭތުވެދިޔަ ހަތަރު އަހަރު ބިމު އަޑީގައި މިއޮތް ނެޓްވޯކް ސާފު ނުކޮށް ދޫކޮށްލައިފައި އޮތީ. އެގޮތަށް ދޫކޮށްލާފައި އޮތުމަކީ، މަގުތަން މަތިން ނަޖިސް އެރުމަށް ދިމާވާއެންމެ ބޮޑު އެއް މައްސަލަ،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، މިހާރު އެފަދަ ނެޓްވޯކްތައް ސާފުކުރުމަށް ހާއްސަ ޑިވިޝަނެއް އެކުލަވާލެއްވި ކަމަށާއި އެ ޑިވިޝަންނަށް މީހުން އައްޔަންކޮށް އެމީހުން ޓްރެއިން ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އާޒިމް ވިދާޅުވިއެވެ. ވިސްނުންފުޅަކީ މާލެ އާއި އެހެން ސަރަހައްދުތަކުގެ ނަރުދަމާގެ ނިޒާމު މަދުވެގެން އަހަރަކު ދެފަހަރަށް ސާފުކުރުން ކަމަށް އާޒިމް ވިދާޅުވިއެވެ.

މާލޭގެ މީގެ ކުރިން މަގުތަކުން ދޭތެރެ ދޭތެރެއިން ނަޖިސް މައްޗަށް އަރައެވެ. އެއީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

comment ކޮމެންޓް