އުރީދޫ ބަދިގެއިން މިފަހަރު ސުއާދާގެ މީރު ކެއްކުން!

ކޮންމެ މީހަކުވެސް ކުރިއަށްދާން ބޭނުންވާނީ އެމީހަކު ކުރާހިތްވާ އަދި ޝައުގުވެރިވާ ކަމެކޭ އަބަދުވެސް މީހުން ބުނެއެވެ. އަދި މިފަދައިން ރަނގަޅު ކެރިއާ އެއް އިޚްތިޔާރު ކުރުމަށްޓަކައި ވީހާވެސް ގިނަ ކަންކަންކޮށް ބަލައި ހޯދާ ތަޖްރިބާ ކުރާށޭވެސް މީހުން ބުނެއުޅެއެވެ. އުރީދޫ ބަދިގޭގެ ދެވަނަ މެހެމާން ސުއާދާ ނަސީރު، ގެ ކަލްނަރީ ހަޔާތުގެ ވާހަކަތައްވެސް ފެށިގެން އަންނަނީ މިކަހަލަ ގޮތަކަށެވެ.

ކިޔަވާ ނިންމުމަށްފަހު އެކި ދާއިރާތަކުގައި އޭނާ މަސައްކަތް ކުރިއެވެ. މަޖީދިއްޔާ ސްކޫލްގައި ވަޒީފާ އަދާކުރަން ފެށިއިރު، ފަހަން ދަސްކޮށް އެކަމުންވެސް އޭނާ ތަޖުރިބާތަކެއް ހޯދިއެވެ. އެއަށްފަހު ޕްރީ ސްކޫލް ޓީޗިން ހަދާ ތައުލީމީ ދާއިރާގެ އަޖުމަވެސް ބަލާލިއެވެ. ނަމަވެސް އެންމެފަހުން އޭނާގެ ހިތް ގަޔާވި، އަދި ޝައުގުވެރިކަން ހުއްޓުނީ ކަލްނަރީ ދާއިރާއެވެ.

ރަށްޓެހިންނާއި އާއިލާއަކީ މިދާއިރާއިން އޭނާ ކުރިއަށްދިއުމުގެ އެންމެ ބޮޑު ހިތްވަރުކަމުގައި ވާއިރު، މިއަދު އޭނާއަކީ އެތަށް ޒުވާން ކުދީންތަކަކަށް ކެއްކުމަކީ ކޮބައިކަން ކިޔައިދިން އެދުރެކެވެ. ރަހަތަފާތު އެތަށް ކާއެއްޗެއް ތައްޔާރުކޮށްލަން ދަސްކޮށްދޭ މުދައްރިސެކެވެ. އަދި ބަދިގޭގެ ކޮންމެ ކަމަކާއި ގުޅޭގޮތުންވެސް މަޝްވަރާކޮށްލެވޭނޭ ގާތް ރަހުމަތްތެރިއެކެވެ. ފޭސްބުކް ބޭނުންކުރައްވާނަމަ އަވަަހަށް ސުއާދާސް ކިޗަން ސާޗްކޮށްލާށެވެ.

ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ކަލްނަރީ ދާއިރާގެ އެތަށް ކޯސްތަކެއް ހެދުމަށްފަހު މިއަދު ސުއާދާގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ގޭގައި އިނދެގެން އާމްދަނީ ލިބޭނޭ ގޮތެއް ފަހިވެފައި ވުމެވެ. މިގޮތުން އަމިއްލަ ގޭގައި އަދި އަމިއްލަ އެއްޗެހީގައި ސުއާދާ އަންނަނީ ކައްކާ ކޯސްތަކެއް ހިންގަމުންނެވެ

އުރީދޫ ބަދިގެއަށް ސުއާދާ ތައްޔާރުކޮށްދޭ ރެސިޕީތަކަކީ ފަސޭހައިން ލިބެން ހުރި، އަދި ވީހާވެސް މަދު އިންގްރިޑިއަންޓްސްތަކެއް ބޭނުންކޮށްގެން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ތައްޔާރުކޮށްލެވޭނެ އަމިއްލަ ރެސިޕީތަކެކެވެ. އުންމީދަކީ މި ހުރިހާ ރެސިޕީއެއްވެސް އެންމެނަށް ކަމުދިއުމެވެ.

comment ކޮމެންޓް