ހައްދުފަހަނަ އެޅި މީހުން އިސްލާހު ކުރަން ރިހެބިލިޓޭޝަން ޕްރޮގްރާމެއް

މާރިޔާ އިންޑިއާގެ ޑިފެންސް މިނިސްޓަރާއެކު--- ފޮޓޯ: މާރިޔާ

ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ މީހުން ހަމަ މަގަށް އެޅުވުމުގެ ގޮތުން ރިހެބިލިޓޭޝަން ޕްރޮގްރާމެއް ރާއްޖޭގައި ފަރުމާކުރަން ފަށައިފި އެވެ.

ސިރިއާ އާއި އެހެނިހެން ވެސް ހަނގުރާމަތަކަށް ގޮސް އެނބުރި ގައުމަށް އައުމުން ޔޫރަޕްގެ ގައުމުތަކުން އެމީހުން ހަމަ މަގަށް އެޅުވުމަށް މިހާރުވެސް ރިިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގަ އެވެެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ "ދަ ހިންދޫ" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ދީނީ ގޮތުންނާއި އަދި އެނޫންވެސް ގޮތްގޮތުން ހައްދު ފަހަނައަޅައި ދިއުމުގެ ފިކުރުތައް އާލާވެގެން ދިއުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

މާރިޔާ ވިދާޅުވީ ރާއްޖޭގައި އޮންނަ ދީނީ އެއްބައިވަންތަ ކަމުގެ ގާނޫނުގައިވެސް ހައްދު ފަހަނަ އަޅާދިއުން ވަރަށް ބޮޑަށް މަނާކޮށްފައިވާ ކަަމަށެވެ. އަދި އޭގެ އިތުރުން އެންޓި ޓެރަރިޒަމްގެ ގާނޫނުގައިވެސް ހައްދުފަހަނައަޅައި ގޮސް، ހިންގޭ ތަފާތު ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވޭނެ އުސޫލުތައް އޮންނަ ކަމަށް މާރިޔާ ވިދާޅުވި އެވެ.

ލަންކާއަށް ދިން ވަރުގަދަ ޓެރަރިސްޓް ހަމަލާތަކަށް ފަހު އެފަދަ ހަމަލާއެއް ރާއްޖެއަށް ކުރިމަތިވުގެެ ބިރު އެބައޮތްތޯ އެ ނޫހުން ސުވާލުކުރުން ޖަވާބުގައި މާރިޔާ ވިދާޅުވީ އެފަދަ ހަމަލާއެއް ދޭން އުޅޭކަން އެނގިފައިނުވާ ކަމަށެވެ. އެހެން ނަމަވެސް އެފަދަ ކަމަކަށް ތައްޔާރުވުމަށް ސިފައިން ތަމްރީންތައް ހަދަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހައްދު ފަހަނައަޅައިދިއުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ދެ ސީނިއާ ލެވަލް ކޮމެޓީއާއި، ކައުންޓާ ޓެރެރިޒަމް ސްޓިއަރިން ކޮމެޓީއެއްގެ އިތުރުން ކައުންޓާ ރެޑިކަލައިޒޭޝަން ކޮމެޓީއެއް މިހާރުވެސް އޮންނަކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ހައްދަ ފަހަނައަޅާފައިވާ މީހުން ހަމަ މަގަށް ގެނައުމަށް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ފަރުމާކުރުމުގެ މަސައްކަތް. އަދި ހައްދު ފަހަނައަޅައިދިއުމުގެ ނުރައްކާތަކަށް ތައްޔާރުވެ އެކަންކަން ހުއްޓުވުމަށް ބޭނުންވާ ކަންތައްތައް ދެކޮޅަށް މަސައްކަތްކުރުމުގެ ގާބިލްކަން އިތުކުރުމަށް ސިފައިންނާއި ސެކިއުރިޓީ އޭޖެންސީތަކުން ދަނީ މަސައްކަތް ކުރަމުން" މާރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށް މި ސަރަހައްދުގެ ގައުމުތަކުން އެއްބާރުލުން ދޭން ޖެހޭ ކަމަށެވެ. އެގޮތުން އިންޓެލިޖެންސް މައުލޫމާތުތައް އެއް ގައުމު އަނެއް ގައުމަށް ހިއްސާކޮށް ޑިފެންސް ސެކިއުރިޓީއާ ސަޕޯޓް ދޭން ޖެހޭކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރިހެބިލިޓޭޝަން ޕްރޮގްރާމްއެއް ފަށަން ސަރުކާރުން ނިންމިއިރު، ދިވެހިންތަކެއް ސީރިއާ ހަނގުރާމައިގައި އަންނަނީ ބައިވެރިވަމުން އެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން މަރުވެފައިވާއިރު އަނެއް ބައިމީހުންނާއި އެމީހުންގެ އަނބިންނާއި ދަރިން އެނބުރި ރާއްޖެ އަންނަން ބޭނުންވެގެން އެކަމަށް އަންނަނީ ސަރުކާރުގައި އެދެމުން އެވެ.

comment ކޮމެންޓް