ރޯދައިގެ ވަސިއްޔަތް: ފަސްކަމެއްގެ ކުރިން ފަސްކަމެއް ލިބިގަނޭ!

މާލެގައި ބޮޑު ޖަމާއަތުގައި ކުރެވުނު 1438ވަނަ އަހަރުގެ އަޟްހާ އީދު ނަމާދުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންސާނާގެ ހުރިހާވެސް ރައުސްމާލަކީ އޭނާ މިދުނިޔޭގައި ހޭދަކުރާ މަދު ވަގުތުކޮޅެވެ. އޭނާގެ އުމުރަކީ ކަނޑައެޅިފައިވާ މަދު ދުވަސްކޮޅެކެވެ. ދިރިއުޅުމާ މެދު ވިސްނާލައިފިނަމަ ފެންނާނީ މަދު ހިނދުކޮޅުތަކެކެވެ. އެ ވަކޮޅުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި، އެގަޑިތައް ބޭކާރުގޮތުގައި ނަގާނުލައިފި މީހާއަކީ ކާމިޔާބުވެއްޖެ މީހެކެވެ. އެވަގުތުތައް ބޭކާރު ގޮތުގައި ހޭދަކޮށްލައިފިނަމަ އެއިން އެންމެ ސިކުންތެއްހާ ވަގުތުކޮޅެއްވެސް އަނބުރާ ނުލިބޭނެއެވެ.

އިންސާނާގެ އުމުރުގެ މުހިންމުކަމާއި އަގުބޮޑުކަމާ މެދު ޖާހިލުވެފައިވާ ކޮންމެ މީހަކައްމެ އޭނާގެ ވަގުތުތައް ނަގާލެވުނީތީ ހިތާމަކުރާނޭ ވަގުތެއް އަންނާނެއެވެ. އެކަމަކު ވަގުތު ފާއިތުވުމުން ކުރާ ހިތާމައަކުން ފައިދާއެއް ނެތެވެ.

މި ސަބަބަށްޓަކައި މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. "اغْتَنِمْ خَمْسًا قَبْلَ خَمْسٍ: شَبَابَكَ قَبْلَ هَرَمِكَ، وَصِحَّتَكَ قَبْلَ سَقَمِكَ، وَغِنَاكَ قَبْلَ فَقْرِكَ، وَفَرَاغَكَ قَبْلَ شُغْلِكَ، وَحَيَاتَكَ قَبْلَ مَوْتِكَ" رواه الحاكم والبيهقي، وصححه الألباني.

މާނައީ: "ފަސްކަމެއްގެ ކުރިން ފަސްކަމެއްގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ! މުސްކުޅިވުމުގެ ކުރިން ޒުވާންކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. ބަލިވުމުގެ ކުރިން ސިއްހަތުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. ފަގީރުވުމުގެ ކުރިން މުއްސަނދިކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. މަޝްޣޫލުވުމުގެ ކުރިން ހުސްވަގުތުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. މަރުވުމުގެ ކުރިން ހާޔާތުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ."

އިންސާނާގެ އުމުރަކީ ގޮވާންކުރުމުގެ މޫސުމެވެ. އޭނާގެ މަސައްކަތުގެ މޭވާ ކަނޑާނެ ވަގުތަކީ އާޚިރަތެވެ. އެހެންކަމުން އަޖަލު ހަމަވުމުގެ ކުރިން ހެޔޮ ޢަމަލު ކުރުމަށް އަވަސްވެގަތުމަކީ ކޮންމެ މީހެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ.

ތިމާގެ އަމަލުތައް ހުޓާލުމުގެ ރަންގަބީލު ޖެހުމުގެ ކުރިން، އިމްތިހާނުގެ ކަރުދާހުގައި ލިޔެވުނު އެއްޗެއް ލިޔެ ނިންމަންޖެހޭނެއެވެ. ވަގުތު ހަމަވުމަށްފަހުގައި އަމަލުތަކުގެ ފަތްފުށް ބަންދުވީއެވެ. އެ ވަގުތު ހަމަވެއްޖެކަން އެނގޭނީ ގަދަނުވާ ފަދަ ބަލިމަޑުކަމެއް ލައިގަތުމުންނެވެ. ނޫނީ ޣާފިލުކަންމަތީ ހުއްޓައި ބޮލުގެ އިސްތަށިތައް ހުދުވެ، ގައިގެ ހަންގަނޑު ދޫވެ، ލޯބޯކޮށިވެ މުސްކުޅިވުމުންނެވެ. އެހާ ހިސާބުން ފާއިތުވެދިޔަ ވަގުތުތަކާއިމެދު ހިތާމަކުރުމަކުން ކުރާނޭ ފައިދާނެއެއް ނެތެވެ.

މާތް ﷲ ވަޙީކުރައްވާފައިވެވެ. "حَتَّى إِذَا جَاءَ أَحَدَهُمُ الْمَوْتُ قَالَ رَبِّ ارْجِعُونِ . لَعَلِّي أَعْمَلُ صَالِحًا فِيمَا تَرَكْتُ كَلا إِنَّهَا كَلِمَةٌ هُوَ قَائِلُهَا وَمِنْ وَرَائِهِمْ بَرْزَخٌ إِلَى يَوْمِ ُبْعَثُونَ"(المؤمنون:99-100). މާނައީ: "އެއުރެންކުރެ މީހެއްގެ ގާތަށް މަރު އަތުވެއްޖައުމަން ދާނދެނެވެ. އެހިނދު އޭނާ ބުނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާ (ދުނިޔޭގެ ހަޔާތަށް) އަލުން އަނބުރައި ފޮނުއްވާނދޭވެ! * (އެއީ) ތިމަން ފަހަތަށް ދޫކުޅަ ކަންތަކުގައި ސޯލިހު އަމަލު ކުރުމުގެ އެދުމުގައެވެ. ހަމަ ހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެއީ އޭނާ ބުނެލާ ބަހެކެވެ. އަދި އެއުރެންގެ ކުރިމަތިން އޮތީ ބަރުޒަޚެވެ. (އެބަހީ: ކައްވަޅުގެ ހަޔާތެވެ.) އެއުރެން އަލުން ދިރުމަކަށް ފޮނުއްވާ ދުވަހަށް ދާންދެނެވެ."

އުމުރު ބޭކާރުގޮތުގައި ހޭދަކޮށްލި މީހުންނަށް، އާޚިރަތުގެ ހަގީގަތްތަކާއި ކުރިމަތިލުމަކީ ބޮޑު ވޭނެކެވެ. އެމީހުންގެ ފުރާނަ ހިއްޕެވެނީ ވޭނާއެކުގައެވެ. އެއަށްފަހުގައި އާޚިރަތުގައި އެމީހުން ކުރިމަތިލާ ކޮންމެ މަންޒިލަކީ އެމީހުންނަށްހުރި ހިތާމައެކެވެ.

ކާފިރުވެ އުރެދުނު މީހުންނާއި، ފާފަކުރުންމަތީ އުމުރު ހޭދަކޮށްލައިގެން ތިމާމެންގެ ނަފްސުތަކަށް އަނިޔާވެރިވީ މީހުންގެ ނިމުންހުރިގޮތް ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "وَلَوْ تَرَى إِذْ وُقِفُوا عَلَى النَّارِ فَقَالُوا يَا لَيْتَنَا نُرَدُّ وَلا نُكَذِّبَ بِآَيَاتِ رَبِّنَا وَنَكُونَ مِنَ الْمُؤْمِنِينَ"(الأنعام:27) މާނައީ: "އެއުރެން ނަރަކައިގެ ތުންފަތްމަތީގައި ތިބޭހިނދު ކަލޭގެފާނު ދެކެވަޑައިގަންނަވާނެ ނަމައެވެ. އެހިނދު އެއުރެން ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންމެން (ދުނިޔެއަށް) އަނބުރާ ފޮނުއްވާނެނަމަ ކޮންފަދަހެއްޔެވެ؟ އޭރުން ތިމަންމެންގެ ވެރިރަސްކަލާނގެ އާޔަތްތައް ދޮގެއް ނުކުރާނޫއެވެ. އަދި އީމާންވި މީހުންގެ ތެރެއިން ތިމަންމެން ވާނޫއެވެ."

ނަމަވެސް ދުނިޔޭގެ ހަޔާތުގެ ދުވަސްތައް ބޭކާރުކޮށްލި މީހަކަށް ދެވަނަ ފުރުސަތެއް ނުވެއެވެ. އެފަދަ މީހަކީ ދެވަނަ ފުރުސަތެއް ލިބުނު ކަމުގައި ވީ ނަމަވެސް އެފުރުސަތުގެ ބޭނުންވެސް ހެޔޮގޮތުގައި ހިފާނޭ މީހެއް ނޫނެވެ. ވިސްނައި ލައްވާށެވެ! ދުނިޔޭގައި ތިމާގެ ނަފްސު އިސްލާހުކުރުމަށް ލިބިފައިވަނީ ކިތައް ފުރުސަތު ހެއްޔެވެ؟

މާތް ﷲ އެފަދަ މީހުންނާމެދު ވަޙީކުރައްވާފައިވެއެވެ. "بَلْ بَدَا لَهُم مَّا كَانُواْ يُخْفُونَ مِن قَبْلُ وَلَوْ رُدُّواْ لَعَادُواْ لِمَا نُهُواْ عَنْهُ وَإِنَّهُمْ لَكَاذِبُونَ" (الأنعام 28) މާނައީ: "އަދި ކިއެއްތަ! އެއުރެން ކުރިން ވަންހަނާކޮށް ފޮރުވައިގެން އުޅުނު ކަންތައް އެއުރެންނަށް ފާޅުވީއެވެ. އަދި އެއުރެން (ދުނިޔެއަށް) އަލުން ފޮނުއްވިނަމަ، އެއުރެންނަށް އަނެއްކާވެސް ނަހީކުރެއްވި ކަންތަކަށް އެއުރެން އެނބުރި ހިނގައްޖައީހެވެ. އަދި ހަމަކަށަވަރުން، އެއުރެންނަކީ ދޮގުހަދާ ބަޔަކުކަން ކަށަވަރެވެ."

ވީމާ، އަޅުގަނޑުމެން ދުނިޔޭގެ މިވަގުތުތަކާއިމެދު ފަރުވާތެރިވެ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ ގައިވެއެވެ. "يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ وَاتَّقُوا اللَّهَ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ" (الحشر 18) މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށް ތަގުވާވެރިވެރިވާށެވެ! އަދި ކޮންމެ ނަފްސެއްމެ، މާދަމައަށްޓަކައި އިސްކޮށްފައިވާ އަމަލެއް ބަލައިފާހުށިކަމެވެ! އަދި ތިޔަބައިމީހުން ﷲ އަށް ތަގުވާވެރިވާށެވެ! ހަމަކަށަވަރުން، ﷲ އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

އަމަލުތަކުގެ ފަތްފުށް ބަންދުވުމުގެ ކުރިން އަވަސްވެގަންނާށެވެ. މި މަންޒިލް ދޫކޮށްފައި ދިޔުމުގެ ވަގުތުވަނީ ވަރަށްވެސް ގާތްވެފައެވެ. މިދުނިޔޭގެ ވަގުތުތައް ހެޔޮ ގޮތުގައި ބޭނުން ކުރުމަށް ވަޞިއްޔަތް ކުރަމެވެ.

comment ކޮމެންޓް