ދިރާގުގެ ހާއްސަ ޑޭޓާ ޕެކޭޖުން ލިބޭ ފައިސާއިން ބައެއް ނުކުޅެދުންތެރި ކުދިންނަށް

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވުމަށް ދިރާގުން ބޭއްވި އިވެންޓެއްގެ ތެރެއިން--- ފޮޓޯ: ދިރާގު

ރޯދަ މަހާ ދިމާކޮށް ދިރާގުން ތައާރްފްކުރި ހާއްސަ ޑޭޓާ ޕެކޭޖުން ލިބޭ ފައިސާއިން ލިބޭ ބައެއް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހަދިޔާ ކުރަން ނިންމައިފިއެވެ.

ދިރާގުން މިފަހަރުގެ ރޯދަމަހާ ދިމާކޮށް ތައާރަފްކުރި ޑޭޓާ ޕެކޭޖްތަކުގެ ތެރޭގައި ހިމެނެނީ، 200 ރުފިޔާ އަށް 2.5 ޖީބީ ޕެކާއި އަދި 300 ރުފިޔާ އަށް 5 ޖީބީ ލިބޭ ޕެކެވެ.

ސޯޝަލް މީޑިއާއަކީ ގިނަ ކަސްޓަމަރުން ބޭނުންކުރާ ޕްލެޓްފޯމްތަކަށް ވާތީ މި ހާއްސަ ރޯދަ މަހުގެ ޑޭޓާ ބަންޑަލްތަކުގައި މަގުބޫލް ސޯޝަލް މީޑިއާ އެޕްތައް ބޭނުންކުރަން 1 ޖީބީ ދިރާގުން ވަނީ ހިމަނައިފަ އެވެ.

އޭގެ ތެރޭގައި ހިމެނޭ ސޯޝަލް މީޑިއާ އެޕްތަކަކީ ފޭސްބުކް، ވަޓްސްއެޕް، ވައިބާ، އިންސްޓަގްރާމް އަދި ސްނެޕްޗެޓެވެ. މި ޑޭޓާ ބަންޑަލް އެކްޓިވޭޓް ކުރުމަށް #8*123* އަށް ގުޅާލަން ޖެހެ އެވެ. މި ޑޭޓާ ބަންޑަލް ތަކުގެ މުއްދަތަކީ 30 ދުވަހެވެ.

ޑޭޓާ ބަންޑަލްތައް ވިއްކައިގެން ލިބޭ ފައިސާ އިން ދިހަ ޕަސަންޓް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕަސަންސް ވިތް ޑިސްއެބިލިޓީސް (އެމްއޭޕީޑީ) އަށް ހަދިޔާ ކުރާނެ ކަމަށް ދިރާގުން ބުންޏެވެ. އެމްއޭޕީޑީ އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން ހިންގާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ.

ދިރާގުން ހިންގާ އިޖްތިމާއީ ޒިންމާގެ ގިނަ ހަރަކާތްތައް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ކުޑަކުދިންނަށް އަމާޒުކުރެއެވެ.

އެގޮތުން ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލަކީ 2011 ވަނަ އަހަރުން ފެށިގެން ދިރާގުން ނުކުޅެދުންތެރިކަން ހުންނަ އެންމެ ގިނަ ކުދިން ބައިވެރިވާ އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ރާއްޖޭގައި ބާއްވާ ހަމައެކަނި ކުޅިވަރު ފެސްޓިވަލް އެވެ.

މިދިޔަ އަހަރު ރޯދަމަހު ދިރާގު ރޯދަ ޑޭޓާ ބަންޑަލްތަކުން ލިބުނު ފައިސާގެ %10 ޕަސެންޓް ވަނީ ޓައިނީ ހަރޓްސް އޮފް ދަ މޯލްޑިވްސް އަށް ހަދިޔާ ކޮށްފައިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް