މިއަހަރުވެސް 2000 ހައްޖު ކޯޓާ ލިބޭނެކަމުގެ ޔަގީންކަން އެބައޮތް: އިސްލާމިކް މިނިސްޓްރީ

ދިވެހި ހައްޖުވެރިންތަކެއް ސައުދީގައި----

އެހެން އަހަރެކޭވެސް އެއްފަދައިން މި އަހަރުވެސް ރާއްޖެއަށް 2000 ހައްޖު ކޯޓާ ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެއަށް ސައުދީން އާންމުކޮށް ދޫކުރަނީ 1000 ހައްޖު ކޯޓާއެވެ. އަދި އިތުރު 1000 ކޯޓާ ސައުދީން ރާއްޖެއަށް އިތުރުކޮށްދޭން ފެށީ މީގެ ތިން އަހަރު ކުރިންނެވެ.

އިސްލާމިކް މިނިސްޓްރީގެ ނައިބް ޝާފިއު އަލީ ވިދާޅުވީ މިއަހަރު ދާދި ފަހުން އިސްލާމިކް މިނިސްޓްރީގެ ވަފުދެއްވެސް ދަތުރުކުރި ކަމަށާއި އަދި 1000 ކޯޓާ ރާއްޖެއަށް އިތުރަށް ލިބޭނެކަމުގެ ޔަގީންކަން އެ ވަފުދަށް ސަރުކާރުން ދީފައިވާ ކަމަށް ޝާފިއު ވިދާޅުވިއެވެ.

ރާއްޖެއަށް ދޫކޮށްފައިވާ 1000 ކޯޓާގެ ދަށުން ކޯޓާގެ އެކި ކުންފުނިތަކަށް ދޫކުރާ ކޯޓާތައް ދެ ދުވަހެއްގެ ތެރޭގައި އިއުލާންކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި ބާކީ 1000 ކޯޓާވެސް ވަރަށް އަވަހަށް ހަމެޖެހިގެން ދާނެ ކަމަށް ޝާފިއު ވިދާޅުވިއެވެ.

ރާއްޖެއަށް މިއަހަރުވެސް 2000 ހައްޖު ކޯޓާ ލިބޭނެކަމަށް ޝާފިއު ވިދާޅުވިއިރު، ސައުދީ ރަސްގެފާނުގެ ހާއްސަ އިނާޔަތުގެ ދަށުން ދެމުންގެންދާ 1000 ހައްޖު ކޯޓާ ނުލިބޭނެކަމުގެ އަޑުތަކެއް މީސްމީޑިއާގައި ވަނީ ދައުރުުވެފައެވެ.

comment ކޮމެންޓް