ރާއްޖޭގެ މަހަށް ޔޫރަޕްގެ ޑިއުޓީ ކުޑަކުރަން ރޫމޭނިއާއެކު މަޝްވަރާކޮށްފި

ޝާހިދު ރޫމޭނިއާގެ ބޮޑުވަޒީރުގެ ނާއިބާކުރެއްވި މަޝްވަރާތަކުގެ ތެރެއިން--- ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖޭގެ މަހަށް ޔޫރަޕްގެ ޑިއުޓީ ކުޑަކުރަން ރޫމޭނިއާ އެކު މަޝްވަރާކޮށްފި އެވެ.

ޔޫރަޕިއަން ޔޫނިއަންގެ ކައުންސިލްގެ ރިޔާސަތު މިހާރު ބަަލަހައްޓަމުން ގެންދަނީ ރޫމޭނިއާގެ ސަރުކާރުންނެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޫމޭނިއާށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުގައި މިއަދު ވަނީ ދިވެހި މަސްވެރިކަމުގެ ބާވަތްތަކުން ނަގާ 24 ޕަސެންޓް ޑިއުޓީ ކުޑަކުރުމުގެ އިތުރުން ޔޫރަޕަށް ދާން ނަގަން ޖެހޭ ވިސާއާ ގުޅޭ ގޮތުން ނާއި އެކަންކަމުގައި ރާއްޖެއަށް ފަސޭހަތަކެއް ލިބޭތޯ މަޝްވަރާކޮށްފަ އެވެ.

ރޫމޭނިއާގެ ވިކްޓޯރިއާ ޕެލެސްގައި މިއަދު ހެނދުނު އެގަމުގެ ބޮޑޫވަޒީރުގެ ނާއިބު އަނާ ބިރުޗެލްއާ އެކު ބޭއްވި ބައްދަލުވުމުގައި ރޫމޭނީއާއި ރާއްޖެއާ މިހާރަށް ވުރެ ބޮޑަށް ބަދަހިކުރުމަށް ވަރަށް ގިނަ ދާއިރާތަކުން ވަނީ މަޝްވަރާކޮށްފަ އެވެ.

ރާއްޖެ އާއި ރޫމޭނިއާއާ ގުޅުން ގާއިމްކުރިތާ މި އަހަރަށް 50 އަހަރު ފުރޭނެ އެވެ.

ރާއްޖެއާ ރޫމޭނިއާއާ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރި ދާއިރާތަކުގެ ތެރޭގައި ސިއްހީ ދާއިރާއި، ކާރިސާތަކުން ދިމާވާ ކަންކަމުން ރިސްކުކޫޑަކުރުމާއި، ވިޔަފާރިއާއި އިންވެސްޓްމަންޓްތަކުގެ އިތުރުން އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ތައުލީމީ ދާއިރާ ހިމެނެ އެވެ.

comment ކޮމެންޓް