ތިން ރަށް ހިބައިން ދީގެން ވެސް ތަރައްގީ ނުވި އެއާޕޯޓް

ކޫއްޑޫ އެއާޕޯޓު: އެތަނުގެ ފަނެވަރު ދަށްވެ، ދަތުރުވެރިންނަށް ވަނީ މާޔޫސަކަށްވެފައި -- ފައިލް ފޮޓޯ/ ރައީސް އޮފީސް

އެއާޕޯޓުގެ އޮޕަރޭޝަންތައް ފެށީ ލަގެޖް އުފުލާ 100 އެއްހާ ޓްރޯލީއާއެކު އެވެ. ފުރޮޅު ސަލާމަތުން ބޭނުން ކުރެވޭ ހާލަތެއްގައި ހުރި ޓްރޯލީގެ އަދަދު 50 އަށް ވެސް ނާރާނެ އެވެ. ލަގެޖު އުފުލުމަށް މީގެ ކުރިން ތިން ވެހިކަލް އޮތް އިރު، މިހާރު އެއިން ހުރިހާ ވެހިކަލެއް ވެސް އޮތީ ހަލާކުވެ، ނުދުއްވޭ ވަރުގަ އެވެ. ޓާމިނަލްގެ އޭސީތައް ސާވިސް ނުކުރާތާ ވީ އަހަރެއްވެސް ނޭނގެ އެވެ. އަރައި ފައިބަން އޮތް ޖެޓީގެ ހާލަތު އެހާމެ ދަށެވެ؛

މިއީ ގއ. އަތޮޅުގެ މައި ގޭޓު، ކޫއްޑޫ އެއާޕޯޓުން ދަތުރު ކުރާ ދަތުރުވެރިންގެ އާންމު ޝަކުވާތަކެވެ. އެ އެއާޕޯޓަށް ދަތުރު ކުރާ މީހުން ދައްކާ ބާވެފައި ހުރި ވާހަކަ އެވެ. ކުރިން ހީކުރެވެނީ އެއީ ލިބުނު ފަސޭހައިން ނުފުދިގެން، އިތުރު ފަސޭހަތައް ހޯދަން އަނެއްކާ ވެސް ކޮށްލާ ޝަކުވާއެއް ކަމަށެވެ. ނަމަވެސް މި ފަހުން ޗުއްޓީއަށް ރަށަށް ޖައްސާލި އިރު، އެ ކަންކަން ފެނި ތަޖުރިބާ ވެސް ކުރެވިއްޖެ އެވެ.

މީގެ ހަތް އަހަރު ކުރިން، ސެޕްޓެމްބަރު 25 ވަނަ ދުވަހު ގއ. ކޫއްޑޫ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސުމަކީ އެ އަތޮޅުގެ ހަ ރަށުގެ ރައްޔިތުން 30 އަހަރު ވަންދެން ދެކެމުން އައި ހުވަފެނުގެ ކުލަ ޖެހުނު ދުވަހެވެ. ޓެސްޓް ފުލައިޓް ޖެއްސި ދުވަހު އަތޮޅުގެ ގިނަ ރައްޔިތުން ކޫއްޑޫއަށް ޖަމާވި އެވެ. އެތައް ރައްޔިތުންގެ އުންމީދާ ގުޅިފައިވާ އެއާޕޯޓުގެ ރަންވޭއަށް ފުލައިޓް ޖައްސާ މަންޒަރު ހަމަލޮލުން ދެކިލަން އެންމެން ކަހަލަ ގޮތަކަށް އެ ރަށަށް އެއްވީ ކުޑައެއް ބޮޑެއް ނެތި އެވެ. އެ މީހުން އެ ދުވަހު ކުރީ ބޮޑެތި އުއްމީދު ތަކެކެވެ. އެ މީހުންނަށް އެ ދުވަހު ހީވެފައި އޮތީ ދުނިޔެ ހިތަކަށް ލިބުނީހެން އެވެ. އެ މީހުން ދެކުނު ހުވަފެނަކީ ތަރައްގީގެ ކުލަތަކެވެ.

https://sun.mv/21923

ކުއްޑޫ އެއާޕޯޓު: އެއާޕޯޓުން ދޭ ހިދުމަތުގެ ފެންވަރު ދައްވުމަކީ އާންމުންގެ ކަންބޮޑުވުމެއް -- ސަން ފޮޓޯ

އެއާޕޯޓުން މިއަދު މާޔޫސްކަން!

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ރިސޯޓެއް ތަރައްގީކުރުމަށް ބަޔަކާ ހަވާލުކޮށް، ޑރ. ވަހީދުގެ ސަރުކާރުގައި 2012 ވަނަ އަހަރު ރަސްމީކޮށް އެއާޕޯޓު ހުޅުވިތާ މިހާރު ހަތް އަހަރު ވެފައިވާއިރު، ރައްޔިތުންގެ ކަންބޮޑުވުމަކީ އަދިވެސް އެތަން ތަރައްގީ ނުވާ ކަމުގެ ޝަކުވާ އެވެ. އެއާޕޯޓުން ތަރައްގީ ނުވާއިރު، އެތަނުން ދޭ ހިދުމަތުގެ ދޯހަޅި ކަމުގެ ޝަކުވާއެވެ؛ އަތޮޅުގެ ހަ ރަށް ހިމެނޭ ގޮތަށް ކައިރި ތިން ރިސޯޓަށް އަންނަ ދަތުރުވެރިންނަށް މިއަދު އެއާޕޯޓު އޮތީ މާޔޫސް ކަމަކަށް ވެފައެެވެ.

"ވާރޭ ވެހޭ ދުވަހެއް ނަމަ ލަގެޖްތައް ގެންދެވޭނެ ގޮތެއް ނޯވޭ. ބަލި މީހަކު ގެންދަން ޖެހިއްޖިއްޔާ ގެންދަނީ އެއާޕޯޓުގެ ގާޑިޔާ އަށް އަރުވައިގެން. އެއާޕޯޓުގެ ވެހިކަލްތަށް ހަލާކުވެފައި އޮތީ. ޓްރޯލީތައް ހަމައަކަށް ނުހުރޭ. ޖެޓީ ކައިރިން ޓްރޯލީއެއް ލިބުމަކީ ދަތިކަމެއް. ގިނަ ފަހަރަކު ޖެޓީ ކައިރީވެސް ޓްރޯލީއެއް ނުހުރޭ،" ކޫއްޑޫ އެއާޕޯޓާ ގުޅޭ ގޮތުން ދަތުރުވެރިއެއް އޭނާގެ އުދާސްތައް ބަންޑުން ކޮށްލި އެވެ.

ކޮންމެ ދުވަހަކުހެން އެއާޕޯޓަށް އަންނަ ކައިރި ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒިފެއްގެ ޝަކުވާ އަކީ ޓޫރިސްޓުން ލަގެޖް ނުބޭލި އެތައް އިރަކު މަޑުކުރަން ޖެހޭ ކަމުގެ ޝަކުވާ އެވެ. އެކަމުގެ ސަބަބުން ޓޫރިސްޓުންގެ ފްރަސްޓްރޭޝަން ވެސް ބޮޑުވާ ފަހަރު އާދެ އެވެ.

"އެއާޕޯޓުގައި ލަގެޖް ބާލާ އެންމެ ގާޑިޔާއެއް އޮންނަނީ. ބައެއް ފަހަރު އެ ގާޑިޔާގައި ވެސް މައްސަލަ ޖެހޭ. މިތާގައި[އެއާޕޯޓުގައި] އެކަށީގެން ވާވަރަށް މުވައްޒިފުން ނެތުމުން ލަގެޖް ބޭލުމުގައި ވެސް ދަތިތަކެއް ހުރޭ،" ރިސޯޓެއްގައި ފްރޮންޓް އޮފީސްގައި މަސައްކަތް ކުރާ މުވައްޒިފަކު ބުންޏެވެ. އޭނާ ކިޔައިދިން ގޮތުގައި ޓޫރިސްޓުންގެ ލަގެޖްތައް ނައިސް ލަސްވެ ބައެއް ދުވަސް ދުވަހު ބައި ގަޑި އިރަށް ވުރެވެސް ގިނައިރު އިންތިޒާރުގައި ތިބެން ޖެހެ އެވެ. އޭސީތައް ހަލާކުވެ ޓާމިނަލް ތެރެއެކޭ އަވަނެކޭ ވެސް އެއްގޮތެވެ.

"ޓާމިނަލްތެރެ އެހާ ހޫނު. އޭސީތަކުން ފިންޏެއް ނުވޭ. ހޫނު ކަމުން ގޮސް އެއާޕޯޓުގެ ބައެއް މުވައްޒިފުން ޗެކިން ގަޑީގައި ވެސް ނުހުރޭ. ޗެކިން ގަޑި ކައިރިވުމުން ކަންޓަރަށް އަންނަނީ ވެސް،" އޭނާ ބުންޏެވެ.

މުވައްޒިފުން މަދުވެ އެއާޕޯޓް ހިންގެނީ ކިރިޔާ!

ކުރިން ކޫއްޑޫ އެއާޕޯޓްގައި 70 އެއްހާ މުވައްޒިފުން ވަޒީފާ އަދާކުރި އެވެ. ދުވާލެއްގެ މައްޗަށް ހަތަރު ނުވަތަ ފަސް ފްލައިޓް ޖައްސަމުން އަންނަ އެ އެއާޕޯޓުގައި މިހާރު މުވައްޒިފުންގެ އަދަދަކީ، 57 އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް އެއާޕޯޓުގެ މުވައްޒިފަކު "ސަން" އަށް ކިޔައި ދިން ގޮތުގައި، އެއާޕޯޓުގެ މުވައްޒިފުންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް ދަށަށެވެ. މަދުވާ މުވައްޒިފުންނަށް އިތުރު މުވައްޒިފުން ވަޒީފާއަަކަށް ނުނަގަ އެވެ. އެޕޮރޭޝަންތައް ލަސް ވަނީ އެ ސަބަބާ ހުރެ ކަމަށް އޭނާ ބުންޏެވެ.

"އޮޕަރޭޝަން މެނޭޖަަރު ނުލާ ކޮންމެ ޝީފްޓެއްގައި މި ތިބެނީ ހަތަރު ނުވަތަ ފަސް ވަރަކަށް މުވައްޒިފުން. އެއީ އޮޕަރޭޝަން ހިންގުމަށް އެންމެ ރަނގަޅު އަދަދެއް ނޫން. އެ ކުދިންގެ ހިތްވަރު ވަރުގަދަ ކަމުން ފުލެޓްތައް ޑިލޭ ނުވަނީވެސް،" އޭނާ ބުންޏެވެ.

ކޫއްޑޫ އެއާޕޯޓުގެ މުވައްޒިފުން ގާޑިޔަލުގައި ލަގެޖް އުފުލަނީ: އެތާގައި މުވައްޒިފުންގެ އަދަދަކީ 57 --- ސަން ފޮޓޯ

ކޫއްޑޫ އެއާޕޯޓުގެ މުވަޒިފުން މަދުކަން އެއާޕޯޓުގެ މެނޭޖްމަންޓުންވެސް ގަބޫލުކުރެ އެވެ. ނަމަވެސް އެއާޕޯޓުގެ ހިދުމަތްތައްކުގެ ފެންވަރު ދަށްވުމާއި އޮޕަރޭޝަންތައް ލަސްވާ ކަމަށް ބުނާ ޝަކުވާތައް އެއާޕޯޓުން ދޮގު ކުރެ އެވެ.

"މުވައްޒިފުން މަދުކަން ފާހަގަ ކުރަން. ނަމަވެސް މިހާރު މިދާ އޮޕަރޭޝަނަށް ބަލާއިރު، މެނޭޖް ކުރެވޭނެ ކެޕޭސިޓީއެއް އެބަހުރި.. [ހިދުމަތް ދިނުމުގައި] މާބޮޑު އިޝޫއެއް ނެތް." ކޫއްޑޫ އެއާޕޯޓުގެ ހިދުމަތްތައް ދެވެނީ އެންމެ ރަނގަޅަށްތޯ ސުވާލު ކުރުމުން އެއާޕޯޓުުގެ މެނޭޖަރު ސައުދުﷲ ރަޝީދު ވިދާޅުވި އެވެ.

ސަދުﷲ ވިދާޅުވި ގޮތުގައި އެއާޕޯޓާ މެދު އާންމުންގެ މާބޮޑު ޝަކުވާއެއް ނެތެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން ޓްރޯލީ މަދުވުމުގެ މައްސަލަ ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޓްރޯލީ މަދުވުމުގެ މައްސަލަ ދިމާވީ އެއްފަހަރަކު ޓްރޯލީތައް މޫދަށް އެއްލާލުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މޫދުން އެއްލާލައިފައި ވަނިކޮށް ނެގިން 25 އަކަށް ޓްރޯލީ. އެހެނެވެ ޓްރޯލީގެ ދަތިތައް އުޅެނީ. މިހާރު ޓްރޯލީތައް ހުންނާނީ މަރާމާތުކޮށްފައި،" އޭނާ ވިދާޅުވީ ކޫއްޑޫގެ ދެ ބަނދަރުންވެސް ދަތުރުވެރިން އެއާޕޯޓަށް އަންނަ ކަމަށާއި އެއީވެސް ޓްރޯލީގެ ދަތިކަން އުޅޭ ސަބަބެއް ކަމަށެވެ.

"އިތުރު 50 ޓްރޯލީއަށް މިހާރު ވަނީ އޯޑަރު ދީފައި، ދެމަހެއްހާ ދުވަސް ނަގާނެ،" އޭނާ ވިދާޅުވި އެވެ. އަދި ކުންފުނީގެ މުވައްޒިފުންވެސް އިތުރު ކުރުމުގެ ވިސްނުން ކުންފުނިން ގެންގުޅުއްވާ ކަމަށް ސައުދުﷲ ވިދާޅުވި އެވެ.

ކޫއްޑޫ އެއާޕޯޓުގައި ގާޑިޔާ އިން ލަގެޖް ބާޅަނީ: އެއާޕޯޓުގެ އޮޕަރޭޝަންތައް ލަސްވުމަކީ އާންމުންގެ ކަންބޮޑުވުމެއް -- ސަން ފޮޓޯ

އޭނާ ވިދާޅުވީ، އެއާޕޯޓުގެ ވެހިކަލްތައް ހަލާކުވެފައި ވީނަމަވެސް ވަގުތީ ގޮތުން ހާއްސަ ހާލަތްތަކުގައި ކޫއްޑޫ ރިޒޯޓުގެ ވެހިކަލެއް ބޭނުން ކުރަމުން އަންނަ ކަމަށެވެ.

"ވެހިކަލް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން މިދާނީ. ސްޕެއާ ތަކަކީ، ރާއްޖެއިން ލިބޭ އެއްޗަކަށް ނުވުމުން އޯޑަރި ދީފައި ވަނީ. ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭ ހައްލެއް ލިބޭނެ ކަމަށް މި ބަލަނީ،" ސައުދުﷲ ވިދާޅުވި އެވެ.

އަތޮޅުން ތިން ރަށް، އެކަމަކު އެއާޕޯޓުގެ ހާލަތު ދަށަށް!

އެއާޕޯޓު ތަރައްގީކުރީ، 2011 ވަނަ އަހަރު އޭރުގެ ސަރުކާރުން ދިގުރަށް ކިޔާ ފަޅު ރަށެއްގައި ރިސޯޓެއް ތަރައްގީކުރުމަށް 50 އަހަރަށް ބޮނަވެއްޗާ މޯލްޑިވްސްއާ ހަވާލުކޮށްގެން އެވެ.

ފަންސަވީސް އަހަރަށް އެއާޕޯޓު ހިންގައި ތަރައްގީ ކުރުމަށް 2012 ވަނަ އަހަރު އޭރުގެ ޑރ. ވަހީދު ހަސަން މަނިކުގެ ސަރުކާރުން ހަވާލުކޮށްފައިވަނީ، ސިންގަޕޫރުގެ ކިއޮން ހޮންގް ކޮންސްޓްރަކްޝަނާއި އެލިސަން ކޮންސްޓްރަކްޝަން ކުންފުނި ގުޅިގެން އުފައްދާފައިވާ ކޭއެޗްއޭ ކޮންސްޓްރަކްޝަންއާ އެވެ. އެއާޕޯޓު ހިންގުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ކޫއްޑޫ އަނެއް ފަޅީގައި ރިސޯޓެއް [މާކިއު ރިސޯޓްސް މޯލްޑިވްސް] ތަރައްގީކޮށް ހިންގުމަށެވެ. އަދި ފަހުން ކޫއްޑޫ އެއްޕޯޓު ތަރައްގީކޮށް އިތުރަށް ބޮޑު ކުރުމަށް އަތޮޅުގެ އެންމެ ބޮޑު ފަޅު ރަށް، މާމުޓާ ވެސް ރިސޯޓެއް [ޕުލްމަން މޯލްޑިވްސް މާމުޓާ] ތަރައްގީކުރުމަށް ވަނީ ދީފަ އެވެ.

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު ފުއާދު ވިދާޅުވިގޮތުގައި، މިހާރު އެއާޕޯޓުގެ ހާލަތާ މެދު އަތޮޅުގެ ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަތޮޅުގެ ފަޅު ރަށްތައް ނަގައިގެން ތަރައްގީ ކުރާނެ ކަމަށް ބުނި އެއާޕޯޓު ތަރައްގީވާ ތަނެއް ނުފެންނަ ކަމަށް ފުއާދު ވިދާޅުވި އެވެ.

"އަތޮޅުގެ ރައްޔިތުން ވަރަށް ބޮޑު ކަންބޮޑުވުމެއް އެއާޕޯޓުގެ ހާލަތުގެ ދުވަހެއް ދުވަހަކަށް ދަށަށް ދިޔުމަކީ. އެއާޕާޓަށް އެކަނި އަތޮޅުގެ ތިން ރަށް ދޫކޮށްފައިވާއިރު، އެއާޕޯޓުން އެކަށީގެންވާ ހިދުމަތެއް އަތޮޅުގެ ރައްޔިތުންނަށް ނުލިބުމަކީ ހިތާމައެއް،" ފުއާދު ވިދާޅުވިއެވެ.

ހައްލު ހޯދަން އާ ތާރީހެއް!

ކޫއްޑޫ އެއާޕޯޓު ހިންގުމަށް ކޭއެޗްއޭ އާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހު 13 ވަނަ ދުވަހު އެވެ. އެއާޕޯޓު ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ވާހާކަ ދައްކަވަމުން ކޭއެޗްއޭގެ ސީއީއޯ މުހައްމަދު އަލީ ޖަނާހު، ޖަނާ ވިދާޅުވީ، އެއާޕޯޓް ތަރައްގީކޮށް ނިމޭ އިރު އެތަނުގައި އެއް ފަހަރާ ފަސް ޖެޓް ޕާކު ކުރެވޭނެ ޖާގަ އޮންނާނެ ކަމަށާއި އެއާބަސް ބޮޑެތި ބޯޓު ޖެއްސުމަށް ރަންވޭއަށް 50 މިލިމީޓަރުގެ ފަށަލައެއް ލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެފަހުން 2017 ވަނަ އަހަރުގެ ސެޕްޓޭމްބަރު މަހު، އެއާޕޯޓު ރީބްރޭންޑްކޮށް "ކޫއްޑޫ އެއާޕޯޓު މޯލްޑިވްސް" ގެ ނަމުގައި އަލުން ހުޅުވިއެވެ. އޭރު އޭޕޯޓު ހުޅުވީ، ޖެޓް ޖެއްސޭވަރަށް 1800 ފޫޓަށް ރަންވޭ ބޮޑުކޮށް، އެއް ފަހަރާ ފަސް ފުލައިޓަށް ހިދުމަތް ދެވޭ ގޮތަށް އޭޕްރޮން ބޮޑު ކޮށްފަ އެވެ.

ނަމަވެސް އެއާޕޯޓު އަލުން ހުޅުވި ފަހުން އެއާޕޯޓުގައި ޖެޓް ޖައްސާފައެއްނުވެ އެވެ. ރަންވޭ އާއި އޭޕޮރަން ބޮޑުކޮށް އަލުން ހުޅުވައިފައި ވީ ނަމަވެސް މިއަދާ ހަމައަށް ވެސް އެ ތަންތަނުގެ ބޭނުމެއް ނުހިފެ އެވެ.

ރަންވޭ ބޮޑުކޮށް، ކޫއްޑޫ އެއާޕޯޓު އަލުން ހުޅުވުމުގެ ރަސްމިއްޔާތު ތެރެއިން: ރަންވޭ ބޮޑުކޮށްފައިވާ އިރު، އަދިވެސް ރަންވޭގެ ބޭނުން އެންމެ ރަނގަޅުގޮތުގައި އޮތީ ނުހިފިފައި -- ސަން ފައިލް ފޮޓޯ

ކޫއްޑޫ އެއާޕޯޓުގެ މެނޭޖަރު ސައުދުﷲ ވިދާޅުވީ، އެއާޕޯޓަށް ސެޕްޓޭމްބަރު މަސް ތެރޭ ބޮޑެތި ތަރައްގީތަކެއް އަންނާނެ ކަމަށެވެ. އެގޮތުން ސެޕްޓެމްބަރު މަހާ ހަމައަށް ހުރި ދަތިތައް ހައްލުވެ، އެއާޕޯޓު ރަންވޭ އަށް ޖެޓް ޖެއްސުމަށް ކުރަމުން އަންނަ މަސައްކަތް ނިމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖެޓް އޮޕަރޭޝަން ފެށުމަށްޓަކައި މާކިއު މޯލްޑިވްސް ރިސޯޓްސްއާ ގުޅިގެން މިދަނީ މަސައްކަތް ކުރަމުން. އޭރަށް ޓާމިނަލްއަށް ބަދަލުތަކެއް އަންނާނެ. އަދި އޮޕަރޭޝަން އަށް އިތުރު މުވައްޒިފުންނާއެކު އެކަން ފެށިގެން ދާނީ. ވެހިކަލްވެސް މިކޮޅަށް ގެންނާނެ،" ސައުދުﷲ ވިދާޅުވި އެވެ.

"ލަފާ ކުރެވޭ ގޮތުގައި ސެޕްޓޭމްބަރު މަހަށް ފަހު، ބޮޑެތި ތަރަގީތަކެއް އަންނާނެ. ކަންތައްތައް ރަނގަޅުވެގެން ދާނެ މިހާރަށް ވުރެ،"

ސައުދުﷲ ވިދާޅުވީ، އިތުރު ފުލައިޓްތަކާއި އެއާލައިންތައް އިތުރު ކުރުމުގެ ވިސްނުން ކުންފުނީގައި އެބަހުރި ކަމަށާއި މިހާރުވެސް އިތުރު އެއާލައިނަކާ ވާހަކަ ދައްކަމުން ގެންދާ ކަމަށެވެ. އެއާޕޯޓު ތަރައްގީ ކުރެވެން އޮތީ ފުލައިޓްތަކުގެ އޮޕަރޭޝަންއަށް ބަލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ދަތުރު ފަތުރުކަމުގެ ފަސޭހަކަމަކީ ތަރައްގީގެ އެންމެ ބޮޑު ހިއްސާ އެވެ. ގއ. އަތޮޅުގެ މައި ގޭޓާ މެދު މިއަދު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އެބަ ހުއްޓެވެ. މުސްތަގުބަލުގައި ޓޫރިޒަމަށް ފުޅާވެގެންދާ މި އަތޮޅުގައި އެއާޕޯޓުގެ ދޯހަޅިކަން ދުވަހެއް ދުވަހަކަށް އިތުރުވާނަމަ އެއީ އަތޮޅުގެ ތަރައްގީއަށް އަންނަ ހުއްޓުމެކެވެ.

comment ކޮމެންޓް