ހަޅުތާލުކުރީ ރިސޯޓުން މަސައްކަތެއް ހަވާލުކުރި ކޮންޓްރެކްޓަރެއްގެ މުވައްޒަފުން: އޮޅުވެލި

އޮޅުވެލި ރިސޯޓް

އޮޅުވެލި ބީޗު އެންޑް ސްޕާ ރިސޯޓުގައި ކޮންސްޓްރަކްޝަން މަސައްކަތެއް ކުރި ބައެއްގެ މުސާރައިގެ މައްސަލާގައި މިރޭ ހަޅުތާލުކުރީ އެ ރިސޯޓުގެ މަސައްކަތެއް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރެއްގެ މުވައްޒަފުން ކަމަށް އޮޅުވެލި ރިސޯޓު ހިންގާ ކުންފުނިން ބުނެފި އެވެ.

އޮޅުވެލި ރިސޯޓު ހިންގާ އެމެރަލްޑް މޯލްޑިވްސް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މުސާރަ ލަސްވާ މައްސަލާގައި މުޒާހަރާކޮށް، ރިސޯޓުގެ މަސްލަހަތު ނަގާލުމަށް އެ މުވައްޒަފުން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެ މުވައްޒަފުންނަކީ އެކުންފުންޏާ އެކު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން، ރިސޯޓަށް އަލަށް އިތުރުކުރެވުނު ބައިގައި މަސައްކަތް ކުރަމުންގެންދާ ކޮންޓްރެކްޓަރެއްގެ މުވައްޒަފުން ކަމަށް އެމެރަލްޑް މޯލްޑިވްސް އިން ބުންޏެވެ.

މިރޭ 18:45 އެހައިކަންހާއިރު ފެށި އެ ހަޅުތާލުގައި 50 އެއްހާ ބަންގްލަދޭޝްގެ މަސައްކަތްތެރިން ބައިވެރިވެފައިވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

"މިއިން އެއްވެސް މީހަކީ މި ކުންފުނީގެ ޕޭރޯލްގައި ހިމެނޭ، ނުވަތަ މި ކުންފުނިން އެއްވެސް މަސައްކަތަކަށް ކޮންޓްރެކްޓް އުސޫލުން ވިޔަސް ނަގާފައިވާ މީހެއް ނޫނެވެ. މުސާރަ ނުލިބި ލަސްވެގެން ކަމަށް ބުނެ ހަޅުތާލުކުރި ހުރިހާ މަސައްކަތްތެރީންނަކީ ވެސް މި ކުންފުނިން މަސައްކަތް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރުގެ މުވައްޒަފުންނެވެ،" އެ ބަޔާނުގައިވެ އެވެ.

އެ ކުންފުނިން ބުނީ ހަޅުތާލުކުރި ބިދޭސީ މަސައްކަތްތެރީން ދަގަނޑުބުރިތަކާއި ލަކުޑިބުރި ފަދަ ތަކެތި ބޭނުންކޮށް، މަސައްކަތް ހިނގަމުން ދިޔަ ސައިޓް އޮފީހުގައި ތިބި ދިވެހިންނަށް ބިރުދައްކައި، ބައެއް ދިވެހީންނަށް ހަމަލާދީފައިވާ ކަމަށެވެ. އަދި ހަޅުތާލު ނުހުއްޓައި ގެސްޓް އޭރިއަށް އަރާނެކަމުގެ އިންޒާރުދޭން ފެށުމުން، ރިސޯޓުގައި ތިބި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްގެ އެހީތެރިކަމަށް އެ ކުންފުނިން އެދުނު ކަމަށް އެމެރަލްޑް މޯލްޑިވްސް އިން ބުންޏެވެ.

"ހަޅުތާލުކުރި މަސައްކަތްތެރީން ތިބީ ރިޒޯޓާ ޖެހިގެން ހަދަމުން އަންނަ ރަށެއްގައި ކަމަށްވުމުން، މިހާދިސާގައި އެއްވެސް ފަތުރުވެރިއަކަށް އުނދަގުލެއް ނުވަތަ ތުރާލެއް ކުރިމަތިވެފައެއް ނުވެއެވެ،" އެ ބަޔާނުގައިވެ އެވެ.

އެމެރަލްޑް މޯލްޑިވްސް އިން ބުނީ މިރޭ ދިމާވި މައްސަލަ ހައްލު ކުރުމަށް، މޯލްޑިވްސް ޕޮލިސް ސާވިސް މެދުވެރިކޮށް އެކުންފުނިން ކުރި މަސައްކަތުން، މިހާރު ވަނީ މައްސަލަ ހައްލުކުރެވިފައި ކަމަށެވެ.

އެ ކޮންޓްރެކްޓަރުގެ މުވައްޒަފުންނަށް ނުދެވި ހުރި މުސާރަ، މިފެށޭ ހަފުތާގެ ހޯމަ ދުވަހު ދީ ޚަލާސްކުރާނެ ކަމަށް، ކޮންޓްރެކްޓަރު އަންގާފައިވާ ކަމަށް އެމެރަލްޑް މޯލްޑިވްސް އިން ބުންޏެވެ.

"ހަޅުތާލުކުރި މުވައްޒަފުން ވެސް އެކަން ގަބޫލުކޮށް ހަޅުތާލު ހުއްޓާލާފައިވާކަން މައުލޫމާތަށް ޓަކައި ދެންނެވީމެވެ،" އެ ބަޔާނުގައިވެ އެވެ.

comment ކޮމެންޓް