ބަސް ޑްރައިވަރަށް ނިދިގެން އަނެއްކާވެސް އެކްސިޑެންޓެއް ހިނގައިފި

އެމްޓީސީސީގެ ބަހަކުން ޖެހި ކާރަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި-- ފޮޓޯ: މީސް މީޑިއާ

ހުޅުމާލޭގައި އެމްޓީސީސީގެ ބަސް ޑްރައިވަރަކަށް ނިދިގެން އަނެއްކާވެސް މިއަދު އެކްސިޑެންޓެއް ހިނގައިފި އެވެ.

އެ ހާދިސާ ހިނގައިފައިވަނީ މިއަދު މެންދުރުއެވެ. އެ ހާދިސާގައި އެމްޓީސީސީގެ ބަހެއް ކާރެއްގައި ޖެހި އެ ކާރަށް ވަނީ ގެއްލުންތަކެއް ލިބިފަ އެެވެ. ފުލުހުން ބުނީ މިއަދު މެންދުރު 2:30 ގައި ހުޅުމާލެ ނިރޮޅުމަގުގައި ވަޅޯމަސް ކެފޭ ކުރިމަތީ އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ބަސް ޑްރައިވަރަށް ނިދިގެން ކަމަށް މިހާތަނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ އެކްސިޑެންޓްގެ ފޮޓޯތަކުން ފެންނަ ގޮތުގައި ކާރުގެ ފަހަތަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. އޭގެ އިތުރުން ބަހުގެ ކުރީކޮޅަށްވެސް ވަނީ ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފަ އެވެ.

މިދިޔަ ހޯމަ ދުވަހުވެސް ހުޅުމާލޭ އެމްޓީސީސީގެ ބަހަކުން ޓޫރިސްޓެއްގެ ގައިގައި ޖެހި އޭނާ ވަނީ މަރުވެފަ އެވެ.

އެ އެކްސިޑެންޓް ވެސް ހިނގީ ޑްރައިވަރަށް ނިދިގެން ޖެހިގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެކްސިޑެންޓާ ގުޅިގެން އެމްޓީސީސީއަށް ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، އެމްޓީސީސީން ބުނީ ޑްރައިވަރުންގެ މަސައްކަތުގެ މާހައުލު ރަނގަޅުވާނެ ކަމަށާއި ޑްރައިވަރުން ބަސް ދުއްވަންޖެހެނީ ގިނަ ވެގެން ހަތަރު ގަޑިއިރު ކަމަށެވެ.

comment ކޮމެންޓް