އެމްއެމްސީގެ ގާނޫނު އިސްލާހު ކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

މީޑިއާގެ ދާއިރާގައި ހުރި ކަންކަން ހައްލުކުރުމަށް ހޯމް މިނިސްޓްރީއާއި މީޑީއާ ކައުންސިލްއާއެކު ބޭއްވި މަޝްވަރާތަކުގެ ތެރެއިން--- ފޮޓޯ: ހޯމް މިނިސްޓްރީ

މީޑިޔާގެ ދާއިރާގައި ހުރި ކަންކަން ހައްލުކުރުމާއި މީޑިއާ ކައުންސިލް ގާނާނު އިސްލާހު ކުރުމާ ގުޅޭ ގޮތުން ހޯމް މިނިސްޓްރީއާ އެކު މީޑިއާ ކައުންސިލުން މިއަދު މަޝްވަރާކޮށްފި އެވެ.

މީޑިއާ ކައުންސިލްގެ އެދުމުގެ މަތިން ބޭއްވި މި ބައްދަލުވުމާ ގުޅޭ ގޮތުން ހޯމް މިނިސްޓްރީއިން ބުނީ ކައުންސިލުން ވަނީ އެކައުންސިލް ހިންގުމާއި، މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި ހުރި ގޮންޖެހުންތައް ފާހަގަކޮށް އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައި ކަމަށެވެ.

އެ ބައްދަލުވުމުގައި މީޑީއާ ކައުންސިލްއިން ފާޅުކުރި ކަންބޮޑުވުންތަކުގެ ތެރޭގައި ބަޖެޓް ލިބުމުގައި ހުރި ދަތިކަމާއި، މެންޑޭޓް ތަންފީޒުކުރުމުގައި ހުރި ގާނޫނީ ހުރަސްތައް ހިމެނެ އެވެ.

މީގެ އިތުރުން، ރާއްޖެ އާއި ބޭރުގެ ފަންނީ މާހިރުންގެ އެހީގައި މީޑިއާ ކައުންސިލްގެ ގާނޫނު އިސްލާހުކޮށް މިހާރަށް ވުރެ އެ ގާނޫނު ހަރުދަނާ ކުުރުމަށް ވެސް މަޝްވަރާ ކުރި އެވެ.

އެެ ބައްދަލުވުމުގައި މަޝްވަރާކުރި އިތުރު ކަންތައްތަކުގެ ތެރޭގައި މީޑިޔާގެ ދަފްތަރާއި، ނޫސްވެރިންގެ ދަފްތަރު އެކުލަވާލުމާއި މީޑިޔާތައް ރަޖިސްޓްރީ ކުރުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުން ހިމެނެ އެވެ.

އެ ބައްދަލުވުމުގައި މިނިސްޓްރީގެ ފަރާތުން ރިޔާސަތު ބެލެހެއްޓެވި ހޯމް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ މީޑީއާ ކައުންސިލްއިން ހުށަހެޅި ކަންބޮޑުވުންތައް ހައްލުކުރަން ވަރަށް އަވަހަށް މަސައްކަތްކުރައްވާނެކަމަށެވެ. އަދި މީޑިޔާ ކައުންސިލާ ގުޅިގެން މީޑިޔާގެ ދާއިރާގެ ކުރިއެރުވުމަށް މަސައްކަތްކުރައްވަން ބޭނުންވާ ކަމަށާއި، ކުރިއަށް އޮތްތަނުގައި އެމަސައްކަތް ކުރައްވާނެކަމަށް އޭނާ ވިދާޅުވި އެވެ.

ނަޒީރު ވިދާޅުވީ ދިވެހި މީޑިޔާ ހަރުދަނާކޮށް ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގައި މޯލްޑިވްސް މީޑިޔާ ކައުންސިލްގެ އެހީތެރިކަން ބޭނުންވާކަމަށާއި، ދެފަރާތުން ގުޅިގެން ކުރެވެންހުރި ކިތަންމެ ކަމެއް އެބަހުރިކަމަށެވެ.

ސިލްސިލާ ބައްދަލުވުންތަކެއް ބާއްވައި ކައުންސިލްގެ ޝަކުވާތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ މަސައްކަތާއި، މީޑިއާ ދާއިރާ ކުރިއެރުވުމަށް ކައުންސިލާ ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަންވެސް ސްޓޭޓް މިނިސްޓަރު ވަނީ ދެއްވައިފަ އެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި މީޑިޔާ ކައުންސިލްގެ ރައީސް ހިދާޔަތުﷲގެ އިތުރުން އެކައުންސިލްގެ ބައެއް މެމްބަރުންނާއި، އިދާރީ ބޭފުޅުން ބައިވެރިވެލެއްވި އެވެ.

comment ކޮމެންޓް