ރޯދައިގެ ވަސިއްޔަތް: ރޯދައިގައި ފޮރުވިފައިވާ ސިއްރު

އިސްލާމީ މަރުކަޒުގައި މީހަކު ޤުރުއާން ކިޔަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޯދައާއި މެދު ވިސްނައި ފިކުރުކޮށްފިނަމަ ޢުބޫދިއްޔަތުގެ (އެބަހީ: އަޅުކަމުގެ) މާނަ އެނޫން އަޅުކަމެއްގައި ނުހިމެނޭފަދަ މަތިވެރި ދަރަޖައަކަށް ރޯދައިގަ އެކުލެވިގެންވާކަން ތިބާއަށް ހާމަވާނެއެވެ. މިއަޅުކަމުގެ ވަގުތު ދިގުދެމިގެންވުމުގެ އިތުރުން ދިރުއުޅުމުގެ ހުރިހާ ކަމެއް މިއަޅުކަން އަދާކުރަމުންދާ ވަގުތު ކުރެވެއެވެ.

އަދި ކިއެއްތޯއެވެ! އަޅުކަމެއްގެ ތެރޭގައި އެނޫން އެހެން ހުރިހާ އަޅުކަމެއް ކުރުމުގެ ފުރުޞަޠު ލިބެނީ ހަމައެކަނި ރޯދައިގެ އަޅުކަމުގައެވެ. އޭގެ ތެރޭގައި ޠަހާރަތުގެ ބާބުންފެށިގެން ގޮސް ތިމާގެ ފުރާނަޔާއިގެން ނުކުމެ މާތް ﷲ ގެ މަގުގައި ޖިހާދުން ކުރުން ކަމުގައިވިޔަސްމެއެވެ. މިކަމަށްޓަކައި މާތް ﷲ ގެ ޙަޟުރަތުގައި ރޯދައިގެ އަޅުކަމުގެ މަޤާމު އުފުލިގެންވެއެވެ.

ޤުދުސީ ޙަދީޘްފުޅެއްގައިވެއެވެ. "قَالَ اللهُ - عز وجل - : كُلُّ عَمَلِ ابْنِ آدَمَ لَهُ إِلاَّ الصِّيَام ، فَإنَّهُ لِي وَأنَا أجْزِي بِهِ ، وَالصِّيَامُ جُنَّةٌ ، فَإذَا كَانَ يَومُ صَوْمِ أحَدِكُمْ فَلاَ يَرْفُثْ وَلاَ يَصْخَبْ فإنْ سَابَّهُ أحَدٌ أَوْ قَاتَلَهُ فَلْيَقُلْ: إنِّي صَائِمٌ . وَالذِي نَفْسُ مُحَمَّدٍ بِيَدِهِ لَخُلُوفُ فَمِ الصَّائِمِ أطْيَبُ عِنْدَ اللهِ مِنْ رِيحِ المِسْكِ . لِلصَّائِمِ فَرْحَتَانِ يَفْرَحُهُمَا : إِذَا أفْطَرَ فَرِحَ بفطره ، وَإذَا لَقِيَ رَبَّهُ فَرِحَ بِصَوْمِهِ " متفقٌ عَلَيْهِ މާނައީ: "މާތް ﷲ ވަޙީކުރެއްވިއެވެ. "އާދަމުގެ ދަރިޔާގެ ކޮންމެ ޢަމަލަކީ އޭނާއަށްޓަކައިވާ ކަމެކެވެ. ރޯދަފިޔަވައެވެ. ފަހެ ހަމަކަށަވަރުން، ރޯދައަކީ ތިމަން ރަސްކަލާނގެއަށްޓަކައިވާ ކަމެކެވެ. އަދި އެކަމަށް ދަރުމަ ދެއްވާނީ ތިމަން ރަސްކަލާނގެއެވެ."

ދެން ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "ރޯދައަކީ ރައްކާތެރިކަމެކެވެ. ފަހެ، ތިޔަބައިމީހުންކުރެ މީހަކު، ރޯދައަށް ހުންނަ ދުވަހު، ހަޑިހުތުރު ބަސްތައް ނުބުނާހުށިކަމެވެ. އަދި އަޑުގަދަކޮށް ހަޅޭލައި ނަހަދާށެވެ. ފަހެ، އެހެން މީހަކު އޭނާއާ އަރައިރުންވެ ހަޑިހުތުރު ބަހެއް ބުނެފިނަމަ، އޭނާއަށް ބުނާހުށިކަމެވެ. ހަމަކަށަވަރުން، ތިމަންނާއީ ރޯދަވެރިއަކީމެވެ. އަދި އެކަލާނގެ އަތްޕުޅުގައި މުޙައްމަދުގެފާނުގެ ފުރާނަފުޅުވާ އިލާހު ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުން، ރޯދަވެރިޔާގެ އަނގައިގެ ވަސް، ﷲ ގެ ޙަޟުރަތުގައި ގޮމަކަސްތޫރީގެ ވަހަށްވުރެ ވަސްމީރުވެގެންވެއެވެ. ރޯދަވެރިޔާއަށް ދެ އުފަލެއް ވެއެވެ. އެއީ، ރޯދަވީއްލާހިނދު (ފުރިހަމަގޮތުގައި ރޯދަހިފުނުކަމަށްޓަކައި) ލިބޭ އުފަލާއި، އަދި އޭނާގެ ވެރިރައްބުގެ ޙަޟަރަތާ ބައްދަލުވާހިނދު (އެކަލާނގެ ދެއްވާ މަރުމައާއި ސަވާބަށްޓަކައި) ލިބޭ އުފަލެވެ."

މިބަސްފުޅުގައި މާނައާއެމެދު ވިސްނައިލަމާ ހިނގާށެވެ. އާދަމުގެ ދަރިއެއްގެ ހުރިހާ އަމަލެއް ވަނީ އޭނާއަށެވެ. "إلاَّ الصوم فإنّه لي وأنا أجزي به" - متفق عليه "ރޯދަ ފިޔަވައެވެ. އެ ރޯދަ ވަނީ ތިމަންރަސްކަލާނގެއަށެވެ. އަދި ރޯދައަށް ޖަޒާ ދެވާހުށީވެސް ތިމަންރަސްކަލާނގެވެ."

ކޮންމެ ޢަމަލަކަށްމެ ޖަޒާދެއްވާހުށީ ކީރިތިވަންތަ ﷲ އެވެ. ނަމަވެސް ރޯދައިގެ އަޅުކަން ވަކިވެ ހާއްސަ ކުރެވިފައިވަނީ މަތިވެރި ހިކުމަތަކަށްޓަކައެވެ.

މި އަޅުކަމުގެ މާތްކަން ފާޅުވެގެންދާ އެއްމެބޮޑު އެއްކަމަކީ ރޯދަ ހިފުމުގެ މައްސަރަކީ ކީރިތި ޤުރްއާން ބާވަލެއްވުމަށް މާތް ﷲ އިޚްތިޔާރުކުރައްވާފައިވާ މައްސަރުގައި ކަމުގައިވުމެވެ. އަދި އެރެއްގެ މާތްކަން އެއްހާސް މައްސަރަށްވުރެ މާތްވެގެންވާ ލައިލަތުލް ޤަދްރިވިލޭރެއަކީ ރަމަޟާމަހުގެ ތެރޭގައި ލައްވާފައިވާ ރެއެއް ކަމުގައިވުމެވެ. އަދި އެމައްސަރުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިގެންވެއެވެ. ނަރަކައިގެ ދޮރުތައް ބަންދުވެގެންވެއެވެ. އަދި ޝައިޠާނުންގެ ތެރެއިން މާރިދުން ކަސްތޮޅު އެޅުވިގެންވެއެވެ. އަދި އެމަހުގެ ކޮންމެ ރެއެއްގައި އަޅުތަކުންގެ ތެރެއިން އެއިލާހު އިރާދަކުރެއްވި ބަޔަކު ނަރައިކައިން މުއްތިކުރައްވައެވެ. މިހުރިހާ މަތިވެރިކަމެއް ލިބިގެންވަނީ ހަމައެކަނި ރަމަޟާން މަހަށެވެ.

ރޯދަވެރީންނަށް ޚާއްޞަވެގެންވާ ދޮރުކޮޅެއް ސުވަރުގޭގައި ވާހަކުގައި ރިވާވެގެންވެއެވެ. މާތް ﷲ، އެކަލޭގެފާނަށް ރުއްސުންލެވި ސަހުލު ބުނު ސަޢުދުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "ހަމަކަށަވަރުން ސުވަރުގޭގައި އައްރައްޔާނެވެ ކިޔުނު ދޮރުކޮޅެއް ވެއެވެ. ޤިޔާމަތް ދުވަހުން، ރޯދަވެރިން އެދޮރުކޮޅުން ސުވަރުގެ ވަންނަހުއްޓެވެ. އެބައިމީހުން ނޫން އެހެން އެއްވެސް މީހަކަށް އެ ދޮރުކޮޅުން ނުވަދެވޭހުއްޓެވެ. ބުނެވޭނެތެވެ. ރޯދަވެރިން ކޮބައިހެއްޔެވެ؟ ފަހެ، އެއުރެން އެ ދޮރުކޮޅުން ވަނުމަށްޓަކައި ތެދުވާނެއެވެ. އެ ދޮރުކޮޅުން އެބަމީހުން ނޫން އެހެން އެއްވެސް މީހަކު ނުވަންނާނެތެވެ. ފަހެ، އެބައިމީހުން އެންމެން ސުވަރުގެ ވަނުމުން، އެދޮރުކޮޅު ބަންދުކުރެއްވޭހުއްޓެވެ. އެނޫން އެއްވެސް މީހަކަށް، އެ ދޮރުކޮޅުން (ސުވަރުގެއަށް) ނުވަދެވޭހުއްޓެވެ." (މިޙަދީޘް ރިވާކުރެއްވީ އަލްބުޚާރީ އައި މުސްލިމެވެ.)

ރޯދަ ފިޔަވައި އެހެންކޮންމެ އަޅުކަމެއްގައި ކުރާ ޢަމަލެއް ފެންނާން އޮވެއެވެ. ނަމާދުކުރާ މީހާގެ ބޭރުފުށުގެ ހަރަކާތްތައް ފެނެއެވެ. ޙައްޖުވެރިޔާ، ތަވާފު ކުރާތަނާއި، ސަޢުޔު ކުރާތަނާއި، އަދި އެނޫންވެސް ޙައްޖުގެ އަޅުކަން އަދާކުރާތަން ފެނެއެވެ. ޒަކާތް ދިނުމާއި، ޞަދަޤާތް ކުރުމާއި، ކީރިތި ޤުރްއާން ކިޔެވުމާއި އަދި މިނޫނަސް ކޮންމެ އަޅުކަމެއްގައިމެ ކުރާ ޢަމަލެއް ފެންނާން އޮވެއެވެ. ނަމަވެސް ރޯދައިގެ އަޅުކަމަކީ ކަންތައްތަކުން އެއްކިބާވެ ހުރެގެން އަދާކުރާ އަޅުކަމެކެވެ. ކެއިންބުއިމާ، ދެމަފިރިން އެއްދާންކުރުންމުން އެއްކިބާވެހުރެ އަދާކުރަންޖެހޭ އަޅުކަމެކެވެ. ރޯދައިގެ އަޅުކަމަކީ، ނުކޮށްދޫކޮށްލާ ކަންތައްތަކެއްގެ މައްޗަށް ބިނާވެފައިވާ އަޅުކަމަކަށް ވީހިނދު، ކުރާ އެއްވެސް ޢަމަލެއް ފެންނާން ނެތުމަކީ އެއަޅުކަމަށް ޚާއްޞަވެގެންވާ ސިފައެވެ. ރޯދައަކީ ތިމާއާއި ތިމާގެ ވެރި ރައްބާއި ދެމެދުގައިވާ ސިއްރެކެވެ.

ރޯދައަކީ ޖިހާދެއް ކަމުގައި ބުނެވިދާނެއެވެ. އެހެނީ ރޯދަވެރިޔާ އޭނާގެ ހަވާނަފްސާއި، ޖިންސީ އެދުންތަކާއި ދެކޮޅަށް ގަދައަޅައި ޖިހާދުކުރެވެ. އެހެންކަމުން އޭނާގެ ހަށިގަނޑަށް ޝައިޠާނާގެ އަސަރު ފޯރުވުން ބަންދުވެގެން ދެއެވެ. ހަމައެފަދައިން މުޖާހިދުންގެ ސަބަބުން ﷲ ގެ މަގަށް ހުރަސްއެޅުމަށް މަސްކަތްކުރާ މީހުންގެ މަގުތައް ބަންދުވެގެން ދެއެވެ.

ރޯދައަށް ހުންނަވަގުތު ތަކުގައި ކެތްތެރިވެ ރުޅިމަޑުކުރައްވާށެވެ. އަދި ތިމާގެ ހަވާނަފްސާއި ދެކޮޅަށް ގަދައަޅައި ޖިހާދުކުރައްވާށެވެ. މި މަތިވެރި މައްސަރުގައި ގިނަގުނަ ހެޔޮ ޢަމަލު ކުރުމަށް ވަސިއްޔަތް ކުރަމެވެ.

comment ކޮމެންޓް