މުއްދަތު ހަމަވިއިރު އޮޑިޓް ރިޕޯޓް ހުށަހެޅީ ހަތަރު ސިޔާސީ ޕާޓީ އަކުން

އޭޕްރިލް 11، 2019: އިލެކްޝަން ކޮމިޝަންގެ ވަގުތީ ނަތީޖާއާ ބެހޭގޮތުން ބޭއްވި ޕުރެސް ގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ސިޔާސީ ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭ އޮޑިޓް ރިޕޯޓްތައް މުއްދަތު ހަމަވި އިރު ހުށަހަޅާފައި ވަނީ ހަތަރު ޕާޓީއަކުންކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް މިއަދު "ސަން" އަށް ވިދާޅުވީ އޮޑިޓްރިޕޯޓް މިހާތަނަށް ހުށަހެޅީ ޕީޕީއެމް އާއި އެމްޑީޕީގެ އިތުރުން އެމްޑީއޭ އަދި ޖޭޕީ އިން ކަމަށެވެ.

ޕީޕީއެމްއިން އޮޑިޓް ރިޕޯޓް ހުށަހަޅާފައިވަނީ މިއަދުއެވެ. އަދި އެމްޑީޕީން އޮޑިޓް ރިޕޯޓް ހުށަހަޅާފައި ވަނީ މިދިޔަ މަހު ފަހުކޮޅު އެވެ.

ޕާޓީތަކުން އިލެކްޝަންސް ކޮމިޝަންއަށް އޮޑިޓް ރިޕޯޓް ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީހަކީ މިއަދެވެ.

އަކްރަމް ވިދާޅުވީ މުއްދަތު ހަމަވި އިރު އަދާލަތު ޕާޓީ އާއި ޑީއާރުޕީ އިން އޮޑިޓް ރިޕޯޓް ހުށަހަޅާފައިނުވާ ކަމަށެވެ.

ސީޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ކަނޑައަޅާފައިވާ މުއްދަތުގައި އޮޑިޓް ރިޕޯޓް ހުށަނާޅާ ޕާޓީތައް 20،000 ރުފިޔާ އާއި 50،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ.

މީގެ ކުރިން ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބައެއް ސިޔާސީ ޕާޓީތަކުން އޮޑިޓް ރިޕޯޓް ހުށައަޅާފައިނުވާތީ އެޕާޓީތަކަށް ފައިސާ ދޫނުކޮށް ހިފަހައްޓައިފަ އެވެ.

comment ކޮމެންޓް