އެފްއޭއެމްއިން ބާއްވާ ފުޓުސަލް މުބާރާތުގެ ގުރުނެގުން ކުރިއަށް ގެންގޮސްފި

މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި ފުޓްސަލް މުބާރާތުގެ ގުރު ނެގުމުގެ ތެރެއިން --- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

އެފްއޭއެމް އިން އިންތިޒާމުކޮށްގެން މި އަހަރު ކުލަބުތަކަށް ހުޅުވާލައިގެން ބާއްވާ ފުޓްސަލް މުބާރާތުގެ ގުރުނެގުން މިއަދު ކުރިއަށް ގެންގޮސްފި އެވެ.

އަންހެން އަދި ފިރިހެން ކެޓަގަރީއަށް ބަހާލައިގެން މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު ފިރިހެން ބައިގެ ކުޅުން ފެށޭނީ މި މަހުގެ 13 ވަނަ ދުވަހު އެވެ. އަދި އަންހެން ކެޓަގަރީގެ ކުޅުން ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.

މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި ފުޓްސަލް މުބާރާތުގެ ގުރު ނެގުމުގެ ތެރެއިން --- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ފިރިހެން ބައިން 16 ޓީމަކަށް އަދި އަންހެން ބައިން އަށް ޓީމަކަށް ފުރުސަތުދޭ ގޮތަށް މުބާރާތް ހުޅުވާލި ނަމަވެސް ހުރިހާ ޝަރުތެއް ހަމަވާ 20 ޓީމަކުން ފިރިހެން ކެޓަގަރީގައި ބައިވެރި ވުމަށް އެދުމުން އެފްއޭއެމް އިން ވަނީ އެ 20 ޓީމަކަށް މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ދީފަ އެވެ. އަދި އަންހެން ކެޓަގަރީއިން މުބާރާތުގައި ވާދަ ކުރާނީ ހަތަރު ޓީމެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭން ހަމަޖެހިފައިވާ ރަނަރަޕް ޓީމަކަށް 25،000 ރުފިޔާ ދޭން ވަނީ ނިންމައިފަ އެވެ.

މި ފަހަރުގެ މުބާރާތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މިދިޔަ އަހަރު ފުރަތަމަ ޑިވިޝަނުގެ މާލޭ ލީގައި ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު އެއްވެސް ކުޅުންތެރިއަކު މުބާރާތުގައި ރަޖިސްޓްރީ ނުކުރެވޭނެ އެވެ. ނަމަވެސް މި ފުޓްސަލް މުބާރާތް ކުޅޭ ކުޅުންތެރިންނަށް މި އަހަރުގެ ލީގު ކުޅުމުގެ ފުރުސަތު އޮންނާނެ އެވެ.

މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި ފުޓްސަލް މުބާރާތުގެ ގުރު ނެގުމުގެ ތެރެއިން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ)--- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ ރާއްޖޭގައި މިވަގުތު ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އެބަ ތިބިކަމަށާއި ފުޓްސަލް އަކީ ކުޅުންތެރިންގެ ހުނަރު ޑިވެލޮޕް ކުރުމަށް ވަރަށް މުހިއްމު ކުޅިވަރެއް ކަމަށެވެ. ނަމަވެސް ކުރިއަށް އޮތްތާ ކުރިއަށްދާނީ ފުޓްސަލްއިންތޯ ނުވަތަ ބޮޑު ފުޓުބޯޅައިންތޯ ކުޅުންތެރިން ނިންމަން ޖެހޭ ކަމަށެވެ. ސަބަބަކީ ބޮޑު ފުޓުބޯޅަ އެއަހަރަކު ކުޅޭ ކުޅުންތެރިޔަކަށް އެއަހަރުގެ ފުޓްސަލް މުބާރާތުން ޖާގައެއް ނުލިބޭނެ އެވެ.

މުބާރާތުގެ ގުރުނެގުން:

ގުރޫޕް އޭ: 1. ޔޫއެން ފްރެއިންޑްސް 2. ދޫނޑިގަލޯނާ 3. ވިޔަންސާ 4. މުއިވެޔޮ ފްރެއިންޑްސް 5. ދަ ގްރާންޑޭ

ގުރޫޕް ބާ: 1. ބީޖީ ސްޕޯޓްސް ކުލަބް 2. އެމް.ވައި.އޭ.ތުލުސްދޫ 3. ހުޅުދުއްފާރު 4. ބިގަލޯސް 5. އެމް.އެސް ހެލްޕިންގް

ގުރޫޕް ސީ: 1. ކުލަބް ޕީކޭ 2. ރިވަލްސާ 3. ޕޮލިސް ކުލަބް 4. ކޮންފެއާ އެސްސީ 5. ދަނޑު ގޯޅި

ގުރޫޕް ޑީ: 1. ވިލިމާލެ 2. އެލްޓީ އެސްސީ 3. ޑީއެސްސީ 4. ޔޫތް އެލަޔަންސް 5. ޓީސީ ސްޕޯޓްސް

އަންހެން ކެޓަގަރީ:

އޭ. ބީޖީ ސްޕޯޓްސް ކުލަބް

ބީ: އެމް.އެސް މޭޓްސް

ސީ: ޕޮލިސް ކުލަބް

ޑީ: ޑީ.އެސް.ސީ

މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ވިޔަންސާއާއި ޔޫއެން ފްރެެއިންޑްސް އެވެ. ހަވީރާއި ރޭގަނޑު މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ އިރު މިފަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާލޭ މިނީ ޓާފްގަ އެވެ.

comment ކޮމެންޓް