އެހެރީ އަންހެނުން ބަލަން

އިހުޒަމާނުގައި ރަސްރަސްކަލުން ގިނަ ވަގުތު ހޭދަކުރެއްވި ކަމަށް ތާރީހު ކިޔައިދެނީ ހިތްއުފާ ކުރެއްވުމުގަ އެވެ. މިގޮތުން މިކަމަށް އަހުލުވެރި ހެއްވާ މީހުންނަށް ދަރުބާރުތަކުގައި ވަރަށް މަތިވެރި މަގާމުދީފައި ތިބެ އެވެ.

މިފަދަ ވާހަކަތަކުގެ ތެރެއިން އީރާނު ތާރީހުގައި އޮތް މިވާހަކަ މިހާރު ވަނީ ދުނިޔޭގެ ބައެއް އެހެން ބަސްބަހުން ލިޔެވި މަޝްހޫރުކަން ހޯދައިފަ އެވެ. އެވާހަކައިގެ ޚުލާސާއަކީ މިއީ އެވެ.

ދަރުބާރުގެ ރަސްމީ ސުވާލު ޖަވާބާއި ވަޒީރުން ބޮޑުން ކަމުވޮށިފުރަދާނައިންގެ ކަންކަންނިމުމާ އެކު ރަސްގެފާނު އެތާ ތިބީންނަށް ވިދާޅުވި އެވެ. މިއަދު ތިމަން ރަސްގެފާނު ތިޔަބައި މީހުންކުރެ އޮޅުންފިލުވަން ބޭނުންކަމެއް އެބައޮތެވެ. އެއީ ތިޔައިގެ ތެރޭގައި ތިބި އަނބިންދެކެ ބިރުގަންނަ މީހުނާއި ނޫން މީހުންގެ އަދަދެވެ. އެހެންވީމާ އަނބިންދެކެ ބިރުގަންނަ މީހުން މަގޭކަނާތް ފަރާތުގައި އަދި ބިރު ނުގަންނަ މީހުން ވައަތްފަރާތުގައި އެތުރިލާށެވެ.

އެހެން ވިދާޅުވެފައި ރަސްގެފާނު ކޮޓަރިކޮޅަށްވެދެ ވަޑައިގަތީ އިސްވަޒީރު ގާތު ތިމަންއެބައަންނަމޭ، އަންނަންދެން މިހެންލާފައިދާ މީހުން ވެސް އެތެރެއަށް ވައްދައި މިކަމުގެ ތެރޭގައި ބައިތިއްބާށޭ ވިދާޅުވެފަ އެވެ. އިރުގަނޑަކަށް ފަހު ރަސްގެފާނު ދަރުބާރަށް ނުކުމެ ވަޑައިގަތް އިރު ތަހުތުގެ ވައަތް ފަރާތް އޮތީ ފުރިބާރުވެފަ އެވެ. ކަނާތްފަރާތުގައި އެއްމެ މީހަކު ހުއްޓެވެ.

ރަސްގެފާނު އެމީހާއަށް ވިދާޅުވި އެވެ. ބަލަ ކަލޭ މިއެއްމެންތެރޭން ހިތްވަރުގަދަކަމަށް ވަކިން ހޮވުމުގެ ސިއްރަކީ ކޮބައިހެއްޔެވެ. އެމީހާ ޖަވާބުދިނެވެ.

"އަޅުގަނޑުމެންދެމަފިރިން މިހެންދަނިކޮށް ވަޒީރު މިކަންތައް މިވާގޮތް ކިޔައިދީފައި ދެ ފަރާތުން ކުރެ ފަރާތަކަށް އަރާށޭ ބުނި. އެވަގުތު އަންހެނުން އަޅުގަނޑުގެ ކަންފަތުގައި ހިފާފައި ބުނީ ކަނާތްފަރާތަށްދާށޭ. އެހެރީ އަންހެނުން ބަލަން" ރަސްގެފާނު އެއަންހެންމީހާ ގެންނަވާ އިނާމުދެއްވިޔޯލަ އެވެ.

comment ކޮމެންޓް