ދިވެހި ހަނގުރާމަވެރިން ރާއްޖެ ގެނައުން

ދިވެހިންތަކެއް ސީރިޔާގައި --

މުސްލިމް ބައެއް ޤައުމުތަކަށް ހަނގުރާމަ އަށް ގޮސް ފައި ތިބި ދިވެހިންގެ ވާހަކަ އަކީ ގިނަ ސިޔާސީ މީހުން ވެސް ދައްކަން ބޭނުންވާ ވާހަކަ އެއް ނޫނެވެ. ދައްކަން އުނދަގޫ ވާހަކަ އެކެވެ. މި ވާހަކަ ދައްކަން ވާ މީހުންގެ ތެރެއިން ވެސް ގިނަ މީހުން މިވާހަކަ ދައްކަން ބޭނުން ނުވެ އެވެ. ވާހަކަ އިގެ ނާޒުކު ކަމުން ނެވެ. ބިރުން ނެވެ. ނޭގި ހުއްޓާ ދެރަ ގޮތެއް، އެމީހަކަށް ކުރިމަތި ވެދާނެ ކަމަށް ހީކުރެވިގެން ނެވެ. ހަނގުރާމަ އަށް ގޮސް ތިބި ދިވެހިން ނާއި ބައިވަރު ދިވެހި ޢާއިލާތައް ގުޅި ފައި ވާތީވެ އެވެ. އަދި އެމީހުންގެ ތެރޭ ގައި ވަރަށް ގިނަ މީހުން ގެ ރައްޓެހިން ނާއި ގާތް ތިމާގެ މީހުން ހިމެނޭތީ ވެ އެވެ. ރާއްޖެ އަކީ ރަށް ރަށުގައި ދިރިއުޅޭ ކުދި ކުދި އާބާދީގެ މައްޗަށް އެކުލެވިގެންވާ ޖަޒީރާ ޤައުމަކަށް ވުމާއި އެކު އެ ސަރަހައްދެއްގައި ދިރި އުޅޭ ހުރިހާ މީހުންނަށް ވެސް އެކަކު އެނެކަކު އެނގުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. އަދި ޢާއިލާތައް ގުޅިފައި އޮތުމުގެ ފުރުޞަތު ވެސް އެބަ އޮތެވެ. އެހެންނަމަވެސް މިވާހަކަ ނުދައްކާ ކަމުގައި ވަނީ ނަމަ މިކަމާއި މެދު ޢާއްމުންގެ ސަމާލު ކަމެއް ގެނެވޭނެ ގޮތެއް ނުއޮންނާނެ އެވެ. ޢާއްމުންގެ ޚިޔާލު އޮތް ގޮތެއް ނޭނގޭނެ އެވެ. ސަރުކާރުން ވިސްނާ ގޮތެއް ސާފެއް ނުވާނެ އެވެ. ސަރުކާރުން އަޅަން ނިންމާ ފައި އޮތް ފިޔަވަޅެއް ނޭނގޭނެ އެވެ. މިފަދަ ކަންތަކާއި މެދު ޢާއްމުން ހޭލުންތެރިއެއް ނުކުރެވޭނެ އެވެ. ރަނގަޅު ހައްލެއް ހޯދޭނެމަގެއް ވެސް ނުފެންނާނެ އެވެ. މިކަހަލަ ކަންތައް އެއްވެސް ފަރާތަކުން ސާފު ކޮށް ނުދޭ ނަމަ ކަން އޮތް ގޮތް، ނުވަތަ ކަން އޮންނަން ވާނެ ގޮތް ގިނަ މީހުންނަށް ނޭނގޭނެ އެވެ.

މުސްލިމް ބައެއް ޤައުމުތަކުގައި ހިނގަމުން ދިޔަ ހަނގުރާމާގައި ބައިވެރި ވުމަށް ދިވެހިން ދިޔައީ ކޮންކަހަލަ ޢަޤީދާއެއްގެ މައްޗަށްތޯ މިހާރު ބެލުމުގެ ބޭނުމެއް އޮތް ކަމަކަށް ނުފެނެ އެވެ. އެ ހަނގުރާމާގައި ބައިވެރި ވުމަށް ދިޔަ މީހުން ދިޔައީ، އެ ހަނގުރާމާގައި ބައިވެރި ވުމަށް، އެ ޤައުމުތަކަށް ދިއުން، ދިވެހި ސަރުކާރުން މަނާކޮށްފައި އޮއްވަ އެވެ. ސަރުކާރަށް ނޭނގި އެވެ. ދިވެހިން އެ ޤައުމުތަކަށް ދިޔައީ އެ ޤައުމުތަކުގައި އޮތް ޤާނޫނީ ސަރުކާރާއި އިދިކޮޅު، ހައްދުފަހަނަ އަޅާފައި ކަމަށް ބުނެވޭ ހަރުކަށި އިސްލާމީ ސިޔާސަތެއް ގެންގުޅޭ ޖަމާޢަތަކާއި ގުޅިގެން، އެ ޤައުމުގެ ސަރުކާރާއި އިދިކޮޅު ހަނގުރާމައެއްގައި ބައިވެރި ވުމަށެވެ. މިގޮތަށް ދިޔަ ބައެއް މީހުން ދިޔައީ އެ މީހުންގެ މުޅި ޢާއިލާ ގޮވައިގެން ނެވެ. އެ މީހުންނާއި އެކީގައި ދަތުރު ކުރި ބައެއް ކުޑަ ކުދިން ނަށް ވާ އެއް ނުވާ އެއް ވެސް ނޭނގޭނެ އެވެ. އެހާ ވެސް ކުޑަ ކުދިން ނެވެ.

ބައެއް މީހުން ބުނާ ގޮތުގައި ބައެއް އަރަބިން ކުރަމުން ގެންދިޔަ ހަނގުރާމާގައި ދިވެހިން ބައިވެރިވީ އެމީހުންގެ ސިކުނޑި، އެ މަގަށް އެޅުވުމަށް ދޮވެލުމުގެ ސަބަބުން ނެވެ. އެ ހަނގުރާމަ އަށް މީހުން ފޮނުވުމަށް، ރާއްޖޭގައި، މަގު ފަހި ކޮށްދޭ ސިއްރު އޭޖެންސީ އަކުން ނުވަތަ މީހުންގެ މަސައްކަތުން ނެވެ. އެ މަގަށް އެޅުވުމަށް އެމީހުންނަށް ބޭނުންވާ ފޮތްތަކާއި ލިއެ ކިއުންތައް ވެސް ހޯދައި ދީގެން ނެވެ. މި އީ ޙަޤީޤަތް ތޯ ބެލޭނެ ގޮތެއް ނެތެވެ. އެހެންނަމަވެސް ކުޑަ ކުޑަ އާބާދީއެއް އޮންނަ ރަށެއްގައި އާދައިގެ މަސައްކަތެއް ކުރާ މީހަކަށް ޢަރަބިކަރައިގެ ރަށެއްގައި ހިގަމުން ދާ ހަނގުރާމައެއްގައި ބައިވެރި ވުމަށް ފުރުޞަތު ހޯދޭނީ ކޮންމެވެސް ބައެއްގެ އެހީތެރިކަން ލިބިގެން ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ.

ހަނގުރާމަ އަށް ދިޔަ ދިވެހިން ރާއްޖެ އިން ފުރި އިރު ހަނގުރާމަ ކުރުމުގެ މަގުގައި ސާބިތުވެ ތިބެ ކުރިއަށް ދިއުމަށް ރަނގަޅަށް ސިކުނޑި ދޮވެ ވިފައި ނުވާ ނަމަ، އެމީހުން ޚިޔާރު ކުރި މަންޒިލަށް ދިއުމާއި އެކު އެމީހުންގެ ސިކުނޑީގެ ބޮޑު ދޮވުން ފުރިހަމަ ވެގެން ދެ އެވެ. މިކަން އެނގެނީ އެފަދަ ތަންތަނުގައި ކަންތައް ހިނގާ ގޮތާއި ބެހޭ ގޮތުން ޝާއިޢުކޮށްފައި ހުންނަ ލިއެ ކިއުންތަކުންނެވެ. އަދި އެފަދަ ތަންތަނުން "ސަލާމަތް" ވެގެން އަންނަ މީހުން ދީ ފައި ހުންނަ ބަސްދީގަތުންތަކުންނެވެ. ނުވަތަ އެފަދަ މީހުން އަމިއްލަ އަށް ލިޔެފައި ހުންނަ މަޒްމޫނު ނުވަތަ އެފަދަ ލިއެ ކިއުންތަކުން ނެވެ.

ޢަރަބި ޤައުމުތަކުގައި އޮންނަ ޤާނޫނީ ސަރުކާރާ އި އިދިކޮޅަށް ހަނގުރާމަ ކުރާ، ހަރުކަށި ވިސްނުމެއް ގެންގުޅޭ ޖަމާޢަތްތަކުގައި ބައިވެރިވާ މީހުންގެ ޢަޤީދާ ވަރުގަދަ ކުރުމަށް، ސިކުނޑި ދޮވެލުމުގެ ބައިވަރު މަސައްކަތްތަށް ކުރެވެ އެވެ. އަދި މީގެ އިތުރަށް އެންމެ ޒަމާނީ ހަތިޔާރާއި އެކު ހަނގުރާމަ ކުރުމުގެ ވަރުގަދަ ތަމްރީނުތައް އެމީހުންނަށް ދެ އެވެ. ޖާނުން ފިދާ ވުމުގެ ހަމަލާތަކުގެ ތަމްރީނުތަކާއި، ގަރިއްލާ ހަގުރާމައިގެ ތަމްރީނުތައް ވެސް އެމީހުންނަށް ލިބި ދެ އެވެ. ވަކި އުމުރެއްގެ މީހުންނަކަށް ނޫނެވެ. ވަކި ޖިންސެއްގެ މީހުންނަކަށް ނޫނެވެ. އެއްވެސް ތަފާތެއް ނެތި އެންމެ ނަށެވެ. ބަޑި އެއް އުފުލޭ ކަމަށްވާ ނަމަ އެމީހަކު ނުވަތަ އެ ކުއްޖަކު އެހުރީ ތަމްރީނުތަކަށް ތައްޔާރު ވެފަ އެވެ. އެމީހުން ނަށް ދެނީ އާދައިގެ ތަމްރީނެއް ނޫނެވެ. އެންމެ އުނދަގޫ ހުރަސްތަކާއި ކުރިމަތި ލުމުގެ ތަމްރީނެވެ.

ބައެއް އަރަބި ޤައުމުތަކުގެ ސަރުކާރާ އި އިދިކޮޅަށް ހަނގުރާމަ ކުރާ މީހުން މިހާރު އެ ހަނގުރާމާގައި ބަލިވަމުން ދާ ކަމުގައި ވެ އެވެ. މިހެން ވުމުގެ ސަބަބުން އެ ހަނގުރާމާގައި ބައިވެރިވި ބައެއް ދިވެހިން ބަލިވާ މީހުން ލާފައި ތިބޭ ތަންތަނުގައި ތިބި ކަމަށް ވެ އެވެ. އަދި ބައެއް މީހުން ވަރަށް ހާލުގައި އުޅޭ ކަމުގައިވެ އެވެ. އެމީހުންގެ ދަރިން ތިބި ކަމުގައި ވެސް ވެ އެވެ. ހަނގުރާމަ އަށް ދިޔަ ބައެއް ދިވެހިން، ހަނގުރާމައިގެ ޝިކާރަ އަކަށް ވުމުން މިހާރު އެނބުރި ރާއްޖެ އަށް އަންނަން ބޭނުންވާ ކަމުގައި ވެ އެވެ. ދަރިން ތިބި މީހުން ދަރިންނާއި އެކު ގަ އެވެ. ހަނގުރާމަވެރިން ރާއްޖެ އަށް އެނބުރި އަންނަން ބޭނުންވާ ނަމަ، އެކަން ހުއްޓުވުމަށް މަޣްރިބުގެ ބައެއް ޤައުމުތަކުން އަޅަމުން ދާ ކަހަލަ ފިޔަވަޅެއް އަޅުގަނޑު މެންނަށް ނުއެޅޭނެ އެވެ. އަޅުގަނޑުމެންގެ ޤާނޫނު އަސާސީގެ 9 ވަނަ މާއްދާގެ (ށ) ބުނާ ގޮތުން ދިވެހި ރައްޔިތެއްގެ ކިބައިން ދިވެހި ރައްޔިތުކަން ނިގުޅަ އެއް ނުގަނެވޭނެ އެވެ. އަދި އެ މާއްދާގެ (ހ)ގެ ދެވަނަ ނަންބަރު ބުނާ ގޮތުން ދިވެހި ރައްޔިތަކަށް އުފަން ކޮންމެ ދަރިއަކީ ވެސް ދިވެހި ރައްޔިތެކެވެ. އަންހެން ހަނގުރާމަވެރިން ބިދޭސީން ނާއި ކައިވެނިކޮށްގެން ދަރިން ލިބި ފައި ތިއްބަސް އެ ދަރިން ވެސް ވާނީ ދިވެހި ރައްޔިތުން ނަށެވެ. ދިވެއްސެއްގެ ދަރިއެއްކަން ސާބިތު ކުރަން އުދަނގޫ ވާނީ ބިދޭސީ އަންހެނަކު ދިވެހި ފިރިހެނަކަށް ދަރިއަކު ވިހާފައިވާ ނަމަ އެވެ. އެހެންނަމަވެސް ދިވެހި އަންހެނުންނަށް ލިބިފައިވާ ދަރިންނަކީ އެމީހުންގެ ދަރިން ކަމަށް ސާބިތު ކުރުމަށް މިކަން ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރާ ރަސްމީ ފަރާތްތަކުން ބޭނުން ވާނެ އެވެ.

ޢަރަބި ޤައުމުތަކުގެ ސަރުކާރާއި އިދިކޮޅަށް ހަނގުރާމަ ކުރަން ދިޔަ ދިވެހިންނަކީ މިހާރު އާދައިގެ ހަނގުރާމަވެރިން ކަމަށް ބެލުމަކީ ވަރަށް ބޮޑު ގޯހެކެވެ. އެމީހުން ހަނގުރާމަ ކުރުމާ މެދު ގެންގުޅޭ ވިސްނުމާއި، ހަނގުރާމައިގެ މައިދާނުގައި ހަނގުރާމަ ކުރުމުން އެމީހުންނަށް ލިބިފައި ވާ ތަޖުރިބާ އަޅުގަނޑު މެންގެ ޢަސްކަރިއްޔާގައި މަސައްކަތް ކުރާ މީހުންނަށް ވުރެ މާ މަތިވާނެ އެވެ. ސަބަބަކީ އަޅުގަނޑުމެންގެ މީހުން ތަމްރީނު ވެފައި ވަނީ ހަމައެކަނި ތަމްރީނުދޭ މަރުކަޒުތަކުން ކަމުގައި ވާތީ ވެ އެވެ. ހަނގުރާމަ އަށް ދިޔަ ދިވެހިން ވަނީ ހަތިޔާރު ގެންގުޅުމުގެ ތަމްރީނަށް ފަހު ނުރައްކާތެރި ހަނގުރާމައިގެ މައިދާނުގައި ހަނގުރާމަ ކޮށްފަ އެވެ. މީގެ ތެރޭގައި ބަޑި އުފުއްލޭ ވަރުގެ ކުޑަ ކުދިން ވެސް ހިމެނެ އެވެ. މީގައި އެންމެ ނުރައްކަލީ އެމީހުން ޤަބޫލު ކުރާ ހަރުކަށި ވިސްނުމެވެ. ޖާނުން ފިދާވެގެން ހަމަލާ އެއް ދޭން ޖެހޭ ކަމަށް އެ މީހުން ދެކޭ ހާލަތު ގައި އެފަދަ ހަމަލަ އެއް ދިނުމަކީ އެމީހުންނަށް އެއްވެސް ކަމެއް ނޫނެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުގައި ވަރަށް ފުންނާބު އިސް ލީޑަރަކު ވިދާޅުވި ގޮތުގައި އަޅުގަނޑުމެންގެ ސަލާމަތީ ކަންތައްތައް ބަލަހައްޓާ ތަންތަނުގައި ވެސް ހަރުކަށި ވިސްނުމުގެ މީހުން މަސައްކަތް ކުރަމުން ގެންދެ އެވެ. އެ ތަންތަނުގެ އިސް ފަރާތަކުން ވަގުތުން އެ ވާހަކަ ދޮގު ކުރެއްވި އެވެ. ސިޔާސީ ލީޑަރު ދެއްކެވި ވާހަކަ އިގައި ޙަޤީޤަތެއް ވާނަމަ ބައެއް ކަހަލަ ކަންތައް ތައް ތަންފީޒު ކުރުމަށް ދަތިތަކާއި ކުރިމަތިލާން ޖެހިދާނެ އެވެ. އެ މީހުންގެ ޚިޔާލުގެ މީހަކާއި މެދު ފިޔަވަޅު އަޅަން ޖެހުމުން އެކަށީގެން ވާ ހެއްކާއި ޤަރީނާ ނެތް ކަމަށް ބުނެ ދޫކޮށް ލެވިދާނެ ތީވެ އެވެ.

އުނދަގޫ ޢަސްކަރީ ތަމްރީނުތައް ހަދާ ފައި ތިބި، ހަނގުރާމަ ކުރުމުގެ ތަޖުރިބާ ލިބިފައި ތިބި، ހަރުކަށި ވިސްނުމުގެ ދިވެހިން ރާއްޖެ އަށް ގެނެވޭ އިރު، ރާއްޖޭ ގައި ދިރިއުޅޭ، ހަނގުރާމަތަކުގެ ބައިވެރި ވާން ބޭނުން ނުވާ އަމާން ދިރިއުޅުމެއް އުޅެން ބޭނުން ވާ މީހުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ވެސް ކަމާއި ބެހޭ ފަރާތްތަކުން ވިސްނަން ވާނެ އެވެ.

ޤައުމީ ސަލާމަތާއި ބެހޭ ގޮތުން ލިއުމަކީ ރާއްޖޭގައި ވަރަށް އުނދަގޫ ކަމެކެވެ. ބަޑިބޭހާއި ކުޅުން ކަހަލަ ކަމެކެވެ. ނޭގި ހުއްޓާ އަދައިދާނެ ތީވެ އެވެ. އަދި ފިހިދާނެ ތީ ވެ އެވެ.

comment ކޮމެންޓް