އެމެރިކާގެ ސުލްހައިގެ ރޭވުމުގައި "އާ ފަލަސްތީނެއް": ރިޕޯޓު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި މުޝީރު ޖެރަޑް ކުޝްނާ އާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ -- ފޮޓޯ: ޑެއިލީ ސަބާހް

ގުދުސް (މެއި 9): ފަލަސްތީނާއި އިސްރާއީލުގެ މައްސަލައަށް ސުލްހަ ގެނައުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން އަދި މުޝީރު ޖެރަޑް ކުޝްނާ އިސްވެ ހުންނަވައިގެން އެކުލަވާލާ ރޭވުމުގެ ތަފްސީލު ލީކުވެއްޖެ ކަމަށް އިސްރާއީލުގެ ނޫހަކުން ބުނެފި އެވެ.

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ގުޅުން އޮންނަ އިސްރާއީލް ހަޔޫމްއިން ޕަބްލިޝް ކުރި އެލިޔުންތަކަކީ ސައްހަ ލިޔުންތަކެއް ކަމަށް އެމެރިކާއިންވެސް، އިސްރާއިލުންވެސް އަދި ފަލަސްތީނުންވެސް ޔަގީންކޮށްދީފައި ނުވެ އެވެ. އެނޫހުން ބުނާ ގޮތުގައި ލީކުވި ލިޔުންތައް ވަނީ އިސްރާއީލުގެ ފޮރިން މިނިސްޓްރީގެ އޮފިޝަލުންނަށް ފެނިފަ އެވެ.

އެނޫހުގައިވާ ގޮތުން އެޕްލޭނުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި އިސްރާއީލާއި ޕަލަސްތީން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) އާއި ހަމާސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރުވުން ހިމެނެ އެވެ. އަދި އެއެއްބަސްވުމުގެ ދަށުން "އާ ފަލަސްތީން"އެއް އުފެދޭނެ އެވެ. އެއީ ޣައްޒާ އާއި ހުޅަނގު އައްސޭރި ހިމެނޭ ގޮތަށެވެ. ނަމަވެސް އާ ފަލަސްތީނުގެ ބިމުގައި، އިސްރާއީލުން ޔަހޫދީން ވަޒަންވެރިކޮށްފައިވާ ސަރަހައްދުތައް ނުހިމެނޭނެ އެވެ.

އަދި ގުދުސް އިސްރާއީލާއި ފަލަސްތީނަށް ބަހާލުމުގެ ބަދަލުގައި، ގުދުސް ވާނީ އިސްރާއީލާއި ފަލަސްތީނުގެވެސް ވެރިރަށަށެވެ. އަދި ގުދުސްގައި ދިރިއުޅޭ އަރަބި އާބާދީ ވާނީ ފަލަސްތީނުގެ ރައްޔިތުންނަށެވެ.

މީގެ އިތުރުން ޔަހޫދީންނަށް އަރަބިންގެ ގެތައް ނުގަނެވޭނެ އެވެ. އަދި އަރަބިންނަށް ޔަހޫދީންގެ ގެތަކެއް ނުގަނެވޭނެ އެވެ.

އެމެރިކާއިން ހުށަހަޅާ އެއްބަސްވުމުގައި ހަމާސް އާއި ޕީއެލްއޯއިން ސޮއި ކުރަން ދެކޮޅު ހަދައިފި ނަމަ އެމެރިކާއިން ފަލަސްތީނަށް ދޭ މާލީ އެހީ ހުއްޓާލާނެ އެވެ. އަދި އެހެން ގައުމުތަކުންވެސް ފަލަސްތީނަށް އެހީ ދިނުން ހުއްޓުވާނެ އެވެ.

މީގެ އިތުރުން އިސްރާއީލުން އެއްބަސްވުމުގައި ސޮއި ކުރަން ދެކޮޅު ހަދައިފި ނަމަ އެގައުމަށްވެސް އެމެރިކާއިން ދޭ އެހީ ހުއްޓާލާނެ އެވެ.

އެމެރިކާގެ ސުލްހައިގެ ޕްލޭން ރަސްމީކޮށް ހާމަ ކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގަ އެވެ.

comment ކޮމެންޓް