މާރާމާރީގެ ކުށް ސާބިތުވެ ރަޝިޔާ ގައުމީ ޓީމު ދެ ކުޅުންތެރިން ޖަލަށް ލައިފި

ރަޝިޔާގެ ގައުމީ ޓީމު ދެ ކުޅުންތެރިން، އަލެކްސެންޑަރާ ކޮކޮރިން އަދި މަމެވް--- ފޮޓޯ/ޑޮމް ފެރަލް

ގޭންގު ހަދައިގެން މާރާމާރީ ހިންގި ކަމުގެ ކުށް ސާބިތުވެ، ރަޝިޔާގެ ގައުމީ ޓީމަށް ނިސްބަތްވާ ދެ ކުޅުންތެރިނާއި އިތުރު ދެ މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ.

ރަޝިޔާގެ މަޝްހޫރު ކުލަބެއް ކަމަށްވާ ޒެނިތުގެ ފޯވާޑް އަލެކްސެންޑަރާ ކޮކޮރިން އާއި މިޑްފީލްޑަރު މަމެވް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިތުރު ދެ މީހަކާ އެކު އެ ގައުމުގެ ޓްރޭޑް މިނިސްޓްރީގެ އޮފިޝަލު ޑެނިސް ޕާކާއި އޭނަގެ ޑްރައިވަރަށް ބިރު ދައްކައި މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާގަ އެވެ.

މޮސްކޯގެ ކޯޓުން އިއްވި ހުކުމާ އެކު 18 މަސް ދުވަހުގެ ޖަލު ހުކުމެއް ކޮކޮރިންއަށް އަންނަ އިރު މަމެވްއަށް ވަނީ 17 މަސް ދުވަހުގެ ޖަލު ހުކުމެއް އައިސްފަ އެވެ. މި ދެ ކުޅުންތެރިންނަކީ ރަޝިޔާގެ ގައުމީ ޓީމުންވެސް ޖާގަ ހޯދަމުން އަންނަ އެ ގައުމުގައި މަޝްހޫރު ދެ ކުޅުންތެރިންނެވެ.

މި ދެ ކުޅުންތެރިންގެ އިތުރުން މާރާމާރީ ހިންގުމުގެ ކުށް ސާބިތުވި އިތުރު ދެ މީހުންނަކީ ކޮކޮރިންގެ ކޮށްކޮ ކްރިލް އާއި އެމީހުންގެ ރައްޓެއްސެއް ކަމަށްވާ އަލެކްސެންޑަރާ ޕޯޓޮސަވިޓްސްކީ އެވެ.

މާރާމާރީގެ ކުށް ސާބިތުވެއްޖެ ނަމަ ރަޝިޔާގެ ގާނޫނުގައި ވާގޮތުގެ މަތިން ބޮޑު ޖަލު ހުކުމެއް އައުމާއި ގާތް ނަމަވެސް މި ހާދިސާގައި އަނިޔާ ލިބުނު ދެ ފަރާތުގެ ބަޔާނާއި ތަހުގީގަށް ފަހު ކުށްވެރިވި މީހުނަށް ލިބިގެންދިޔައީ ޖުމްލަ ގޮތެއްގައި ކުޑަ އަދަބެކެވެ.

އުމުރުން 28 އަހަރުގެ ކޮކޮރިން މިދިޔަ އަހަރު ރަޝިޔާގައި އޮތް ވޯލްޑް ކަޕުގެ ސްކޮޑުގައި ހިމެނުނު ނަމަވެސް އަނިޔާގެ ސަބަބުން ކުޅެފައެއް ނުވެ އެވެ. އޭނާ ވަނީ ރަޝިޔާގެ ގައުމީ ޓީމަށް 48 މެޗު ކުޅެދީފަ އެވެ. އަދި އޭނަގެ ވަކީލުން ދަނީ އޭނައަށް ސާބިތުވެފައިވާ ކުށް އިސްތިއުނާފު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ކޮކޮރިންގެ އިތުރުން މާރާމާރީގެ މައްސަލައިގައި ހުކުމް ކޮށްފައިވާ މަމެވް ވަނީ އެންމެ ފަހުން ރަޝިޔާ ކުޅުނު 15 މެޗުގައި ވެސް ކުޅެފަ އެވެ. ދާދި ފަހުން ވޭލްސްއާއި ކުޅެ 0-3ގެ ނަތީޖާ އަކުން ރަޝިޔާ މޮޅުވި އިރު އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

comment ކޮމެންޓް