ލޫކަސް މޯރާގެ ހެޓްރިކުން އަޔެކްސް ބަލިކޮށް ޓޮޓެންހަމް ފައިނަލަށް

ޓޮޓެންހަމްގެ ފޯވާޑް ލޫކަސް މޯރާ އަޔެކްސް ކޮޅަށް ގޯލު ޖެހުމަށް ފަހު --- ފޮޓޯ/ ޑޮމް ފެރަލް

ސެމީ ފައިނަލުގައި ރޭ ލޫކަސް މޯރާ ޖެހި ހިތްގައިމު ގޯލުތަކުން ހިތްދަތި ގޮތަކަށް އަޔެކްސް ކަޓުވާލުމަށް ފަހު ޓޮޓެންހަމް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

އަޔެކްސްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު އެ މެޗުގައި ފަހަތުން އަރައި ޓޮޓެންހަމް ކުރި ހޯދީ 2-3ގެ ނަތީޖާ އަކުންނެވެ. ރޭގެ މޮޅާ އެކު 3-3ގެ އެގްރިގޭޓް ނަތީޖާއަކުން ޓޮޓެންހަމް ފައިނަލަށް ދަތުރު ކުރީ ރަށުން ބޭރުގައި ޖެހި ގޯލުތަކުން ކުރި ހޯދައިގެންނެވެ. ޓޮޓެންހަމް ފައިނަލުގައި ބައްދަލު ކުރަން ޖެހޭނީ ވަރުގަދަ ބާސެލޯނާ ބަލިކުރުމަށް ފަހު ފައިނަލަށް ދަތުރު ކުރި ލިވަޕޫލްއާ އެވެ. މިއީ މި މުބާރާތުގެ ތާރީހުގައި ވެސް އިނގިރޭސި ދެ ޓީމު ފައިނަލުގައި ވާދަ ކުރާ ތިން ވަނަ ފަހަރެވެ.

ސެމީގެ ފުރަތަމަ ލެގު 0-1 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ އަޔެކްސްއިންނެވެ. އެ މެޗުގައި ޓޮޓެންހަމްގެ މުހިއްމު ކުޅުންތެރިޔާ ސޮން މިންގް ހެންގް ސަސްޕެންޝަނުގެ ސަބަބުން ކުޅެފައެއް ނުވެ އެވެ. ނަމަވެސް އޭނާ ވަނީ ރޭގެ މެޗުގައި ކުޅެ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލަށް މުޅިން އަލަށް ދަތުރު ކުރި ޓޮޓެންހަމްއިން ރޭގެ މެޗުގެ އޮއެވަރު ބަދަލުކޮށްލީ މެޗު ނިމެން ސިކުންތު ކޮޅަކަށް ވެފައި ވަނިކޮށެވެ.

މެޗު ފެށިގެން ގިނަ އިރު ބޯޅަ ހިފަހައްޓާ ޑޮމިނޭޓް ކުރަމުން ދިޔައީ އަޔެކްސްއިންނެވެ. ފޯވާޑުންގެ ހުނަރުވެރި އަވަސް ކުޅުމާ އެކު ޓޮޓެންހަމްގެ ޑިފެންސަށް ބާރު ބޮޑުވި އިރު އަޔެކްސް އިން ވަނީ ލިބުނު ކޯނަރެއްގެ ފައިދާ ނަގައި ގޯލެއް ވެސް ޖަހައިފަ އެވެ. އެ ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޓީމުގެ ޒުވާން ކެޕްޓަން މެތިއަސް ޑެ ލީޚް އެވެ.

އެ ޓީމުގެ ގޯލާ އެކު ޓޮޓޭންހަމް ޕްރެޝަރަށް ވެއްޓި އިތުރު އުނދަގޫތަކެއް ދިމާވީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އަޔެކްސްގެ ފޯވާޑް ހަކީމް ޒިޔަޗް ޖެހި ގޯލުންނެވެ. ދެ ގޯލުހެ ލީޑަކާ އެކު ހަމަޖެހިލައިގެން ކުޅެން އަޔެކްސް އިން މަސައްކަތް ކުރަމުން ދިޔަ އެވެ.

ދެވަނަ ހާފު ފެށިގެން ޓޮޓެންހަމް އިން ދިޔައީ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފައްދަމުންނެވެ. އެގޮތުން ދެވަނަ ހާފުގެ ކުރީ ކޮޅު ޓޮޓެންހަމް އިން ވަނީ ދެ ގޯލު ޖަހައި އަޔެކްސް މުޅިން ޕްރެޝަރަށް ދުއްވާލައިފަ އެވެ. ލޫކަސް މޯރާގެ ހިތްގައިމު އެ ދެ ގޯލުން ޓޮޓެންހަމް އަށް ލިބުނު ހިތްވަރާ އެކު އެ ޓީމުން ދިޔައީ އަޔެކްސްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.

އެ ނަތީޖާގައި އޮވެ މެޗު ނިމިއްޖެ ނަމަ އަޔެކްސްއަށް ފައިނަލުގެ ޖާގައެއް ލިބޭނެ ކަމުގެ ޔަގީންކަން އޮތުމުން އަޔެކްސްއިން ދިޔައީ ވަރަށް ބޮޑަށް ވަގުތު ދުއްވަމުންނެވެ. ނަމަވެސް އިތުރު ވަގުތަށް ރެފްރީ ދެއްކި ފަސް މިނަޓުގެ ވެސް ފަހު ސިކުންތުކޮޅު ލޫކަސް މޯރާ ވަނީ އޭނަގެ ހެޓްރިކް ފުރިހަމަކޮށް އަޔެކްސްގެ އުންމީދުތައް ފުނޑު ފުނޑު ކޮށްލައިފަ އެވެ.

މި މެޗުގެ ކާމިޔާބީގެ އުފާ ޓޮޓެންހަމްގެ ކުޅުންތެރިންގެ އިތުރުން ކޯޗު ވެސް ވަނީ މެޗު ނިމުމަށް ފަހު ވަރަށް ބޮޑަށް ފާހަގަ ކޮށްފަ އެވެ.

comment ކޮމެންޓް