ކަސްޓަމްސްގެ ސީއާރުސީކަޕް ފުޓްސަލް މުބާރާތް ފަށައިފި

ކަސްޓަމްސްގެ ސީއާރުސީކަޕް ފުޓްސަލް މުބާރާތުގެ ތެރެއިން--- ފޮޓޯ: ކަސްޓަމްސް

ކަސްޓަމްސްގެ ސެކްޝަންތަކުގެ މެދުގައި ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ ފުޓުސަލް މުބާރާތް، ސީއާރުސީ ކަޕް 20 ހެންވޭރު ޓާފް ދަނޑުގައި އިއްޔެ ފަށައިފި އެވެ.

އެ މުބާރާތުގައި ކަސްޓަމްސްގެ އެކި ސެކްޝަންތަކުން ޖުމްލަ ނުވަ ޓީމު މި އަހަރު ބައިވެރިވި އެވެ. މުބާރާތް ހުޅުވައިދިނުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި ކޮށްދެއްވީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނަރު އިސްމާޢީލް ނާޝިދެެވެ.

އެ މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ބައްދަލުކުރީ އެމްޓީ ޔުނައިޓަޑް އަދި ކާގޯ އެކުވެރިންނެވެ. މި މެޗު ނިމުނީ 3-3 އިން ދެ ޓީމު އެއްވަރުވެގެންނެވެ. މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ކާގޯ އެކުވެރިންގެ މުޙައްމަދު ފައިޒަން އެވެ.

މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މުބާރާތުގައި ބައިވެރިވާ ނުވަ ޓީމު ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. އެ ގޮތުން، ކޮންމެ ގްރޫޕެއްގެ ވެސް އެއް ވަނަ އަދި ދެ ވަނަ ހޯދާ ޓީމުތަކުގެ އިތުރުން، ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ދެ ޓީމު މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރާނެ އެވެ.

މި މުބާރާތުގެ ކުޅުން ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4:00 އިން 18:00 އަށް ހެންވޭރު ޓާފް ދަނޑު (ހެންވޭރު އަޑިޕާރކް) ގަ އެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މެއި 18 ވާ ހޮނިހިރު ދުވަހު އެވެ.

ސީއާރުސީ ކަޕް ފުޓުސަލް މުބާރާތަކީ ކަސްޓަމްސްގެ އެކި ސެކްޝަންތަކުގެ މެދުގައި 2000 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތެކެވެ.

ކަސްޓަމްސްއިން ބުނީ މިއީ ކަސްޓަމްސްގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމާ އެކު ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއެޅުމުގެ ގޮތުން ބާއްވާ މުބާރާތެއް ކަމަށެވެ.

ސީއާރުސީ ކަޕް ފުޓުސަލް މުބާރާތަކީ ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ ދުވަސްވީ ފުޓްސަލް މުބާރާތް ވެސް މެ އެވެ.

comment ކޮމެންޓް