ކަޅުވަކަރު މިސްކިތް ބަހައްޓައިދޭނެ ބަޔަކު ހޯދަން އަނެއްކާ އިއުލާންކޮށްފި

ސަލްޓަން ޕާކު ތެރޭގައި މީގެ އެތަށް ޒަމާނެއް ކުރިން ހަދާފައި ހުރި ކަޅު ވަކަރު މިސްކިތް --

ސަލްޓަން ޕާކްގެ ކުރިން ހުރި ކަޅުވަކަރު މިސްކިތް އަލުން ބަހައްޓައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ. އެ މިސްކިތް ބަހައްޓަން ނިންމާފައިވަނީ މެދުޒިޔާރަތްމަގާއި ޗަންދަނީމަގު ގުޅޭ ކަންމަތީގައި، ކުރީގެ ދިރާގު ހެޑް އޮފީސް ހުރި ތަނުގައެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާންއެއްގައި ބުނީ އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމަށް ހުށަހަޅާއިރު ބިޑް ސެކިއުރިޓީގެ ގޮތުގައި 15،000 ރުފިޔާ ބަހައްޓަން ޖެހޭނެ ކަމަށެވެ.

ކުރީގެ ސަރުކާރުން ރޫޅާލާފައިވާ ކަޅުވަކަރު މިސްކިތް ހޯދައި އަލުން ރާވައި ބެހެއްޓުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރަން ނިންމާފައިވާ ވައުދެކެވެ. މި ސަރުކާރަށް ކަޅުވަކަރު މިސްކިތް ފެނުނީ އޭގެ ބައިތައް ހަލާކުނުވާނޭ ގޮތަށް ރައްކާތެރިކަމާއެކު ގައުމީ ދާރުލްއާސާރުތެރޭގައި ބަހައްޓާފައި ހުއްޓައެވެ.

ކުރީގެ ސަރުކާރުން ކަޅުވަކަރު މިސްކިތް ނަގައި އެތަނުގައި ވިންޓާ ތީމް ޕާކްއެއް ހެދުމުން އާންމުންގެ ވަރަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވިއެވެ. އަދި ފަހުން އެ މިސްކިތް ދިރާގު އޮފީސް ހުރި ތަނުގައި ބެހެއްޓުމަށް ނިންމުމުން ގިނަ އިލްމުވެރިންގެ ފާޑުކިޔުންވެސް އެކަމަށް އަމާޒުވިއެވެ. އިލްމުވެރިން ވިދާޅުވީ މިސްކިތެއްގެ ކުރިމަތީގައި މިސްކިތެއް ބެހެއްޓުމަކީ އެދެވިގެންވާ ކަަމެއް ނޫން ކަމަށެވެ.

ހެރިޓޭޖް މިނިސްޓްރީން ބުނީ ކަޅުވަކަރު މިސްކިތް ކުރީގެ ދިރާގު އޮފީސް ހުރިތަނުގައި ބެހެއްޓިނަމަވެސް އެ މިސްކިތުގައި ބަންގި ގޮވައި ނަހަދާނެ ކަމަށާއި ނަމަވެސް އެ ތަނުގައި ބޭނުން ކޮންމެ މީހަކަށް ނަމާދު ކުރެވޭނެ ކަމަށެވެ.

comment ކޮމެންޓް