އުރީދޫއާއި ލަޮޓަސްއިން ބަހަނީ، އެކަމަކު ސިމްކާޑާއި ސައިކަލެއް ނޫން

އުރީދޫއިން ބަހާ އިފްތާރު ޕެކް -- ފޮޓޯ/ އުރީދޫ

ހަވީރު ވަގުތު އެންމެން ފިނިބުރު ޖެހުމަށް ނިކުމެ މަގުމަތި ހަލަބޮލިކޮށްލަ އެވެ. ހީވެސް ނުކުރާވަރަށް މާލެ ތެރޭގައި ސައިކަލުތަކާއި އެހެނިހެން ވެހިކަލްތައް ގިނަވެ މަގުމަތި އޮންނަނީ ތޮއްޖެހިފަ އެވެ.

ގިނަ މީހުން ފިނި ބުރު ޖަހާލަން ނިކުންނަނީ ރޯދަ ވީއްލާ ވަގުތުާ ކައިރިކޮށްފައި ކަމަށްވާއިރު، އިރު އޮއްސޭ ގަޑިއަށް ގެއަށް ނުދެވި ވެސް ބައެއް ފަހަރަށް ހިނގައިދާނެ އެވެ. ނުވަތަ ބަންގީގެ ކުރިން ހުޅުމާލޭގައި އުޅޭ މީހުން މާލެއިން ހުޅުމާލެއަށް ދާހާ ވަގުތު ނުލިބޭ ފަހަރުވެސް އާދެ އެވެ.

ރޯދަ ވީއްލާ ވަގުތު ޖެހުމުން ލަސްނުކޮށް ރޯދަ ވީއްލުމަކީ ސުންނަތެކެވެ. އެކަމަކު ރޯދަ ވީއްލަން ގެއަށް ނުދެވި އެތައް މީހަކަށް މަގުމަތީގައި އެ ވަގުތު ތިބެން ޖެހެ އެވެ.

އުރީދޫގެ ހީވާގި ވޮލަންޓިއަރުން އިއްޔެ އިރުއޮއްސުނު ވަގުތު މާލޭގެ މަގުމަތަކަށް ނިކުތީ މިފަދަ މީހުންނަށް އެހީވާށެވެ. އެކި ސަބަބުތަކާ ހުރެ ރޯދަ ވީއްލަން ގެއަށް ނުދެވޭ މީހުންނަށް ރޯދަ ވީއްލާނެ ސާމާނު ބަހަށް މިފަހަރު ނިކުތީ އުރީދޫ އާއި ލޮޓަސްގެ މުވައްޒަފުން އެވެ.

"މިއީ ރޯދަ ވީއްލާ ވަގުތާ ގާތްކޮށް މަގުމަތީގައި އުޅޭ މީހުންނަށް ރޯދަ ވީއްލާނެ ތަކެތި ބެހުމަށް ކުރި ކަމެއް. މަގްސަދަކީ ގަޑިއަށް ރޯދަ ވީއްލޭނެ ގޮތެއް އެމީހުންނަށް ހޯދައިދިނުން،" އުރީދޫގެ އެސިސްޓަންޓް މެނޭޖަރ މާކެޓިންގް، ނޫރާ އިބްރާހިމް ޒާހިރު "ސަން"އަށް ވިދާޅުވި އެވެ.

"މިއީ ރޯދަ މަހު އަޅުގަނޑުމެން ކޮށްލާ ކުޑަކުޑަ ހެޔޮކަމެއް،"

އުރީދޫއިން ބަހާ "އިފްތާރު ޕެކް"ތަކުގައި ހިމެނެނީ ކަދުރުގެ އިތުރުން، ލޮޓަސް ފިހާރައިން ފޯރުކޮށްދީފައިވާ ޖޫހެވެ. މީގެ އިތުރުން ވަރަށް ހާއްސަ ބުކްމާކެއްވެސް މި ޕެކުގައި ދެއެވެ. ބުކްމާކުގެ ކޮންމެ ފުށެއްގައި، ކީރިތިި ޤުރުއާނުގެ 30 ފޮތުގެ ތެރެއިން 15 ފޮތުގެ ނަން ޖަހާފައިވެ އެވެ.

"ރޯދަ މަހުގައި ކީރިތި ޤުރުއާން ހަތިމްކުރުމަކީ ގިނަ ބަޔަކު އުންމީދުކުރާ ކަމެއް. މި ބުކްމާކުގެ އެހީގައި، ކިޔެވުނު މިންވަރު ޓްރެކްކުރެވޭނެ. އެއީ އަޅުގަނޑުމެން ބުކްމާކެއް ދިނުމުގެ ބޭނުމަކީ،" ނޫރާ ވިދާޅުވި އެވެ.

އުރީދޫއިން ނިންމާފައި އޮތީ މި ރޯދަ މަސް ނިމެންދެން އިރުއޮއްސޭ ވަގުތުގައި އިފްތާރު ޕެކްތައް ބަހާށެވެ. ހަވީރު ފިންޏަށް ނިކުމެ އުޅޭއިރު، ރޯދަ ވީއްލާ ގަޑިއަށް ގެއަށް ނުދެވި، މާޔޫސްވާނެ ކަމެއް ނެތެވެ. އުރީދޫއިން ލޮޓަސްގެ ހެޔޮއެދުންތަކާ އެކު، ބަހާ އިފްތާރު ޕެކުން ރޯދަ ވީއްލަން އެހީވެ ދޭނެ އެވެ. މިއީ އުރީދޫގެ އިސްނެގުމާ އެކު ރައްޔިތުންނަށް ދޭ ސޮދަގާތެކެވެ. ރޯދަައިގެ ބޮޑު ހަދިޔާ އެވެ!

comment ކޮމެންޓް