މުހީތުގެ އިތުރު ދެ ގާތިލަކަށް ކުށް ސާބިތުވެއްޖެ

މުހުޖަތު އަހްމަދު ނާސިހް (ކ) އަދި މުހައްމަދު މައިމޫން --- ފޮޓޯ(/ ޕޮލިސް

ގ. ވޭރު، އަބްދުލް މުހީތުގެ އިތުރު ދެގާތިލަކަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ކަނޑައަޅައިފި އެވެ.

ވަޅިން ހަމަލާދީ މުހީތު މަރާލާފައި ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވީ އާދީއްތަ ދުވަހުގެ (ހޮނިހިރު ދުވަހުގެ ރޭ ދަންވަރު) 1:50 އެހާކަން ހާއިރު ފިނޭންސް މިނިސްޓްރީ ކުރިމަތީ އޮންނަ ކޮޅު ބެދިފައިވާ ގޯޅިގަނޑުގެ ތެރޭގައި ސައިކަލެއްގެ މަތީގައި އޭނާ އިންދަ އެވެ.

އެ މައްސަލާގައި ކުށް ސާބިތުވީ ގދ. ގައްދޫ، އަބްލަޣީގޭ މުހުޖަތު އަހްމަދު ނާސިހު އާއި ޅ. ނައިފަރު، ޒައިތޫނިގެ މުހައްމަދު މައިމޫންގެ މައްޗަށެވެ.

އެކަށީގެންވާ ވަރަށް ހެކި ނެތުމުން އެ މައްސަލާގައި ދައުވާ ކުރި ސ. މަރަދޫ، ސަލްޓަންވިލާ، އަލީ މުޝައްފައުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވަނީ ކަނޑައަޅާފައެވެ.

މީގެ އަހަރުތަކެއް ކުރިން ބޭއްވި އަޑުއެހުމުގައި ހެކިބަސް ދިން ބައެއް މީހުން ވަނީ މުހުޖަތު، މުހީތުގެ ގަޔަށް ވަޅި ހަރާލި މަންޒަރު ދުށް ކަމަށް ބުނެފައެވެ. އަދި މުހީތު ގަޔަށް ވަޅި ހެރި ކުޑަ ކުއްޖަކު ގޮވައިގެން ސައިކަލްގައި މައިމޫން ގޮސްފައިވާ ކަމަށް ވެސް ބައެއް މީހުން ހެކިބަސް ދެމުން ބުނެފައިވެއެވެ.

މުހީތު މަރާލި ކަމުގެ ކުށް ސާބިތުވެ ދެ ކުއްޖެއްގެ މައްޗަށް ޖުވެނައިލް ކޯޓުން ވަނީ މަރުގެ ހުކުމް އިއްވާފައެވެ. އެ ދެ މައްސަލަ މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

comment ކޮމެންޓް