އެންމެ ފުރަތަމަ ފަރުވާދޭންވީ އައިޖީއެމްއެޗަށް!

މާޗް 14، 2017: އައިޖީއެމްއެޗް ކޮރިޑޯގައި ބަޔަކު ހިނގާފައި ދަނީ. -- ފޮޓޯ/ ފަޔާޒު މޫސާ

"އައިޖީއެމްއެޗަށް އެކްސްރޭއެއް ނަގަން ގޮސްގެން ތިން ގަޑި އިރުން އެކްސްރޭއެއް ނެގޭ ވަރުވީ. ބަލިމީހާގެ ކަންކަމަކަށް އެތަނުގެ މުވައްޒަފުން ވެސް މާ ފަރުވާލެއް ނުބަހައްޓާ. ކުރިއަށްވުރެ ވެސް މިހާރުގެ ހާލަތު ދަށް. މުޅިތަން ބޮއްސުންލާފައޭ ބުނެވޭނީ،" މީގެ ދެތިން ހަފްތާ ކުރިން އައިޖީއެމްއެޗަށް އެކްސްރޭއެއް ނަގަން ދިޔަ މީހަކު އޭނާގެ އިހުސާސްތައް ބަންޑުންކުރި އެވެ.

އެ ޝަކުވާ މިހާރު ކުރަނީ އޭނާ އެކަންޏެއް ވެސް ނޫނެވެ. ކުރިއެކޭ އެއްގޮތަށް އައިޖީއެމްއެޗާ މެދު ރައްޔިތުންގެ ޝަކުވާއެއް ނީވޭ ދުވަހެއް މިހާރު ނުދެ އެވެ. އެތަނުގެ ސާފުތާހިރުކަން ސުމެއްގައި އޮތް ވާހަކަ އެވެ. އެމްޖެންސީ ރޫމުގައި އޭސީތައް ހަލާކުވެފައި ހުރި ވާހަކަ އެވެ. އެތަނުގައި މަސައްކަތްކުރާ މުވައްޒަފުން ބަލިމީހާޔަށް ދައްކާ ކުނި މޫނުގެ ވާހަކަ އެވެ. މިއީ ސަރުކާރުގެ މައި ހޮސްޕިޓަލާ މެދު ހައްތަހާ ވެސް އިވޭ ޝަކުވާ އެވެ.

ރޭ ވެސް މީހަކު ޓްވިޓާގައި ޝަކުވާ ކުރަން މަޖުބޫރުވީ ބަލިމީހުން ނިދާ، ރޭގަނޑުގެ ވަގުތާ ދިމާކޮށް މެއިންޓެނެންސް މަސައްކަތް ކުރިއަށް ގެންދާތީ، ތުރާ ބޮޑުވެ އެ މީހުންނަށް ނުނިދިގެން އެވެ.

"އިރާކޮޅުވެސް މި މަސައްކަތް ކުރެވޭނެދޯ؟ މިވަގުތަކު ނޫން ދޯ މި މަސައްކަތް ކުރަން ޖެހޭނީ،" ރޭ ދަންވަރު 12 ޖެހިއިރު، މީހަކު ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.

ހެލްތު މިނިސްޓްރީ ޓެގްކޮށް އެހެން މީހަކު ކުރި ޓްވީޓެއްގައި ޝަކުވާ ކުރީ އައިޖީއެމްއެޗުގައި ބާލީސް އުރަ ނެތިގެން ކޮންމެ މީހަކަށް އެންމެ ބާލީހެއް ދޭ މައްސަލަ އެވެ.

މި ޝަކުވާތަކަކީ އަނެއްކާ ވެސް ރައްޔިތުންގެ ކޮންމެ ދުވަހެއްގެ ޝަކުވާއަކަށް ވެއްޖެ އެވެ. އެތަނަށް ބަލި މީހުންނަށް ފަރުވާ ލިބުމަށް ވުރެ ބޮޑަށް އައިޖީއެމްއެޗަށް އޮތީ ފަރުވާދޭން ޖެހިފަ އެވެ.

އެމެޖެންސީ ރޫމުގެ އޭސީ ނުހެދި ދެ މަސް!

އައިޖީއެމްއެޗުގެ އެމަޖެންސީ ރޫމުގެ އޭސީ ހަލާކުވެފައި ހުންނަތާ މިހާރު ދޮޅުމަހެވެ. ގިނަ އަދަދެއްގެ ބަޔަކު އަވަސް ފަރުވާއަށް ކޮންމެ ދުވަހަކު ހޮސްޕިޓަލަށް ދާއިރު އެމަޖެންސީ ރޫމް ހޫނުވެ އަވަނަކަށް ވީމާ ބަލި މީހުންގެ ވޭން އިތުރަށް ވަނީ ބޮޑެވެ. އެކަމަކު އެކަން ހައްލު ކުރެވޭ ކަމަކަށް ނުވެ އެވެ.

ގިނަ ބައެއްގެ ފާޑު ކިޔުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ވެސް އަމާޒު ކުރަނީ މި ކަންކަމާ ރުޅި އައިސް ނަރުގަނޑުގައި ޖެހިފައި ތިބި ރައްޔިތުން އެވެ. އެކަމަކު ހެލްތު މިނިސްޓްރީގެ ބައެއް އޮފިޝަލުން މައްސަލަ އިން ރެކި، އިނގިލި ދިއްކުރަނީ ރައީސް އޮފީހަށެވެ. ރައީސް އޮފީހުން ބުނަނީ، އައިޖީއެމްއެޗްގެ ކަންކަން ބަލަހައްޓަން ހަވާލުކޮށްފައި ވަނީ، ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްއާ ކަމަށެވެ.

އޭނާ ވިދާޅުވަނީ، އައިޖީއެމްއެޗްގެ ޑޭޓުޑޭ އޮޕަރޭޝަންތަކާ ގުޅޭ މައުލޫމާތު ހިއްސާ ކުރާނީ އެ ހޮސްޕިޓަލުން ކަމަށެވެ. އަދި ރައީސް އޮފީހުގެ ފަރާތުން އޭނާ ބަލަހައްޓަވަނީ، ސަރުކާރުގެ ފަރާތުން އައިޖީއެމްއެޗަށް ކޮށްދޭން ޖެހޭ ކަންތައްތައް ކަމަށް ވެސް ވިދާޅުވި އެވެ. އަދި ޝަކުވާތަކާ މެދު އޭނާ ވިދާޅުވަނީ ކުރީގެ ހާލަތަށް ވުރެ އައިޖީއެމްއެޗްގެ މިހާރުގެ ހާލަތު ރަނގަޅުވާނެ ކަމަށެވެ.

"އައިޖީއެމްއެޗު އެމަޖެންސީ ރޫމުގެ އޭސީ ރިޕެއާކޮށް ނުލެވި ތިން މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ. ރަށްރަށުގެ ހޮސްޕިޓަލުތަކާއި ހެލްތު ސެންޓަރުތަކަކީ މީނަ ދަންނަ ތަންތަނެއް ނޫން." މިނިސްޓަރު އަމީނަށް ރައްދުކޮށް މީހަކު ކުރި ޓްވީޓެއްގައި ބުންޏެވެ.

ރައްޔިތުންގެ ކަންބޮޑުވުމަކީ ބަލިމީހުން ފަރުވާ ހޯދަން ދާ ތަނަކީ އެކަށީގެންވާ މާހައުލަކަށް ނުވާތީ އެވެ. އެއާކޯނު ހަދަން ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ރައްޔިތުންގެ ގަބޫލެއް ނުކުރެ އެވެ. އެކަން ގަބޫލެއް ނުވެސް ކުރެވޭނެ އެވެ.

ހައްލު ހޯދަނީ! ހައްލެއް ނުއެއް ފެނޭ

ރައްޔިތުންގެ ޝަކުވާތަކަށް އައިޖީއެމްއެޗުގެ މީޑިއާ އޮފިސަރު މުހައްމަދު މުފީދު ވިދާޅުވީ ދިމާވާ މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެކަމަކު އަދި ހައްލެއް ނުހޯދެ އެވެ. ހައްލު ހޯދަން ކުރާ މަސައްކަތުން އެމަޖެންސީ ރޫމް އަދި ފިނިކޮށްލެވޭ ވަރުވެސް ނުވެ އެވެ.

މުފީދު ވިދާޅުވަނީ، އެއާކޮންޑިޝަން ސިސްޓަމަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރެވޭވަރުވާނީ މިމަހުގެ ފަހުކޮޅު ކަމަށެވެ. އެއާކޮންޑިޝަންތައް ހަލާކުވެފައި ވަނީ އެ ހޮސްޕިޓަލްގެ ސެންޓްރަލް އެއާކޮންޑިޝަނިން ސިސްޓަމަށް ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން ކަމަށް މުފީދު ވިދާޅުވެ އެވެ.

އޭސީ ހަދަން ބޭނުންވާ ކޫލިންގް ޓަވަރުތައް ރާއްޖޭން ބޭރުން ގެންނަން ޖެހޭތީ ލަސްތަކެއް ދިމާވަނީ އެވެ. އެކަމަކު މަސް ދުވަހުން އެކަން ހައްލު ނުކުރެވޭ ހެއްޔެވެ؟

ތަނުގެ ސާފު ތާހިރުކަން ކުޑަވާ މައްސަލައިގައި އޭނާ ވިދާޅުވީ ކޮންމެ ދުވަހަކު ވެސް ތަން ސާފު ކުރާ ކަމަށެވެ. ހޮސްޕިޓަލް ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށް އިސްކަމެއް ދީގެން މަސައްކަތް ކުރާ ކަމަށް ބުނުން ފިޔަވައި އިތުރު ޖަވާބެއް އެ ޝަކުވާތަކަށް ދޭކަށް ނެތެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައިޖީއެމްއެޗަށް ހަމަޖައްސާފައި ހުންނެވި ސީއީއޯގެ އިބްރާހިމް ސަލީމް، ކުޑަ ބަންދޭއަށް ގުޅުމުން އޭނާ މެސެޖެއް ފޮނުއްވާ ވިދާޅުވީ، މިވަގުތު ބިޒީ ކަމަށާއި ފަހުން ގުޅުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މީގެ ހަތް ވަރަކަށް އަހަރު ކުރިން އައިޖީއެމްއެޗުގެ މައްސަލަތައް ގިނަވެ ތަނުން ހިދުމަތް ހޯދާ މީހުންގެ ޝަކުވާތައް ފުނި ޖެހުނު މާޒީއަށް އަނެއްކާ ވެސް މި އޮތީ އިޔާދަވެފަ އެވެ. އައިޖީއެމްއެޗު މި އޮތީ އަނެއްކާ ބަލި އެނދަށް ވެއްޓިފަ އެވެ. ރައްޔިތުން ޝަކުވާ ކޮށްކޮށް ބަލި ނުވަނީސް މައި ހޮސްޕިޓަލް އައިޖީއެމްއެޗަށް އަވަސް ފަރުވާދޭން ވެއްޖެ އެވެ.

comment ކޮމެންޓް