"ސޫރިޔަވަންޝީ"ގެ ޝޫޓިން ފަށައިފި

އަކްޝޭ ކުމާރު ލީޑު ރޯލުން ފެނިގެންދާ ރޯހިތު ޝެޓީގެ ފިލްމު 'ސޫރިޔަވަންޝީ'ގެ ޝޫޓިން އިއްޔެ މުމްބާއީގައި ފަށައިފި އެވެ.

ފިލްމުގެ ޝޫޓިން ފެށިކަން ރޯހިތު ހާމަކޮށްފައި ވާއިރު، ޝޫޓިން ފެށުމުގެ އުފަލުގައި ރޯހިތުގެ "ކޮޕް ޔުނިވާސް"ގެ ސިންގަމް (އަޖޭ ދޭވްގަން) އަދި ސިމްބާ (ރަންވީރު ސިންގ) ވަނީ ބައިވެރިވެފަ އެވެ.

'ސޫރިޔަވަންޝީ' އަކީ 'ސިންގަމް' އަދި 'ސިމްބާ'ގެ ސްޕިން-އޯފް އެކެވެ. އަދި އެއީ ވެސް 'ސިންގަމް' ސީރީޒްގެ ފިލްމެއް ކަމަށް ރޯހިތު ވަނީ ބުނެފަ އެވެ. އެ ފިލްމުގައި އަކްޝޭ ފެނިގެންދާނީ "އޭޓީއެސް އޮފިސަރު ވީރް ސޫރިވަންޝީ" ކިޔާ ފުލުހެއްގެ ރޯލުންނެވެ.

ފިލްމުގައި އަކްޝޭ އާއެކު ފެނިގެންދާނީ ބަތަލާ ކެޓްރީނާ ކައިފް އެވެ. މިއީ އަކްޝޭ އާއި ކެޓްރީނާ ވެސް ރޯހިތުގެ ފިލްމެއްގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. ނަމަވެސް މިއީ އަކްޝޭ އާއި ކެޓްރީނާ އެކުގައި މަސައްކަތް ކުރާ ނުވަ ވަނަ ފިލްމެވެ. ދެމީހުން އެންމެ ފަހުން އެކުގައި ފެނިގެން ގޮސްފައި ވަނީ 2010 ވަނަ އަހަރު ރިލީޒްކުރި 'ތީސް މާރް ޚާން' އިންނެވެ.

ކެޓްރީނާގެ އިތުރުން ހުނަރުވެރި ބަތަލާ ނީނާ ގުޕްތާ ވެސް ވަނީ ފިލްމުގެ ކާސްޓާ ގުޅިފަ އެވެ. ނީނާ ފެނިގެންދާނީ އަކްޝޭގެ މަންމަގެ ރޯލުންނެވެ.

މުމްބާއީގެ އިތުރުން، ހައިދަރްއާބާދު، ގޯއާ އަދި ތައިލެންޑްގައި ވެސް ފިލްމުގެ މަންޒަރުތައް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. ކަރަން ޖޯހަރު ޕްރޮޑިއުސް ކުރާ އެ ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އީދު ބަންދާ ދިމާކޮށެވެ.

comment ކޮމެންޓް