ކުޅުދުއްފުށީ ބޮޑު މުހައްމަދު: ރައްޔިތުންގެ ބާރު ދައްކާލި ލީޑަރު!

އެއީ 1943ގެ 3 މާރިޗު ވީ ބުރާސްފަތި ދުވަހެކެވެ. އެ ދުވަހުގެ އިރު މެދުއުޑުގައި ޖެހުނުއިރު ދެބަނޑޮސް ދޭތެރެއިން އަރިއަށް އޮވެ، ވެރިރަށް މާލެއާ ދިމާލަށް ބާރުދުއްވެއްޔެއްގައި ދުއްވާފައި އެހެރަގެން އަންނަނީ، މަޝްހޫރު އުއްތީމު ބައްތެލިކޮޅެވެ. – އެ ޒަމާނުގައި ދެބަނޑޮސް ދޭތެރެއިން އުޅަނދެއް އަންނަ ނަމަ، އެއީ ވެރިކަމާ ދެކޮޅު ހަރަކާތެއްގެ ނިޝާނެކެވެ- އެ ބައްތެލީގެ ފަހަތުން އުތުރުގެ އަތޮޅުތަކަށް ނޫނީ ބޮޑު ތިލަދުންމައްޗަށް ނިސްބަތްވާ އެތައް އޮޑިދޯނި ފަހަރެއްގެ ރިޔާ ފެންނަން ފަށައިފި އެވެ. އެ ފްލީޓްގެ ބޮޑުކަމުން ކޮޅާ ކޮޅު ނުފެނެ އެވެ.

މީގެ ކުރިން ދުވަހަކު ވެސް މާލެ ނާންނާނެހާ ގިނަ އޮޑީގައި ފުރައިގެން އުތުރުގެ އެތައް ހާސް ރައްޔިތުންނެއް އައިސް، މާލޭގެ ބަނދަރު ފުރާލީ، ކާނެ ބޯނެ އެއްޗެއް ނުލިބި ހައިހޫނުކަމުގައި މަރަށް ތެޅެން ޖެހުމުން އުފެދުނު ޖަޒުބާތުތައް ވެރިންނަށް ބަންޑުންކުރާށެވެ. މިއީ އުތުރުގަޑުބަޑުގެ ގޮތުގައި މަޝްހޫރުވި، އުތުރުގެ ބޮޑުދަތުރެވެ. ފެންނާން އޮތް ގޮތުން ނަމަ، މިއީ މިހާތަނަށް ވެސް ރާއްޖޭގެ ވެރިކަމަކާ ދެކޮޅަށް ރައްޔިތުން ބޭއްވި އެންމެ ބޮޑު މަދަނީ ބަސްނޭހުމުގެ ހަރަކާތެވެ.

މުގުލުގައި ކުޅުއްދުއްފުށިން ނިކުތް ލީޑަރު!

މީގެ 76 އަހަރުކުރިން ބޮޑުތިލަދުންމަތި ހިމެނޭނެ ގޮތުން ހަ އަތޮޅެއްގެ ރައްޔިތުން އެތަންކޮށް ވެރިން ސިއްސުވާލި ބޮޑު އިހުތިޖާޖެއް ރޭވުމުގެ މައި މަރުކަޒަކަށް ވެފައި އޮތީ، އިގްތިސާދީ މަރުކަޒެއްގެ ގޮތުގައި މިހާރުވެސް ބަލައި ހދ. ކުޅުދުއްފުއްޓެވެ. މުވާސަލާތު ކުރެވޭނެ ފަސޭހަ ގޮތްތަކެއް ނެތި، އަދި ދެވަނަ ބޮޑު ހަނގުރާމައިގެ ބިރާއި ހައިހޫނުކަމުގެ ތެރެއަށް ރާއްޖެ އިންތިހާއަށް ދަމައިގެންފައި އޮތް އެ ޒަމާނުގައި، ޑިމޮކްރަސީގެ ފުރިހަމަ ނަމޫނާއަކަށް ބަލަން ޖެހޭ މި ހަރަކާތުގެ ލީޑަރަކަށް ހުންނެވީ، ކުޅުދުއްފުށިން އުފަންކުރުވި، ކުޅުދުއްފުށީ ބޮޑު މުހައްމަދެވެ. މިއީ އުތުރުގެ އުދަރެހުން ފާޅުވި، ވަރުގަދަ ސިޔާސީ އެކްޓިވިސްޓެކެވެ. މަޝްހޫރު އުތުރުގަޑުބަޑުގެ މި ވާހަކަ، ކުޅުދުއްފުށީ ކަތީބުގެ މަގާމުގައި ހުންނެވި ބޮޑު މުހައްމަދާ ވަކި ކުރެވޭނެ އެއްގޮތް ވެސް ނެތެވެ.

ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައި ސަރުކާރާ މެދު އޮތް ރުޅި އުތުރި އަރައިގަތުމުން، އެ ހުރިހާ ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމުގެ ބޮޑު ޒިންމާ ބޮޑު މުހައްމަދު ނެންގެވީ އެވެ. އުތީމު ބައްތެއްޔަށް އަރާވަޑައިގެން މާލެއަށް ދަތުރު ފެއްޓެވީ، ދިވެހި ބިންމީ އަހަރުމެންގެ ވެސް އުފަން ބިމޭ ވިދާޅުވަމުން އެވެ.

ސަރުކާރުގެ ހިންގުމުގެ ވެރިއަކަށް އޭރު ހުންނެވި، މުހައްމަދު އަމީން އޭނާގެ އަމިއްލަ ގަލަންކޮޅުން ލިޔުއްވާ ގޮތުގައި، ބޮޑު މުހައްމަދުގެ ކޮމާންޑަރުކަމުގައި ވެރިކަމާ ދެކޮޅަށް އަޑުއުފުލަން 552 ގަޑެތި މާލެ ފަޅަށް ޖަމާވި އެވެ. އަމީން ދީދީ ހިސާބުޖެއްސެވި ގޮތުން ނަމަ، މާލެ ފަޅު ތެރެ ފުރާލި އުތުރުގެ އޮޑިފަހަރުތަކުގައި 9،452 މީހުން ތިއްބެވެ. އުތުރުގެ ރައްޔިތުން އެ އަދަދު އެއަށް ވުރެ އިތުރުކޮށް، 15،000 އާ ހަމަޔަށް ގެން ގޮސްގެން ވެސް ވާހަކަ ދައްކަ އެވެ. އޭރު ރާއްޖޭގެ އާބާދީއަކީ، 70،000 ކަމަށްލަފާކޮށްގެން ހިސާބެއް ޖަހާ ނަމަ، ރާއްޖޭގެ މުޅި އާބާދީގެ 13 ޕަސެންޓް މީހުން އެވަނީ، ބޮޑު މުހައްމަދުގެ ފަހަތުގައި އޭނާއަށް ކިޔަމަންވެ ދިވެހި ދައުލަތާ ދެކޮޅަށް ނިކުމެ އެވެ.

ފޮޓޯގެ ކަނާތް ފަރާތުގައި ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭފާނު، ޖެހިގެން ދިއްދޫ އިބްރާހިމް ކަލޭފާނު.

މިއީ އާދައިގެ ބުއްދިއެއްގެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ސަބަބަކަށް ވަނީ، އޭރު ރާއްޖޭގެ ހާލަތު އޮތް ގޮތާއި އާންމުންގެ ވިސްނުން ފޯރާ ހިސާބުން ސިޔާސީ ވަރުގަދަ ސިކުނޑިއެއްގެ ފިލޯސަފަރަކަށް ނޫނީ މިވަރުގެ ބޮޑު ހަރަކާތެއް ރޭވުމަކީ ކުރެވޭ ވަރަށް ވުރެ ބޮޑުކަމެކެވެ. މި ހަރަކާތް އިންތިޒާމްވެ ތަރުތީބުވެގެން އައި ގޮތާ ގުޅޭ ގޮތުން މާ ގިނަ ވާހަކަތަކެއް ފެންނާން ނެތަސް، މުހައްމަދު ޖަމީލްގެ "ތިލަދުންމަތީ ދަތުރުގެ ހަނދާން" ގައި ލިޔުއްވަނީ؛ "މާލެއިން ފުރިއިރުވެސް ރަށު ތެރޭގައި އާދައިގެ މީހުންގެ ތުއްތުން މަތީގައި، ތިލަދުންމަތި މީހުން އައުމުގެ ވާހަކައެއް ހިނގަ އެވެ. [އެ ހަރަކާތް ޕްރޮމޯޓް ކުރުމަށް] އެތަން މިތާނގައި ކަރުދާސް ހިއްޕުމާއި ތަންތަނަށް ސިޓީލުމެއް ވެސް ހިނގާ" ކަމަށެވެ. މިވާހަކަތަކުން ދަލީލު ކުރަނީ، ވައިރޯޅިއެއް ފެތުރިގެން ދާހާ ބާރު މިނުގައި ރަށަކަށް ފަހު ރަށެއް އުތުރުގެ "ބޮޑު ދަތުރާ" ގުޅި އެކަތިގަނޑަކަށްވީ، މި ޒަމާނުގައި ސިޔާސީ ކަންކަން ރޭވިގެން ހިނގާ ޒާތަށް މި ހަރަކާތް ރޭވުނީމަ އެވެ. އެ ހިސާބަށް ބޮޑު މުހައްމަދުގެ ވިސްނުންފުޅު ފޯރަނީ އެވެ. ރަށްރަށަށް ދަތުރު ކުރައްވައި ޕޯސްޓަރު ހިއްޕަވައި ބޮޑު ކެމްޕޭނެއް ހިންގެވީ އެވެ. ރައްޔިތުންގެ ތާއީދު ދަމައިގެންނެވީ އެވެ.

މި ހަރަކާތާ އެކު ބޮޑު މުހައްމަދު ވެވަޑައިގެންނެވީ، ބޮޑު ތިލަދުންމަތީގެ ކޮމާންޑަރަށެވެ. ރާއްޖޭގައި ކީއްކުރަން މުޅި ދުނިޔޭގައި ވެސް އޮތް އެންމެ ބޮޑު އަތޮޅުގެ ކޮމާންޑަރަށް ވެ ވަޑައިގަތީ އުތުރުގެ ރައްޔިތުންގެ ހިތްތަކުގެ ފުން ލޯތްބެއް ހާސިލް ކުރައްވައިގެން އެވެ. ބޮޑު މުހައްމަދަށް ހާސިލް ނުކުރެއްވުނީ، ދިއްދޫ މީހުންގެ ލޯތްބެވެ.

ޑިމާންޑްތަކާ އެކު ބޮޑު މުހައްމަދު މަޝްވަރާއަށް!

ސުލްހަވެރި ކަމާ އެކު މާލޭ ބަނދަރުގައި ތިބި އުތުރުގެ އޮޑިތަކުގެ ރައްޔިތުން ހަރުއަޑުން އައީ އެ މީހުންގެ ޑިމާންޑްތައް ސަރުކާރަށް އިއްވަމުން އެވެ. އެއް ބައި ފަހަރަށް ބައްތެލީގެ ކުބަށް އަރައި ހަޅޭއްލަވައި އަޑުގަދަކޮށްގެން އެ މީހުންގެ ޝުއޫރުތައް ސަރުކާރަށް އިއްވި އިރު، ރައްޔިތުންނާ ވާހަކަ ދައްކަން ސަރުކާރުން ފޮނުވާ ވަފުދުތަކާ އެ ހަރަކާތުގެ ލީޑަރުން ކަމަށްވާ ބޮޑު މުހައްމަދާއި އެހެން ވެސް ލީޑަރުން ބައްދަލުކޮށް ގެންދެވީ އެ އަޑުތައް އިއްވަމުން އެވެ. ރައްޔިތުންގެ ބަސް ނޭހުން ނިންމާނެ މައިގަނޑު ތިން ޑިމާންޑެއް ސަރުކާރަށް ހުށަހެޅި އެވެ. އެއީ؛

  1. ވިލިގިލީ ޖަލުގައި ބަންދުކޮށްފައި ހުންނެވި ކުރީގެ ރަދުން މުޙައްމަދު ޝަމްސުއްދީން މިނިވަންކޮށް ރަސްކަމަށް އިސްކުރުމާއި، ވީދާލި ގާނޫނު އަސާސީ އަލުން ތަންފީޒުކޮށް ދުސްތޫރީ ވެރިކަމެއް ގާއިމްކުރުން.
  2. ރައްޔިތުންގެ ބޮޑު އިސްޓޯރު އުވާލައި އާންމު ރައްޔިތުންނަށް ވެސް މަސްގަނެ ބޭރުކުރުމުގެ ހުއްދަ ދިނުން.
  3. އެތެރެ ކުރާ ބާވަތްތަކުން ނަގަމުން އަންނަ ޑިއުޓީ ކުޑަކުރުން.

މި ޑިމާންޑްތަކާ ގުޅިގެން އަމީން ދީދީ ފުރަތަމަ ވިދާޅުވި ކަމަށް ވަނީ، "އާދޭހޭ! އަޅުގަނޑު ތިކަމާ މަޝްވަރާ ކުރަން ތައްޔާރެވެ." އަދި ސަރުކާރާ ދެކޮޅު އެ ހަރަކާތާ ގުޅިގެން އެއްވެސް މީހަކަށް އަދަބެއް ނުދެއްވާނެ ކަމާއި އެންމެނަށް ވެސް މާފުކޮށްފި ކަމަށް ﷲ ގަންދީ އަމީން ދީދީ މަތި މައްޗަށް ހުވާ ކުރެއްވި އެވެ. އެ ބަހަށް އިތުބާރުކޮށް ހަރަކާތުގެ ލީޑަރު، ކުޅުދުއްފުށީ ބޮޑު މުހައްމަދާއި އޭނާއާ އެކު ދެން އިސްކޮށް ތިއްބެވި، އެ ރަށު ބޮޑު ރުއްދޮށުގޭ މޫސަ އާއި މާޅެންދޫ މުދިން މޫސައާ މިކަހަލަ ބޮޑުން ކޮޅެއް މަޝްވަރާއަށް މާލެ ފޭބި އެވެ.

އެ ހިސާބުން، މައްސަލަ ސުލްހަވެރިކޮށް ހައްލުކުރަން ސަރުކާރުން ބޭނުންވާ ކަމުގެ ސިގްނަލް ލިބި ލީޑަރުންގެ އިޝާރާތަށް ބައެއް އޮޑިދޯނި ފަހަރު އަނބުރާ ރަށްތަކަށް ދާން ފުރި އެވެ. މާލޭގައި މަޑު ކުރީ ހަރަކާތުގެ ލީޑަރު ބޮޑު މުހައްމަދާއި ދެންވެސް އިސްކޮށް ތިބި ފަރާތްތަކެވެ. ބޭނުމަކީ ސަރުކާރުން އަމީން ދީދީ ވެވަޑައިގަތް ވައުދު ފުއްދާނެ މަޖުޗާޓެއް އެކުލަވާލުމާއި އެކަންކަން ތަންފީޒުކޮށްފައި ރައްޔިތުންނާ ހަމަޔަށް އެނބުރި ދިޔުމެވެ. ހަރަކާތުގައި އިސްކޮށް ހުންނެވި ބޮޑު މުހައްމަދު ބޭނުންފުޅުވީ ރައްޔިތުންގެ އުންމީދުތައް ހާސިލް ނުވަނިސް، އެނބުރި ރަށަށް ވަޑައިނުގަންނަވާށެވެ.

އަމީން ދީދީގެ ދޮގު ހުވަޔާއި ލާއިންސާނީ އަނިޔާ!

އޮޑިތައް ފުރައިގެން ގޮސް، މާލޭގެ ފަޅު ތެރޭގައި އޮތް ރައްޔިތުންގެ ރުޅިވެރިކަމުގެ އިހުތިޖާޖު މައިތިރިވެ ހަމަޖެހުން އައިކަން ޔަގީންވުމާ އެކު އަމީން ދީދީގެ ރާގު މުޅިން ބަދަލު ކުރެއްވި އެވެ. އެމަނިކުފާނު ވެވަޑައިގަތް، ހުވަޔާ ހިލާފުވެ، މާލޭގައި މަޑުކުރި ހަރަކާތުގެ ލިޑަރުން ކަމަށްވާ ކުޅުދުއްފުށީ ބޮޑު މުހައްމަދާއި ދެންވެސް ތިއްބެވި ފަރާތްތައް އަމީން ދީދީގެ ސީދާ އަމުރަށް ބަނޑޭރިގެއަށް ގެންގޮސް ހިމަރޯނުން ބަނދެފައި އަށިގެއަށްލީ އެވެ. މާލެއިން އެ ހަރަކާތައް ވާގިވެރިވި، ކަކާގޭ ފެކްޝަނަށް ނިސްބަތްވާ، އިބުރާހިމް ހިލްމީ އާއި ގަލޮޅުގޭ އިބުރާހިމް ދީދީ އަދި އަބްދުﷲ ހިލްމީ ވެސް ހައްޔަރުކުރި އެވެ. ހައްޔަރު ކުރި ބޭފުޅުންގެ މައްޗަށް އަމީން ދީދީ އިސްކޮށް ހުންނަވާ މަސްދުވަހުގެ ބޮޑު ތަހުގީގެއް ހިންގި އެވެ. އަދި މާފުދީ ރަށަށް ފުރުވާލި ބައެއް މީހުން ވެސް ހޯދައިގެން އަނބުރާ މާލެ ގެނެސް ހައްޔަރުކޮށް ހަބޭހަށް އަދަބުދިނީ އެވެ.

އަމީން ދީދީ ގަބޫލު ކުރެއްވި ގޮތުގައި، "އުތުރުގެ ބަޣާވާތުގެ ފަހަތުގައި ތިބި މީހުންގެ ގަސްދަކީ އެ ހިނދު ދިވެހި ދައުލަތް ހިންގަވަން ތިއްބެވި ބައެއް ވެރިން ނައްތާލައި އެހެން ބައެއްގެ މައްޗަށް ދައުލަތުގެ ބާރުތައް ފުރޮޅައިލު"މެވެ. އެ ތަހުގީގަށް އެކަން ސާބިތުކޮށް، ކުޅުދުއްފުށީ ބޮޑު މުހައްމަދާއި އެނާއާ އެކު އެ ހަރަކާތުގައި ރޭވުމުގައި ތިއްބެވި ބޭފުޅުންނަށް އެންމެ އަނިޔާވެރި ލާއިންސާނީ އަދަބު ދިނެވެ. ހަރަކާތުގެ މައި ސޯބުގެ ގޮތުގައި ހުންނެވި، ބޮޑު މުހައްމަދަށް އަމީން ދީދީ ދެއްވީ އެންމެ އަނިޔާވެރި އަދަބެވެ. ދެ ދޮރާށި ދޭތެރޭ، (މިހާރު އިސްލާމީ މަރުކަޒު އެހުރި ތަނަށް) ގިނަ އަދަދެއްގެ މީހުން އެއްކޮށް، ގައިގާ ހުރި ހެދުން ގަދަކަމުން ބާލުވައި، ސިފައިން ދެ އަތުގައި ހިފަހައްޓައި ބިންމަތީގައި ބަންޑުން ބާއްވައި، ހަތަރުފަށް އެއްތެލުން 21 ފަހަރަކަށް ބޮޑު މުހައްމަދުގެ ބުރަކަށީގައި ތެޅި އެވެ. އެއްތެލުން ތަޅައި އަހުވަ ދައްކާ އިރު ބުރަކައްޓާއި ފިނދުމަހާއި ގައިގެ ތަންތަން ފެޅި، ލޭ އޮހޮރި ހަންގަނޑު އޮޅެމުން ދިޔަ ކަމަށްވެ އެވެ. މި އަދަބަށް ފަހު، ބޮޑު މުހައްމަދު، ކަތީބު ކަމުން ވަކިކޮށް 19 އަހަރަށް އަރުވާލި އެވެ.

"ރައްޔިތުންގެ ތެރެއިން އެންމެ މަތިވެރި ދަރަޖައަކަށް ކުށްވެރިވެގެން ކުޅުދުއްފުށީ ބޮޑު ޙަތީބު މުޙައްމަދާއި ކުޅުދުއްފުށީ ބޮޑު ރުއްދޮށުގޭ މޫސާ އާއި މާޅެންދޫ މުދިން މޫސާ އާއި ތިން މީހުން ބުރިން ހަންނެގުމުގެ ހިތާމަވެރި ވާޖިބު އަޅުގަނޑުމެން އަދާކުރަން ޖެހުނެވެ،" އަމީން ދީދީ ލިޔުއްވާފައިވެ އެވެ.

މާލެއިން އެ ގަޑުބަޑަށް ހިތްވަރު ދިން އެއްވެސް ބޭފުޅަކަށް މިފަދަ އަދަބެއް ނުދެ އެވެ. އެބޭފުޅުން ހަމައެކަނި ގޭގައި ބަންދުކޮށް އެއީ އަދަބެއްގެ ގޮތުގައި ފުއްދާލީ އެވެ. އެކަމަކު އުތުރުން އައި މީހުންނަށް ދިން އަނިޔާގެ ވާހަކަ އުތުރުގަޑުބަޑުގެ ހާދިސާގެ ދިރާސާއެއް ކުރެއްވި؛ މަރުހޫމް އަބްދުލް ހަކީމް ހުސެންމަނިކުގެ ސިފަކުރަވަމުން ލިޔުއްވާފައި ވަނީ ގަޑުބަޑުގެ ބައެއް ކުށްވެރިން ގެނެސް ދުއްރައިން ތެޅީ މާލޭގައި އޭރު އެކަމަށް އަރާ ތިބި މީހުން ލައްވަ އެވެ. އަދި 30 އެތިފަހަރު އަޅައިލަނީ ފަޅަފަޅައިގެން ދާހާ ބާރު މިނުގަ އެވެ. މި އަނިޔާތަކާ ހުރެ އަނބުރައިގަތް ބައެއް މީހުންގެ ދެ ފަރާތުގައި ސިފައިން ހިފަހައްޓައި އެލުވައިގެން ދުއްރައިން ތެޅުމުގެ ތެރޭ ބައެއް މީހުންގެ މައިބަދަ އާއި އުނަގަނޑަށް ބޮޑެތި ގެއްލުންތައްވި އެވެ.

ބޮޑު މުހައްމަދު ގޮތްދުލެއް ނުކުރެއްވި!

އުތުރުގެ ގަޑުބަޑުގެ ލީޑަރުންނަށް އަދަބު ދީ އެކަމުގެ މަތިން މީހުން ހަނދާން ނެތޭހާ ދުވަސްކޮށްފައި އެ ސަރަހައްދުގެ ހާލަތު ބެއްލެވުމަށް އަމީން ދީދީ ބޮޑު ތިލަދުންމައްޗަށް ދަތުރުފުޅެއް ކުރެއްވި އެވެ. އިއްތިފާގަކުން އެ ދަތުރުގައި އެމަނިކުފާނު އަތޮޅު ތެރޭގައި ދަތުރުކުރައްވަމުން ބޭނުން ކުރެއްވި ކުޅުދުއްފުށީ ދިވެހިގޯތީ ފަތްބޮނޑި ދޯނީގެ ހުންގާނުގައި ހުރީ، އެމަނިކުފާނު ހަރުކަށި އަދަބު ދެއްވި އެއްކަލަ ބޮޑު މުހައްމަދެވެ. އަމީން ދީދީ އެ ދަތުރުމަތީގައި ބޮޑު މުހައްމަދު ކުރެން އެއްސެވި ކަމަށް ވަނީ، "އަދިވެސް ކުރީގެ ދަތުރު ކަހަލަ ދަތުރެއްގައި ދާނަން ހެއްޔެވެ؟" އެ ސުވާލު ރަނގަޅަށް އަދި ނުކުރެވި އުޅެނިކޮށް، ބޮޑު މުހައްމަދު ވިދާޅުވި ކަމަށް ވަނީ، "ރައްޔިތުން އެދިގެން އައިސް ބުނެފިއްޔާ އެންމެ ފިޔަވަޅެއް ވެސް ފަހަތަކަށް ނުޖެހޭ" ނަމެވެ.

ބޮޑު މުހައްމަދުގެ ސަހުސިއްޔަތާ ގުޅޭ ގޮތުން ލިބެން ހުރި މަދު މައުލޫމާތުތަކުން، އެނގޭ ގޮތުގައި އޭނާ އަކީ، އާންމު ދިވެހިންނަށް ވުރެ ޖާނުން ބިޔަ ގައިބާރު ވެސް ހުރި އަދި ކަންކަމުގައި ގޮތް ދޫނުކުރައްވައި އެކަމެއް ހާސިލް ވަންދެން ގަދަ އަޅައި މަސައްކަތް ކުރައްވާ ވަރުގަދަ ސަހުސިއްޔަތެކެވެ. ބައެއް މީހުން ޖެހިލުންވި ސަހުސިއްޔަތެކެވެ.

ކުޅުދުއްފުށީ، ކަތީބު މޫސާ ލިޔުއްވާ ގޮތުގައި ކުޅުދުއްފުއްޓާއި ދިއްދޫ ޓީމާ ދެމެދު ކުޅުދުއްފުށީގައި ކުޅުނު ފުޓްބޯޅަ މެޗެއްގެ ތެރެއިން ރެފްރީ ނިންމެވި ނިންމެވުމަކާ މެދު ހިތްހަމަ ނުޖެހި ކުޅުދުއްފުށީ މީހުން ރެފްރީ ވަށާލައި ގަޔަށް ބޮލަށް އަރާފާނެހެން ހީވުމުން، އޭނާ ފިލަން އައިސް ވަނީ އެ ރަށު ރަށްވެހިގެއަށެވެ. އެތަން ފެނިފައި ރުޅި އައިސްފައި ތިބި މީހުން ރަށްވެހިގެއަށް ވަންނަން ދިމާކޮށްލި ވަގުތު އެ މަންޒަރު ފެނި ބޮޑު މުހައްމަދު ހެއްދެވި ގޮތަކީ، ރަށްވެހީގެ ވަންނަ ދޮރުގެ ކުރިމައްޗަށް އަރައި، ދޮރުކަނީގެ ދެ އަތް ވިދެލައިގެން ހުރެ ވިދާޅުވި ކަމަށް ވަނީ؛ "ނިކަން އެއްގޮލާ ވެސް ވަދެ ބަލާށެވެ. ކަންފަތުގައި ހިފައި އެކި ގޮލާ ވަކިވަކިން އުކާލާނަމެވެ." ބޮޑު މުހައްމަދު އެހެން ބުނުމުން އެއްކަލަ ރުޅިއައިސް ރަތްވެފައި ތިބި މީހުންގެ ތެރެއިން އެކަކަށް ވެސް ބޮޑު މުހައްމަދާ ކުރިމަތިލާކަށް ނުކުރި އައިކޮޅަށް އެނބުރި ދިޔައީ އެވެ. ބޮޑު މުހައްމަދު ނެތް ނަމަ އެދުވަހު ކުޅުދުއްފުށީ މީހުން ނިކުމެ ރެފްރީ ނޮޅާލީހެވެ.

ފޮޓޯގެ ކަނާފަރާތުގައި އިށީންދެގެން ނައިފަރު އަބްދުލްކަރީމް ކަލޭފާނު ޖެހިގެން ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭފާނު އަދި ކޮޅަށް (ކ-ވ) ވައިކަރަދޫ އަލީ ސުލައިމާން (އަލި ކަތީބު) ޖެހިގެން ދިއްދޫ އިބްރާހިމް ކަލޭފާނު.

އަދިވެސް އެ ރަށު ކަތީބު މޫސާ ލިޔުއްވި ވާހަކަ ކޮޅެއް އެބަ އޮތެވެ. މިފަހަރު މިއީ ބޮޑު މުހައްމަދުގެ ބާރުގަދަ ކަމުގެ މައްޗަށް ދަލީލު ކުރާ ވާހަކަ އެކެވެ. ބޮޑު މުހައްމަދު އެއް ފަހަރެއްގައި މާލެ ވަޑައިގެން އުޅުއްވަނިކޮށް، މާލޭ އަނތިރިމަތިން ބައްތެއްޔަކަށް ހަޑޫ ބަސްތާތަކެއް ނޭރުވިގެން ބަޔަކު އުޅޭތަން ފެނިފައި އެ އެންމެން އެތަނުން ދުރުކޮށް ބޮޑު މުހައްމަދު، އަމިއްލައަށް ބަސްތާއަކަށް ފަހު ބަސްތާއެއް ކޮންމެ ބަސްތާއެއްގެ ކަނުގައި ހިފައިގެން ގެންގޮސް ގާތްގަނޑަކަށް 70 ވަރަކަށް ބަސްތާ ހަނޑޫ އެކަނި މާއެކަނި ބައްތެއްޔަކަށް އަރުވައިދިން ކަމަށްވެ އެވެ.

މި މަދު ވާހަކަތަކުން ވެސް ބުނެދެނީ ބޮޑު މުހައްމަދުގެ ސަހުސިއްޔަތުގެ އާދަޔާ ހިލާފުކަމެވެ. އެއީ އުތުރުގެ މީހުން އަދި ހާއްސަކޮށް ކުޅުދުއްފުށީ މީހުން އިންތިހާއަށް އިހުތިރާމް ކުރެއްވި، އަދި އިތުބާރު ކުރެއްވި ނިކަން ވަރުގަދަ ސަހުސިއްޔަތެކެވެ. މިއީ މާދުރު ނޫން ތާރީހެއްގައި ކުޅުދުއްފުށިން ނިކުތް، ވަރުގަދަ ބުއްދިއެއްގެ މޮޅު ސިޔާސީ އެކްޓިވިސްޓެކެވެ. ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު މަދަނީ ބަސްނޭހުމުގެ ހަރަކާތުގެ ލީޑަރެވެ. އެލަގަބު އެހެން މީހަކަށް އަދި ލިބިފައެއް ނެތެވެ.

ބޮޑު މުހައްމަދަށް އޮތީ ރައްޔިތުންގެ ލޯބި!

ރައްޔިތުންގެ ހައްގުގައި ނިކުމެ ހިންގި މަދަނީ ބަސްނޭހުމުގެ ބޮޑު ހަރަކާތުގެ އެންމެ ބޮޑު ވޭނަކާއި އަނިޔާއެއް އަދި ގެއްލުމެއް ލިބުނީ ކުޅުދުއްފުށީ ބޮޑު މުހައްމަދަށެވެ. އެކަމަކު އެކަމާ އޭނާ އެއްވެސް ޝަކުވާއެއް ނުކުރައްވާ ކަމަށްވެ އެވެ. ބޮޑު މުހައްމަދަށް ކުރިމަތިވި އެ އަނިޔާއާ ވޭނުގެ އިހުސާސް ބޮޑު ތިލަދުންމަތީގެ އެންމެންހެން އިހުސާސްކުރި އެވެ. ހާއްސަކޮށް ކުޅުދުއްފުށީގެ ރައްޔިތުންގެ ހިތުގެ އެންމެ ފުންމިނަށް އެ އަނިޔާގެ ވޭނީ އަސަރުތައް ފޯރި އެވެ.

ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭފާނުގެ ފޮޓޯ ޖަހާފައިވާ ބަތްކާ ތައްޓެއް.

މީގެ އެންމެ ފުރިހަމަ މިސާލަކީ އިބްރާހިމް ނާސިރުގެ ވެރިކަމުގައި 1963 ގައި އަތޮޅު ފިހާރަތައް ހުޅުވާ ވިޔަފާރި ފެށުމާ އެކު ހދ. އަތޮޅު ފިހާރަޔަށް ކުޅުދުއްފުށީ މީހުން ދިން އޯޑަރަކީ ބޮޑު މުހައްމަދުގެ ފޮޓޯ ޖަހައިގެން ބަތްކާތައްޓާއި ސައިބޯ ޖޯޑާއި ވަތުތަށި ބާޒާރަށް ނެރުމެވެ. ކުޅުދުއްފުށީ މީހުންގެ އޯޑަރަށް ބާޒާރަށް ނެރުނު ޖޯޑްގެ އުޅަކުގެ ދެ ފަރާތުގައި ވެސް ބޮޑު މުހައްމަދުގެ ފޮޓޯ ޖެހި އެވެ. ވަތުތަށީގެ އެތެރެ ފަރާތުގައި ވެސް ފޮޓޯ ޖެހި އެވެ.

އުތުރުގެ މީހުން ބަތްމޮޑެއް ބޭނުންވީ، ބޮޑު މުހައްމަދުގެ ފޮޓޯ މަތީގަ އެވެ. އެ މީހުން ބޭނުންވީ، ބަތްކާއިރު އާއި ސައިބޯ އިރުވެސް ބޮޑު މުހައްމަދުގެ މަތިން ހަނދާން ކުރާށެވެ. މިއީ، އުތުރުގެ މީހުން ބޮޑު މުހައްމަދުގެ މައްޗަށް ޖެހިފައި އޮތް ހިތުލޯތްބާއި ކުލުނު ދައްކައިދިން ވަރަށް ވެސް ބޮޑު ވާހަކައެކެވެ. ވަރަށް ފަހަކާ ޖެހެންދެން ވެސް އޭގެ ތަށި އެކި މީހުން ފޮރުވައިގެން ގެންގުޅުނެވެ. އަދިވެސް ކުޅުދުއްފުށީގެ ބައެއް މީހުންގެ އަތުގައި އޭގެ ބައެއް ތަށި ފޮރުވާފައި ހުރި ކަމަށްވެ އެވެ. އަހަރެންގެ ކާފަވެސް އެ ޒާތުގެ ތައްޓެއް ގެންގުޅުނު ތަން ދުށީމެެވެ. އެކަމަކު މިހާރު އެވީތަނެއް ނޭނގެ އެވެ.

މާފާއި އެކު ބޮޑު މުހައްމަދަށް އިއްޒަތް!

ރައްޔިތުންގެ ލޯބި އޮތްލެއް ބޮޑުކަމުން އެންމެ ފަހުން އަމީން ދީދީއަށް ވެސް ޖެހިވަޑައިގަތީ، ބޮޑު މުހައްމަދަށް އިއްވާފައިވާ އަރުވާލުމުގެ އަދަބުން އޭނާ ވީއްލާށެވެ. އަދި ސަރުކާރުން މަޖިލީހަށް ދެއްވާ އިއްޒަތް އަމީން ދީދީ އޭނާއަށް ދެއްވައި ބޮޑު ކަތީބުކަން ވެސް އަލުން ދެއްވީ އެވެ. އެއަށް ފަހު ބޮޑު މުހައްމަދުގެ ނަމުގެ ފަހަތަށް ކަލޭފާނު އިތުރު ކުރެވުނީ އެވެ. ފަހުން އެއީ އެންމެން ދަންނަ، ކުޅުދުއްފުށީ ބޮޑު މުޙައްމަދު ކަލޭފާނެވެ.

ޖުމްލަ 552 ގަނޑެތީގެ ބޮޑު ފްލީޓަކާ އެކު މީގެ 76 އަހަރު ކުރިން އުތީމު ބަތްތެލިކޮޅައިގެން ދެބަނޑޮސް ދޭތެރެއިން މާލެޔާ ދިމާލަށް މުޙައްމަދު ކަލޭފާނު ކުރި ދަތުރު ދިވެހި ތާރީހުން ޖާގަ ހޯދަނީ ބޮޑު ތިލަދުންމަތި އެކީ މާލެ އައުމެއްގެ ގޮތުގަ އެވެ. އުތުރުން އުފެދި އުފުލިގެން އައި މި ގަޑުބަޑުގެ އުދަރެހުން އުފަންކުރުވި ބޮޑު މުޙައްމަދުގެ ހަނދާންތައް އުފަންރަށް ކުޅުދުއްފުށީގައި އަދިވެސް ދެމި އެބަ ހުއްޓެވެ. ބޮޑު މުޙައްމަދު ކަލޭފާނުގެ މަހާނަ އޮތީ، ކުޅުދުއްފުށީ މަސްޖިދުއްރަހުމާންއަށް ވަނުމަށް އުތުރުފަރާތުން އޮންނަ މަގުގެ އިރުމަތީ ފަރާތު ކައިރީގަ އެވެ. އެއީ ގަބުރުސްތާނުގެ އުތުރުން 50 ހަކަށް ފޫޓެވެ. ހދ. އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމަށް ވެސް ނަން ދިނީ، "ބޮޑު މުހައްމަދު ކަލޭފާނު މާލަމު"ގެ ގޮތުގަ އެވެ. ކުޅުދުއްފުށި ދެމި އޮތްހާ ހިނދަކު މި ސަހުސިއްޔަތުގެ މަތިން ހަނދާން އާކުރާނެ އެވެ. އެ މީހުންގެ ހިތުގައި މުހައްމަދު ކަލޭފާނަށް އޮތް ލޯތްބާއި ގަދަރު ފަޑުވުމެއް ނެތެވެ. މި ކަލޭފާނަކީ ގައުމެއްގެ ތާރީހުގައި މަދުން ނޫނީ ނުފެންނާނެ ސަހުސިއްޔަތެކެވެ.

comment ކޮމެންޓް