ރެހެންދި ޚަދީޖާ އަސްލު ވެސް ދެ ފިރިކަލުން ގަތުލުކުރެއްވިތަ؟

ރެހެންދި ޚަދީޖާ އާއި އޭނާގެ ފިރިކަލުން ދައްކުވައިދޭ ހިޔާލީ ކުރެހުމެއް.

ރާއްޖޭގެ އެންމެ މަތީ މަގާމު އަދާކުރުމުގެ ޝަރަފު އަންހެނަކަށް ލިބިފައި އޮތީ ވަރަށް ވެސް މަދު ހާލަތެއްގައި ވަރަށް ވެސް ހަނި ގޮތަކަށެވެ. ތާރީހުގެ ތެރެއަށް ގޮސް، ހާވާ ބަލާއިރު ވެރިކަމެއް ކޮށްލުމުގެ ފުރުސަތު ލިބިފައި އޮތީ ދެތިން އަންހެނަކަށެވެ. އޭގެ ތެރެއިން ވެސް އެންމެ ފާހަގަ ކުރެވޭ އަދި އެންމެން ދަންނަ ނަމަކީ، އައްސުލްތާނާ ޚަދީޖާ ރެހެންދި ނޫނީ ރެހެންދި ޚަދީޖާ އެވެ. އެ ކަމަނާއަށް އެވަރުގެ ސަމާލުކަމެއް ލިބިފައި އޮތީ ތަހުތަށް ޓަކައި ދެ ފިރިކަލުން ގަތުލު ކުރެއްވި ރަނިކަމަނާއެއްގެ ގޮތުގައި ތާރީހު ލިޔެ މަޝްހޫރުކޮށްފައި އޮތީމަ އެވެ.

އެކަމަނާގެ ރަނިކަމުގެ ތަހުތު ހަރާބުވެ، ލެއިން ތަތްތެޅިފައި އޮތީ މި ދެ ގަތުލުގެ ވާހަކައިން އެވެ. އަދި ދިގު 30 އަހަރުގެ ރަނިކަމެއް ކުރެއްވި މި ރަނިކަމަނާގެ ސަހުސިއްޔަތުގެ ވާހަކައަށް ހިޔަނި އެޅެނީ ވެސް މި ދެ ގަތުލަކާ ހެދި އެވެ. އެކަމަކު ތާރީހުގެ ބޮޑެތި އޮޅުންތަކާއި ހުރެ މިއީ އެކަމަނާގެ އިސްތަށިފުޅުގައި އަޅުވަންވާ ވަރުގެ އިލްޒާމަކާއި ތުހުމަތެއް ހެއްޔެވެ؟ ތަހުގީގީ ނަޒަރަކުން ތާރީހުގެ ސޮފްހާތައް އުކާއިރު ރެހެންދި ޚަދީޖާއާ މެދު ކުރެވޭ ގަތުލުގެ ތުހުމަތުތަކާ މެދު އެންމެ ފުރަތަމަޔަށް ވެސް ފަށަން ޖެހެނީ ބޮޑު ބަހުސެކެވެ.

ތާރީހުގެ އޮޅުންބޮޅުމާއި ޝައްކު

ރެހެންދި ޚަދީޖާގެ ދިގު ރަނިކަން ފެށުނީ، ތަހުތުގައި އިންނެވި އެކަމަނާގެ ކޮއްކޯފުޅު އައްސުލްތާން އަހުމަދު ޝިހާބުދީން މީލާދީ ގޮތުން 1341 ވަނަ އަހަރު އަވަހާރަ ވުމާ ވިދިގެން، އަވަހާރަވި ރަދުންގެ ބައްޕާފުޅުގެ ފަރާތުގައި ތިއްބެވީ މުޅިން ވެސް އަންހެން ބޭފުޅުން ކަމަށްވެފައި އެބޭފުޅުންގެ ތެރެއިން އެންމެ ދޮށީ ބޭފުޅަކީ ޚަދީޖާ ކަމަށްވާތީ އެވެ.

ރެހެންދި ޚަދީޖާގެ ދެ ފިރިކަލުން ތަހުތުގެ މައްޗަށް ވެރިވެ ގަތުމުން އެކަމަނާ އެބޭފުޅުން ގަތުލު ކުރައްވައި ދެ ފަހަރެއްގެ މަތިން އަލުން ތަހުތު ހޯއްދެވި ކަމަށް ފުރަތަމަ ލިޔެފައި ވަނީ، ރަސްރަސްކަލުންގެ ވެރިކަން ކުރެއްވި ތާރީހުތައް ރެކޯޑްކުރަމުން އައިސްފައިވާ "ރާދަވަޅީގަ" އެވެ. ދިވެސް އަކުރުން ލިޔެފައިވާ އެ ރާދަވަޅިތަކުން މައުލޫމާތު ނަންގަވައިގެން، ރެހެންދި ހަދީޖާގެ ރަނިކަން ނިމުނުތާ 350 އަހަރު ފަހުން، މީލާދީ ގޮތުން 1704 ގައި ހަސަން ތާޖުއްދީން ލިޔުއްވި، "ތާރީހު އިސްލާމް ދީބާމަހަލް"ގައި ވެސް ރެހެންދި ހަދީޖާގެ ހިންގެވި ގަތުލުގެ ވާހަކަ ނަކަލުކޮށްފައިވެ އެވެ. އަދި އެއަށް ފަހު ޖީލަކަށް ފަހު ޖީލަކަށް ރެހެންދި ހަދީޖާގެ މައްޗަށް ކުރެވޭ ތުހުމަތުތައް އައީ ހަމަ އެގޮތުގައި ނަކަލް ކުރެވެމުން އެވެ.

ރެހެންދި ހަދީޖާއާ މެދު ރާދަވަޅިން އުފަން ކުރުވި ތުހުމަތުތަކާ މެދު ތާރީހީ ދިރާސާތަކުން ބޮޑެތި ޝައްކުތަކެއް ފެންމަތި ކުރެ އެވެ. ރާއްޖޭގެ ރަސްކަންތަކާ ގުޅޭ ގޮތުން ދިރާސާ ކުރެއްވުމަށް ފަހު ތާރީހީ އިލްމްވެރިޔާ ނަސީމާ މުހައްމަދު ލިޔުއްވާ ގޮތުގައި، ރާދަވަޅީގައި ހުރި ރެހެންދި ޚަދީޖާގެ ރަނިކަމުގެ ތާރީހުތައް ސައްހަ ކަމަކަށް ނުބެލެވެ އެވެ. އެގޮތަށް ނަސީމާ ވިދާޅުވަނީ ރެހެންދި ޚަދީޖާގެ ރަނިކަމުގައި ރާއްޖެ ވަޑައިގެން، އަދި އެ ރަނިކަމާ ގުޅޭ ގިނަ މައުލޫމާތުތަކެއް ލިޔުއްވި، ބޮޑު އިލްމްވެރިޔާ ސައްޔާހު އިބްނު ބަތޫތާގެ ސަފަރުނާމާގައި އޭނާ ލިޔުއްވާ ތާރީހުތަކާއި ރާދަވަޅީގެ ތާރީހުތައް ދިމާނުވުމެވެ. އިބްނު ބަތޫތާގެ ސަފަރުނާމާގެ ތާރީހުތައް ސައްހަކަމަށް ނަސީމާ ބުރަވެ ވަޑައިގަންނަވަނީ، ރެހެންދި ޚަދީޖާގެ ރަނިކަމުގެ 16 ވަނަ އަހަރުގައި ލިޔެފައިވާ، ބޮޑުގަލު މިސްކިތު ލޯމާފާނުން ލިބޭ ހެކިތަކާއި އިބުނު ބަތޫތާ ރާއްޖޭގައި ހުންނެވި ދުވަސްވަރު ރާއްޖެ ޒިޔާރަތްކުރި އެހެން ދަތުރުވެރިން ލިޔުއްވާފައިވާ ލިޔުންތަކާއި އަޅައި ކިޔައި ކްރޮސް ޗެކްކުރެއްވުމަށް ފަހު އެވެ.

އިބްނު ބަތޫތާ ލިޔުއްވާ ގޮތުގައި ރެހެންދި ޚަދީޖާގެ ފުރަތަމަ ފިރިކަލުން މުހައްމަދު ޖަމީލް އަވަހަރަވީ، ރެހެންދި ޙަދީޖާގެ ރަނިކަމަށް ހަތަރު ވަނަ އަހަރުގައި މީލާދީ ގޮތުން 1344 ގަ އެވެ. އެހެން ނަމަވެސް ރާދަވަޅީގައި އޮތް ގޮތަށް ހިސާބު ޖަހާނަމަ، ރެހެންދި ޚަދީޖާގެ ފުރަތަމަ ފިރިކަލުން އަވަހާރަވީ އެކަމަނާގެ ރަނިކަމަށް 17 އަހަރު ފަހުން އެވެ. އެކަމަކު، އެއީ މުސްތަހީލު ކަމެކެވެ. އެއީ، ބޮޑުގަލު ލޯމާފާނު ލިޔުނީ، ރެހެންދި ޚަދީޖާގެ ރަނިކަމުގެ 16 ވަނަ އަހަރުގައި ކަމަށްވާއިރު، އެ ލޯމާފާނުގައި ވަނީ އޭރު ރެހެންދި ޚަދީޖާގެ ފިރިކަލުންނަކީ އަލީ ހަދޭގިރި ކިލެގެ ކިޔުނު ބޭފުޅެއް ކަމަށެވެ.

އިބުނު ބަތޫތާ ވެސް ލިޔުއްވާ ގޮތުގައި ރެހެންދި ޚަދީޖާ ދެވަނަ ކައިވެންޏެއް ކުރެއްވީ އެކަމަނާ ތަހުތަށް އިސްވިތާ، ހަތަރު އަހަރުފަހުން، 1345ގަ އެވެ. އެހެން ވީމާ ފުރަތަމަ ފިރިކަލުން އަވަހާރަވުމާއި އެއަށް ފަހު، ރެހެންދި ޚަދީޖާ ދެވަނަ ކައިވެނި ކުރެއްވި ކަމަށް ރާދަވަޅީގައި ހިމަނާފައި ހުރި ތާރީހުތައް ޔަގީނުން ވެސް ދޮގެވެ.

"މި ހުރިހާ ހެކިތަކަށް ބަލާއިރު، ތާރީހު ދީބާ މަހަލް އާއި ރާދަވަޅީގައި ވެސް މިކަމާ ބެހޭ ގޮތުން ލިބެންހުރި މައުލޫމާތުތަކުގައި ކުށްތަކެއް ހިމެނެ އެވެ،" ދިވެހިރާއްޖޭގެ ރަހުންނާއި ރަނިން މި ފޮތުގައި ނަސީމާ ލިޔުއްވި އެވެ.

ކުށް މައުލޫމާތުތަކެއް ހުރި ރާދަވަޅީގެ މައްޗަށް ބަރޯސާވެ، ރެހެންދި ޚަދީޖާ ދެ ފިރިކަލުން ގަތުލުކުރެއްވި ކަމުގެ ބޮޑު އިލްޒާމް އެޅުވުމަކީ އެއީ ކުރަން ހޮޔާވަރުގެ ކަމެއް ނޫނެވެ. އެއީ ޖެހިލުންވާން ޖެހޭވަރުގެ ކަމެކެވެ.

އިބްނު ބަތޫތާ ރެހެންދި ޚަދީޖާއަށް ތުހުމަތެއް ނުކުރޭ

ރެހެންދި ޚަދީޖާގެ ރަނިކަމުގެ ދުވަސްތައް ލޮލުން ދެކިވަޑައިގެން އެންމެ ރަނގަޅަށް ސިފަކުރައްވައި ލިޔުއްވާފައި އޮތީވެސް އިބްނު ބަތޫތާ އެވެ. ރާއްޖޭގެ އިސް ފަނޑިޔާރުކަން ވެސް ކުރެއްވި، އިބްނު ބަތޫތާގެ ލިޔުންވުންތަކުގައިވާ ގޮތުން، ރެހެންދި ޚަދީޖާ ރަނިކަން ކުރައްވަނިކޮށް އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ރާއްޖެ ޒިޔާރަތް ކުރައްވާފަ އެވެ.

ރެހެންދި ޚަދީޖާގެ ރަނިކަމަށް ތިން ވަނަ އަހަރުގެ ކުރީކޮޅު، 1343 ގައި އިބްނު ބަތޫތާ ފުރަތަމަ ރާއްޖެ ކުރެއްވި އެ ޒިޔާރަތާ ގުޅޭ ގޮތުން އޭނާ ލިޔުއްވާފައިވާ ގޮތުގައި؛ "ރެހެންދި ޚަދީޖާ ރަސްކަމަށް އިސްވެ ވަޑައިގަތުމާ އެކު ފިރިކަލުން ޖަމާލުއްދީން [މުހައްމަދުލް ޖަމީލް] އިސް ވަޒީރަކަށް ވެވަޑައިގެން ކަންތައްތަކާ ހަވާލުވެ ވަޑައިގަތެވެ. ވަޒީރު މުހައްމަދު ޖަމީލް ކުރިން ހުންނެވި ޚަތީބުގެ މަގާމަށް އޭނާ ދަރިކަލުން މުހައްމަދު އިސްކުރައްވައިފި އެވެ. ވަޒީރު ހުރިހާ އަމުރުފުޅެއް ހިންގަވަނީ ސުލްތާނާ ރެހެންދި ޚަދީޖާގެ ނަންފުޅުގަ އެވެ. ހުކުރު ހުތުބާގައްޔާއި އަދި އެފަދަ އެހެން ކަންކަމުގައި، ހުތުބާގައި ރަނިކަމަނާގެ ނަންފުޅު ގަނެ" އެވެ.

މި ފަހަރު އިބްނު ބަތޫތާ ރާއްޖޭގައި އެއް އަހަރާ އަށް މަސް ދުވަހު ހުންނެވި އިރުވެސް ރެހެންދި ޚަދީޖާގެ ފިރިކަލުން މުހައްމަދު ޖަމީލްއާ އެކަމަނާއާ ދެމެދު އެއްވެސް މައްސަލައެއް އޮތް ކަމަކަށް ލިޔުއްވާފައެއް ނެތެވެ. އަދި މުހައްމަދު ޖަމީލް އެއްވެސް އިރެއްގައި ރަސްކަލެއްގެ ގޮތުގައި ހުންނެވި ކަމަކަށް ވެސް އޭނާ ނުލިއުއްވަ އެވެ. މުޅިން ވެސް ލިޔުއްވާފައި ހުރީ، މުހައްމަދު ޖަމީލްގެ އަމަލުތައް ހުރީ، "ރަސްކަލެއްގެ އަމަލުތައް ފަދައިން" އެވެ. ރާދަވަޅީގައި ބުނާ ފަދަ ބޮޑު މައްސަލަގަނޑެއް ރެހެންދި ޙަދީޖާ އާއި ފިރިކަލުންގެ މެދުގައި ޖެހުނު ނަމަ އިބްނު ބަތޫތާ އެވާހަކަ ނުލިޔުއްވާ ދޫކޮށްލަން ޖެހޭނެ ސަބަބެއް ނެތެވެ.

އިބްނު ބަތޫތާގެ ލިޔުންތަކުގެ ތެރެއަށް އިތުރަށް ދާއިރު، މީލާދީ ގޮތުން 1344 ވަނަ އަހަރުގެ އޮގަސްޓް މަހު 26 ވަނަ ދުވަހު އޭނާ ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު ނިންމާލެއްވި އެވެ. އަދި އޭނާ ލިޔުއްވާ ގޮތުގައި އޭރު ރެހެންދި ޚަދީޖާ އިންނެވީ ފިރިކަލުން މުހައްމަދު ޖަމީލް، "ރީތި މުހައްމަދު" ގެ ދަރިކަނލަކަށް އާލާސްވެ އެވެ. އެ އަހަރަކީ ރެހެންދި ޚަދީޖާގެ ރަނިކަމުގެ ހަތަރު ވަނަ އަހަރު ކަމުގައި ބުނެވެ އެވެ.

އަނެއްކާ ވެސް، އިބްނު ބަތޫތާ ދެވަނަ ފަހަރަށް ރާއްޖެ ވަޑައިގެންނެވީ، ތިން އަހަރެއްހާ ދުވަސް ފަހުން، 1346ގަ އެވެ. އެ ފަހަރުގެ ދަތުރުގެ ވާހަކަތައް ލިޔުއްވަމުން، އިބްނި ބަތޫތާ ވިދާޅުވަނީ، އޭނާ ރާއްޖެ ދޫކުރައްވާ ވަޑައިގެން އަހަރު (1344މ.) ގެ ޑިސެމްބަރު މަހު ވަޒީރު މުހައްމަދު ޖަމީލް، "އަވަހާރަ"ވީ ކަމަށެވެ. ގަތުލު ކުރި ކަމަކަށް އިބުނު ބަތޫތާ ނުލިޔުއްވަ އެވެ. އެކަމަކު އެ ދުވަސްވަރު ރާއްޖޭގައި ހިނގި އެތައް ކަމެއްގެ ވާހަކަ ތަފްސީލްކޮށް އިބްނު ބަތޫތާ ލިޔުއްވި އިރު ރެހެންދި ޚަދީޖާ އޭނާގެ ފިރިކަލުން ގަތުލު ކުރެއްވި ނަމަ، އެ ވަރުގެ ބޮޑު ވާހަކައެއް އިބްނު ބަތޫތާ ނުލިޔުއްވާ ދޫކޮށްލައްވާނެ ހެނެއް ހިއެއް ނުވެ އެވެ. އަދި އޭނާ އެކަން ފޮރުއްވަން ޖެހޭ ސަބަބެއް ވެސް ނެތެވެ. މިއީ ރެހެންދި ޚަދީޖާގެ ފުރަތަމަ ފިރިކަލުން ގަތުލު ކުރެއްވި ކަމަށް ބުނާ ވާހަކަޔާ މެދު ސުވާލު އުފެދޭ ހިސާބެވެ.

ރެހެންދި ޚަދީޖާ، ޖަމީލްގެ ދަރިކަލަކައިގެން ރައްކައުވީ އޭނާ އަވަހާރަވީ ފަހުން ކަމަށް ވެސް އިބްނި ބަތޫތާ ލިޔުއްވަ އެވެ. އިތުރަށް އޭނާ ލިޔުއްވާ ގޮތުގައި ދެވަނަ ބުރު ރާއްޖެ ވަޑައިގެން އިރު ރެހެންދި ޚަދީޖާ ކައިވެނި ބައްލަވައިގެން އިންނެވީ، އަވަހާރަވެފައިވާ ރަދުން އަދި ރެޚެންދި ހަދީޖާގެ އެއްބަފާ ކޮއްކޯފުޅު ޝިހާބުއްދީންގެ ދޮއްބައްޕަ އަލްވަޒީރު އަބްދުﷲއާ އެވެ. – އަލްވަޒީރު އަބްދުﷲ އަކީ ޝިހާބުއްދީން ރަދުންގެ އުމުރުފުޅު ހަގު ކަމުން ތަސައްރަފު ފުދެންދެން ރަސްކަމުގެ މަސްއޫލިއްޔަތުތައް އުފުއްލެވި އޭނާގެ ދޮންބައްޕަ އެވެ. ފަހުން ޝިހާބުއްދީން ފުރާފުރިހަމަވެ ރަސްކަން ހިންގަވަން ފެއްޓެވުމަށް ފަހު އޭނާ އަރުވާލެއްވީ އެވެ.

އިބްނު ބަތޫތާގެ ލިޔުއްވުންތަކުގައި ވެސް، ރެހެންދި ޚަދީޖާ އާއި ފިރިކަލުން އަބްދުﷲ އާ ދެމެދު މައްސަލަތަކެއް ޖެހުނު ކަމުގެ އެއްވެސް އިޝާރާތެއް ކޮށްފައެއް ނުވެ އެވެ. އެހެން ނަމަވެސް، ރެހެންދި ޚަދީޖާގެ ކުރީގެ ފިރިކަލުން މުހައްމަދު ޖަމީލް ފަދައިން އަބްދުﷲ ވެސް ބޮޑު ވަޒީރަކަށް ވެވަޑައިގެން ރެހެންދި ޚަދީޖާގެ ނަމުގައި ރަސްކަމުގެ ކަންކަން ކުރެއްވި ކަމަށް އޭނާ ލިޔުއްވަ އެވެ.

އިބުނު ބަތޫތާގެ ދެވަނަ ދަތުރަކީ ވަރަށް ވެސް ކުރު ދަތުރެއް ކަމުން އެ ދަތުރަށް ފަހުން އޭނާ ރާއްޖެއާ ބެހޭ ގޮތުން ލިޔުއްވާފައިވާ ލިޔުންވުންތައް އެކީ ނިމުމަކަށް އައީ އެވެ. އެހެންވީމާ، ޚަދީޖާ ރެހެންދީގެ ދެވަނަ ފިރިކަލުން އަބްދުﷲ އާ ދެމެދު ކަން ހިނގިގޮތް މި ދަނީ އޮޅުންބޮޅުން ގަނޑެއްގެ ތެރެއަށެވެ.

ދެވަނައަށް ގަތުލު ކުރެއްވީ ފިރިކަލުން ކަން ސާފެއް ނޫން

އިބްނު ބަތޫތާގެ ލިޔުއްވުންތަކުގައި ރާއްޖޭގެ ވާހަކަ އިތުރަށް ފެންނާން ނެތުމުން ރެހެންދި ޚަދީޖާގެ ވެރިކަމުގެ ފަހު ދުވަސްވަރު ކަން ހިނގި ގޮތް ބަލަން ޖެހެނީ ރާދަވަޅީގައި އެވާހަކަ ލިޔެފައި އޮތީ ކިހިނެތްތޯ ބަލައިގެން އެވެ. އެހެން ނަމަވެސް ރާދަވަޅީގައި ލިޔެފައިވާ ގޮތުން، ރެހެންދި ޚަދީޖާ ދެވަނައަށް ކައިވެނި ބައްލަވައިގެން ވަޒީރު އަބްދުﷲ ގަތުލު ކުރެއްވި ކަމާ މެދު ވަރަށް ބޮޑަށް ސުވާލު އުފެދެ އެވެ.

ފެންނާން އޮތް ދެ ރާދަވަޅީގައި ލިޔެފައިވާ ގޮތުގައި ރެހެންދި ޚަދީޖާގެ އަތުން ދެވަނަ ފަހަރަށް ތަހުތު ފޭރި ގަތުމާ ވިދިގެން އެކަމަނާ ގަތުލުކުރެއްވީ؛ "މި ރަދުނަށަ އަބްދުﷲ ކަ [އަބްދުﷲ] މަހާރަދުނަށަ ފުރަސޫތާވި ހެނެވި ރަސްގޮށް ސީރީ ދަންމަރާދީއްތަ މަހާރަދުން" އެވެ. މާނައަކީ؛ ގަތުލު ކުރެއްވީ ފިރިކަލުން އަބްދުﷲގެ ދޮންދަރިކަލެކެވެ. އެއާ އެކު ރެހެންދި ޚަދީޖާގެ އޮޅުން ބޮޅުންވެފައިވާ ރަނިކަމުގެ ވާހަކައިގެ ތެރެއަށް އިތުރު ޝަހުސިއްޔަތެއް އުފަންވީ އެވެ.

އެއާ އެކު ސާފުވާ މަންޒަރަކީ ރެހެންދި ޚަދީޖާ ދެވަނަ ފަހަރަށް ގަތުލު ކުރެއްވީ ފިރިކަލުން އަބްދުﷲ އެއް ނޫނެވެ. އޭގެ ބަދަލުގައި، ރެހެންދި ޚަދީޖާ ގަތުލު ކުރެއްވި ނަމަ، ގަތުލު ކުރެއްވީ، ފިރިކަލުން އަބްދުﷲ އެހެން ބޭކަނބަލަކާ ކައިވެނި ކުރައްވައިގެން ލިބިވަޑައިގެންފައި ހުންނެވި ރެހެންދި ޚަދީޖާގެ ދޮންދަރިއެކެވެ. އަދި ރާދަވަޅީގައި ހުރި މައުލޫމާތުތައް އިތުރަށް ތަރުޖަމާ ކުރުމުން އެނގޭ ގޮތުގައި އެ ދޮންދަރިކަލުންނަކީ، ހެނެވި ރަސްކިލެގެ ނުވަތަ އޭރުގެ ސިފައިންގެ ވެރިޔަކަށް ހުންނެވި ބޭފުޅެކެވެ. އެހެންކަމުން މިފަދަ ބޭފުޅަކަށް ތަހުތު ފޭރިގަންނަން ވަރަށް ފަސޭހަވާނެ އެވެ.

އެހެން ނަމަވެސް މި ހާދިސާއެއް ހިނގީ ރެހެންދި ޚަދީޖާގެ ފިރިކަލުން އަބްދުﷲ ދުނިޔޭގައި ހުންވަނިކޮށް ކަމެއް ނުވަތަ އަވަހާރަވީ ފަހުން ކަމެއް ސާފެއް ނުވެ އެވެ. ދެން އެންމެ ވުން ގާތްގޮތަކީ، ބައްޕާފުޅު އަބްދުﷲ އަވަހާރަވީ ދަނޑިވަޅުގައި ދޮން މަންމާފުޅު، ރެހެންދި ޚަދީޖާގެ އަތުން ދޮންދަރިކަލުން ތަހުތު އަތުލައްވައި ބާރު ނެންގެވީ އެވެ. އެއަށް ފަހު، ސިރީ ދަންމަރު އާދީއްތަ ނުވަތަ ދަންމަރާދީއްތަ މަހާރަދުންގެ ގޮތުގައި ތިން އަހަރުގެ ރަސްކަމެއް އޭނާ ކުރެއްވީ އެވެ.

ރާއްޖެއަށް ދަތުރުކުރެއްވި އެޗްސީޕީ ބެލްގެ މޮނޮގްރާފްގައި އޭނާވެސް ލިޔުއްވާ ގޮތުގައި ދަންމަރާދީއްތަ މަހާރަދުން ތިން އަހަރު ވެރިކަން ކުރެއްވި އެވެ. އޭނާ ވެސް ލަފާކުރައްވާ ގޮތުގައި ރެހެންދި ޚަދީޖާގެ އަތުން ތަހުތު ޖަހައިގަނެގެން ރަސްކަން ކުރެއްވީ ރެހެންދި ޚަދީޖާގެ ދޮންދަރިއެކެވެ. އަދި އެ ރަސްކަމަށް ތިން އަހަރުވީ ތަނާހެން ރެހެންދި ޚަދީޖާ އެބޭފުޅާގެ އަތުން ތަހުތު އަތުލެއްވި ކަމަށް ލަފާކުރަނީ، ބޮޑުގަލު މިސްކިތު ލޯމާފާނު ލިޔުނު އިރު އެކަން ހަމަޖެހި އަނެއްކާ ވެސް ތަހުތުގައި އިންނެވީ، ރެހެންދި ޚަދީޖާ ކަމަށް ސާބިތު ކުރެވޭތީ އެވެ.

އެކަމަކު އެ ލޯމާފާނުގައި ވެސް އެކަމަނާގެ ދެވަނަ ފިރިކަލުން އަބްދުﷲ އަށް ވީގޮތެއް އެނގޭކަށް ނެތެވެ. ހަމައެކަނި އެނގެނީ 1356 ވަނަ އަހަރު އެ ލޯމާފާނު ލިޔުނު އިރު ރެހެންދި ޚަދީޖާ ކައިވެނި ބައްލަވައިގަނެގެން އުޅުއްވީ، އަލީ ހަނދޭގިރި ކިޔާ ބޭފުޅަކާ ކަމެވެ. އެހެން ވީމާ، އަބްދުﷲ އޭގެ ކުރިން އަވަހާރަވީއެއް ކަމެއް ނޫނީ އެ ކައިވެނި ރޫޅުނިއްޔެއް ކަމެއް އެނގޭކަށް ނެތެވެ.

އެކަމަކު، ޔަގީނާ ގާތަށް ބުނަން އެނގޭ ކަމަކީ ރެހެންދި ޚަދީޖާ ދެވަނަ ފަހަރަށް މީހަކު ގަތުލު ކުރެއްވި ނަމަ އެ ގަތުލު ކުރެއްވި އެކަމަނާގެ ފިރިކަލުން ނޫންކަމެވެ.

ރެހެންދި ޚަދީޖާގެ ރަނިކަމުގެ ދުވަސްވަރުގެ ތާރީހަކީ އެތައް ގޮތަކުން އޮޅުން ބޮޅުން ވެފައިވާ ތާރީހެކެވެ.

ތާރީހާއި އަދަބަށް ބޮޑު ހިދުމަތެއް ކޮށްދެއްވި ރައީސް މުހައްމަދު އަމީން ތާރީހު ދިރާސާކޮށް ލިޔުއްވި، "ތަންގީހު ކުރެވުނު ދިވެހިރާއްޖޭގެ ތާރީހުގެ ތަންތަންކޮޅު" މި ފޮތުގައި އޭނާ ވިދާޅުވަނީ، ދެފަހަރެއްގެ މަތިން ރާއްޖެއަށް ޒިޔާރަތް ކުރެއްވި އިބްނު ބަތޫތާގެ ލިއުވުންތަކުގައި ރެހެންދި ޙަދީޖާގެ މައްޗަށް އެއްވެސް ތުހުމަތެއް ކުރައްވާފައި ނެތް ކަމަށެވެ. އަދި އެ ހުރިހާ ލިޔުންތަކެއްގައި ވެސް ރެހެންދި ޚަދީޖާގެ ފުރަތަމަ ފިރިކަލުން، "ގުދުރަތީ ގޮތުގެ މަތީން ފުރައުއްތަ [އަވަހާރަވީ] ވީކަމުގައި" ބަތޫތާ ލިޔުއްވާފައި އޮންނާތީ އެ ބަސްތަކަށް އިތުބާރު ކުރަން ޖެހޭ ކަމަށް އަމީން ދީދީ ދެކެވަޑައިގަންނަވަ އެވެ.

"މިފަދަ އިދިކޮޅު ތާރީހީ ހެކިތަކެއް ކުރިމަތީގައި ވަނިކޮށް ރެހެންދި ޚަދީޖާ އޭނާގެ ފިރިކަލުން ގަތުލު ކުރެއްވީ ކަމުގައި ނިޔާ ކަނޑައެޅުމަކީ އޭނާއަށް ކުރެވޭ އިންސާފެއް ކަމަށް އަޅުގަނޑުމެންނަކަށް ނުވިސްނެ އެވެ. ރެހެންދި ޚަދީޖާގެ މައްޗަށް ހަމްދަރުދީގެ ނަޒަރަކުން ނަޒަރު ހިންގުމަކީ އިންސާނިއްޔަތު ކަމުގެ ވާޖިބެއް ކަމުގައި މެނުވީ އަޅުގަނޑުމެން ނުދެކެމެވެ،" އަމީން ދީދީ ލިޔުއްވާފައިވެ އެވެ. އަދި ވެސް ލިޔުއްވާ ގޮތުގައި؛ "ރެހެންދި ޚަދީޖާ އަކީ ވަރަށް ވަރުގަދަ ޝަހުސިއްޔަތެއްގެ ވެރިއެކެވެ. ރާއްޖޭގެ މާޒީގެ ބަތޮޅުންގެ ތެރެއިން، އެންމެ ހަރުދަނާ އެންމެ ކެރޭ އެއް ބަތަލާ" އެވެ.

އިބްނު ބަތޫތާގެ ލިޔުއްވުމުންތަކުންނާއި ބޮޑުގަލު މިސްކިތުގައިވާ ލޯމާފާނުން ފެންނާން ހުރި ހެކިތަކުން ކުރަހާ މަންޒަރަކީ ރެހެންދި ޚަދީޖާ ދެ ފިރިކަލުން ގަތުލު ކުރެއްވީ ކަމަށް އޮތް އެންމެ ބޮޑު ދަލީލު، ރާދަވަޅީގައި ބޮޑެތި ކުށްތަކެއް ހުރިކަމާއި ތާރީހުތަކުގައި އޮޅުންބޮޅުންވެފައިވާ ކަމެވެ. އަދި ދެވަނައަށް ގަތުލު ކުރެއްވި ބޭފުޅަކީ ކާކު ކަމެއް، ފިރިކަލުން ކަމެއް ނުވަތަ ދޮންދަރިކަލެއް ކަމެއް ސާފެއް ނުވެ އެވެ. މި ހުރިހާ ކަމަކުން ދަލީލު ކުރަނީ، ރެހެންދި ޚަދީޖާގެ އިސްތަށިފުޅުގައި ގަތުލުގެ އިލްޒާމް އެޅުވޭ ވަރަށް ވުރެ ތާރީހުން ފެންނާން ހުރި ހެކިތައް ބަލިކަށިކަމެވެ. އަދި ސާބިތު ހިފޭ ގިނަ ހެކިތައް ބުރަވަނީ އެކަމަނާ އެފަދަ ގަތުލުއާންމެއް ނުހިންގަވާ ކަމަށެވެ. އެފަދަ ގަތުލުއާންމެއް ހިންގެވި ނަމަވެސް އެކަން، ކުރެއްވީ އެކަމަނާއަށް ހައްގު މިންވަރު ހޯއްދަވަން ކަމަށް ބުނެވިދާނެ އެވެ.

--މައުލޫމާތު--

* ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން - ނަސީމާ މުހައްމަދު

* ތަންގީހު ކުރެވުނު ދިވެހިރާއްޖޭގެ ތާރީހުގެ ތަންތަންކޮޅު - މުހައްމަދު އަމީން

comment ކޮމެންޓް