އެނބުރި އައުމަކުން އައިސް ބާސެލޯނާ ރޮއްވާލުމަށްފަހު ލިވަޕޫލް ފައިނަލަށް

ބާސެލޯނާ ކޮޅަށް ގޯލު ޖެހުމަށްފަހު ލިވަޕޫލްގެ މިޑްފީލްޑަރު ޖޯޖީނިއޯ ވައިނަލްޑަމް އުފާ ފާޅު ކުރަނީ ---ފޮޓޯ/ގާއީ އެޓިންކްސަން

ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ވަރުގަދަ އެނބުރި އައުމަކުން އައިސް ބާސެލޯނާ ލަދުވެތި ގޮތަކަށް ބަލިކުރުމަށްފަހު ލިވަޕޫލް ފައިނަލަށް ދަތުރު ކޮށްފި އެވެ.

މިރޭ ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު އެ މެޗުން ބާސެލޯނާގެ މައްޗަށް އެ ޓީމުން ކުރި ހޯދީ 0-4 ގެ ބޮޑު ނަތީޖާއަކުންނެވެ. މި މޮޅާ އެކު ލިވަޕޫލްއިން ފައިނަލަށް ދަތުރު ކުރީ 3-4 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ފުރަތަމަ ލެގުގައި ބާސެލޯނާއިން ވަނީ ތިން ގޯލު ޖަހާފަ އެވެ. އަމިއްލަ ދަނޑުގައި ކުޅެ ބޮޑު ތަފާތަކުން ބާސެލޯނާ ކުރި ހޯދި ނަމަވެސް ލިވަޕޫލްއިން މިރޭގެ މެޗުގައި ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި އެންމެން ހައިރާން ކޮށްލުމަށްފަހު ބާސެލޯނާ ފަސް ލައި ވަޅުލާފަ އެވެ.

ޔޫރަޕުގެ ތާރީހުގައިވެސް ބޮޑެތި ކަމްބެކްތަކުގެ ތެރެއިން ކަމްބެކެއް ލިވަޕޫލްއިން މިރޭ ހެދި އިރު ބާސެލޯނާގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް އާދައިގެ ކުޅުމެކެވެ. މެޗު ފެށުނީއްސުރެން މޮޅަށް ކުޅެ ޑޮމިނޭޓް ކުރީ ލިވަޕޫލުންނެވެ. ޕްރެޝަރެއް ނެތި ލިވަޕޫލުން ދެއްކި ހިއްވަރުގެ ނަތީޖާެއެއްގެ ގޮތުން އެ ޓީމު މެޗު ކާމިޔާބު ކުރި އިރު މިއީ ބާސެލޯނާ ފަދަ ޓީމެއް ލަދުވެތި ވާންޖެހޭ ފަދަ ނަތީޖާއެކެވެ.

ލިވަޕޫލުން މިރޭގެ މެޗަށް ނުކުތީ އެ ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ޓީމުގައި ނުހިމަނައެވެ. ލިވަޕޫލްގެ ދެ ފޯވާޑުން ކަމަށްވާ މުހައްމަދު ސަލާހުއާއި ރޮބާޓޯ ފިރްމީނިއޯގެ އިތުން ނަބީ ކެއިޓާ ވެސް މިވަގުތު އަނިޔާގައި ހުރި އިރު މިރޭގެ މެޗުގައި އެ ކުޅުންތެރިންގެ ބަދަލުގައި ކުޅުނު ކުޅުންތެރިން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުރީ ކޮޅު ބާސެލޯނާގެ ޑިފެންޑަރު ޖޯޑީ ހެދި ގޯހެއްގެ ފައިދާ ނަގައި ލިވަޕޫލުން ވަނީ ގޯލެއް ޖަހާފަ އެވެ. ޒުވާން ކުޅުންތެރިޔާ ޑިވޮކް އޮރިޖީގެ އެ ގޯލާ އެކު ވެސް ބާސެލޯނާއިން ބެލީ ފަހަތުގައި ބޯޅަ ގިނަވަގުތު ބާއްވައިގެން ކުޅޭށެވެ. ލިބުނު މަދު ކައުންޓާ އެޓޭކުތަކެއްގައި ބާސެލޯނާއަށް ގޯލު ޖަހާނެ ފުރުސަތު ތަކެއް ލިބުނު ނަަމަވެސް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ އެ ބޯޅަތައް ދިފާއު ކޮށްފައެވެ.

ފުރަތަމަ ހާފު އެގޮތުގައި އޮވެ ނިމިގެންދިޔަ އިރު ލިވަޕޫލުން ދެވަނަ ހާފު ފެށީ ބަދަލަކާ އެކު އެވެ. ފަހަތަށް ކުޅެމުންދިޔަ ރޮބާޓްސަންގެ ބަދަލުގައި ޖޯޖީނިއޯ ވައިނަލްޑަމް ކުޅެން ނުކުތް އިރު އޭނާ ވަނީ އިސާހިތަކު ތަފާތު ދައްކާފައެވެ. އެރި ގޮތަށް އަރައި މަތި މައްޗަށް ދެ ގޯލު ޖެހުމަށްފަހު ވައިނަލްޑަމް ވަނީ އޭނަގެ މުހިއްމުކަން ސާބިތު ކޮށްދީފަ އެވެ.

ވައިނަލްޑަމްގެ ދެ ގޯލާ އެކު ބާސެލޯނާ ޕްރެޝަރަށް ވެއްޓި ގޯލެއް ޖަހަން މަސައްކަތް ކުރިއެވެ. ނަމަވެސް ލިވަޕޫލްގެ ފަހަތާއި މެދުތެރޭގެ ކުޅަދާނަ ކަމުން ބާސެލޯނާއަށް ކުރިއަށް ބޯޅައެއް ގެންދެވޭ ގޮތެއް ނުވިއެވެ. އެގޮތުގައި މާ ގިނައިރުތަކެއް ނުވަނީސް ލިވަޕޫލްއިން ވަނީ އިތުރު ގޯލެއް ޖަހައި ބާސެލޯނާ ލަދުގަންނުވާލާފަ އެވެ. ލިބުނު ކޯނަރެއް ކުޅުންތެރިން ތައްޔާރުނުވެ ތިއްބާ ތިރި ތިރިން އެލެކްސަންޑްރާ އާނޯލްޑް ޖައްސާލި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވަލީ މެޗުގެ ފުރަތަމަ ގޯލު ވެސް ޖެހި އޮރިޖީ އެވެ.

މިރޭގެ މެޗުގައި ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީގެ ފަރާތުން ފެނުނީ ހީވެސް ނުކުރާ ފަދަ އާދައިގެ ކުޅުމެކެވެ. އަދި ބާސެލޯނާގެ ފަހަތް ބަލަހައްޓަމުން ދިޔަ ކުޅުންތެރިން ވެސް ވަނީ ވަރަށް ބޮޑެތި ގޯސްތަކެއް ހަދާފަ އެވެ.

މިރޭގެ މެޗުން ބޮޑު ތަފާތަކުން މޮޅުވެ ލިވަޕޫލުން ފައިނަލުގެ ޖާގަ ކަށަވަރު ކުރި އިރު ފައިނަލުގެ ދެވަނަ ޖާގައެއް ކަށަވަރުވާނީ މާދަން ރޭ ޓޮޓެންހަމްއާއި އަޔަކްސް ކުޅޭ މެޗަށް ފަހު އެވެ.

comment ކޮމެންޓް