އެއާޕޯޓު މަސައްކަތް ޖޫން މަހު ފެށޭތޯ މަޝްވަރާކޮށްފި

ސައުދީ ފަންޑު ފޯ ޑިވެލިޕްމެންޓްގެ ވައިސް ޗެއާމަން އަދި މެނޭޖިންގް ޑިރެކްޓަރު ޑރ ޚާލިދު ބިން ސުލައިމާނާއެކު ފިނޭންންސް މިނިސްޓަރު އަމީރު އަދި ވެރިން --- ފޮޓޯ/ ފިނޭންސް މިނިސްޓްރީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ތަރައްގީ ކުރުމުގެ މަޝްރޫއު ޖޫން މަހު ފެށޭނެ ގޮތަކާ ގުޅޭ ގޮތުން ސައުދީ ފަންޑުފޯ ޑިވެލޮޕްމެންޓްސްގެ އިސްބޭފުޅުންނާ އެކު މަޝްވަރާކޮށްފި އެވެ.

ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތްތައް ހުއްޓުނު ސަބަބެއް ސާފެއް ނުވެ އެވެ. ޓާމިނަލްގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ސައުދީގެ ބިންލާދިން ގުރޫޕުންނެވެ. ނިމިދިޔަ އަހަރުގެ ވަކި ހިސާބަކުން ފެށިގެން އެއާޕޯޓު އާ ޓާމިނަލްގެ މަސައްކަތްތަކެއް ނުކުރެ އެވެ.

ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ސައުދީ ފަންޑު ފޯ ޑިވެލިޕްމެންޓްގެ ވައިސް ޗެއާމަން އަދި މެނޭޖިންގް ޑިރެކްޓަރު ޑރ ޚާލިދު ބިން ސުލައިމާނާއެކު އެއާޕޯޓު ތަރައްގީގެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

"މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރު އެދިލެއްވީ ވީހާވެސް އަވަހަށް ޖޫން މަހުގެ ތެރޭގައި އެއާޕޯޓުގެ މަސައްކަތްތަށް ފެށޭނެ ގޮތެއް ހަދައިދިނުމަށް،" ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ހަތް މިލިއަން ޕަސިންޖަރުންނަށް ޚިދުމަތް ދިނުމަށްޓަކައި ތަރައްގީ ކުރާ މި އާ ޓާމިނަލް އަކީ 78،000 މީޓަރުގެ ބޮޑު ސަރަހައްދެއްގައި ތަރައްގީ ކުރާ ޓާމިނަލެކެވެ. އެ ޓާމިނަލްގައި 40 ޕެސެންޖަރ ކައުޓަރާއި 38 އިމިގްރޭޝަން ކައުންޓަރު ހުންނާނެ އެވެ.

އަދި ޒަމާނީ ފެންވަރަށް ހަދައި ހިޔާ ކޮށްފައިވާ 12 ޖެޓީއާއި ހަ އެއިރޯ ބްރިޖްގެ އިތުރުން ފިއުލް ހައިޑްޓްރެންޓް ސިސްޓަމަކާއި ހައި އެކްސްޕްލޯސިވް ޑިޓެކްޝަން ސިސްޓަމެއް ގާއިމް ކުރާނެ އެވެ.

comment ކޮމެންޓް