ޝިމާ ގެއްލުމުގައި ތުހުމަތުވާ ފަޒީލް މީހަކު ރަހީނުކުރި މައްސަލައެއްގައި ހައްޔަރުކޮށްފި

ގެއްލުނު ޝިމާ ގޮވައިގެން ދިޔަ ޑިންޑީ ދުއްވަން އިން ފަޒީލް --

ލ. ކައްދޫއިން އެ އަތޮޅު މާމެންދޫއަށް ދަތުރު ކުރި ޑިންގީއެއް ބަންޑުން ޖަހާލައި ގެއްލުނު ކަމަށް ބުނާ، 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒުގެ މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތުވާ އިބްރާހިމް ފަޒީލް، މީހަކު ރަހީނުކުކުރި މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

މި މަހުގެ ދެވަނަ ދުވަހު ލ. ގަމުގައި ދުވަސްވީ މީހަކު ރަހީނުކޮށް އޭނާ އަތުން ފައިސާ ހޯދަން އުޅުނު މައްސަލައެއްގައި ފަޒީލް ހައްޔަރުކޮށްފައިވާކަން ފުލުހުން ވެސް ކަށަވަރުކޮށްދެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ފުލުހުން ފަޒީލް ހައްޔަރު ކުރީ އޭނާ ފިލައިގެން އުޅެނިކޮށް ރޭ ހުޅުމާލެއިން ކަމަށެވެ. އަދި އެ މައްސަލައިގައި ފަޒީލްގެ އިތުރުން ވެސް އިތުރު އެކަކު ހައްޔަރުކޮށްފައިވާ އިރު އެ މީހުންގެ ބަންދަށް 10 ދުވަސް ކޯޓުން ޖަހާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެ ކުރިން ވެސް، ފަޒީލް ހައްޔަރުކޮށްފައިވާ އިރު އެފަހަރު ފަޒީލް ހައްޔަރު ކުރީ ގެއްލިފައިވާ ޝިމާގެ، އަންހެން ކޮއްކޮއަކު ގޮވައިގެން ގްރޫޕަކާ އެކު ޑިންގީއެއްގައި ކަނޑުމައްޗަށް ނުކުމެ އުޅެނިކޮށެވެ. ނަމަވެސް ފަހުން ފުލުހުން އޭނާ ދޫކޮށްލި އެވެ. ފުލުހުން ބުނެފައި ވަނީ އެކަމާ ގުޅިގެން އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

ޝިމާޔާއި އެ މީހުން ދަތުރުކުރި ޑިންގީގެ ނިޝާނެއް ވެސް ނުފެންނަ އިރު، ފުލުހުން ބުނެފައި ވަނީ ފަޒީލް ދައްކާ ބައެއް ވާހަކަ ދިމާ ނުވާ ކަމަށެވެ. އެހެން ނަމަވެސް ޝިމާ ގެއްލުވާލީ ފަޒީލް ގަސްތުގައިކަން ކަށަވަރު ކުރެވޭ ވަރަށް ހެކި ލިބިފައި ނެތް ކަމަށް ފުލުހުން ބުނެ އެވެ.

comment ކޮމެންޓް