ގަތަރުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް 480 މިލިއަން ޑޮލަރު

އިސްރާއީލުން ޣައްޒާއަށް ހުކުރު ދުވަހުން ފެށިގެން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 25 މީހުން މަރުވި -- ފޮޓޯ: ރޮއިޓާސް

ދޯހާ (މެއި 7): ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ގަތަރުން 480 މިލިއަން ޑޮލަރު ފޮނުވާނެ ކަމަށް އެގައުމުން ބުނެފި އެވެ.

ގަތަރުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން އެފައިސާ ފޮނުވާނީ ފަލަސްތީނުގެ ވެރިކަން ކުރާ ނެޝަނަލް އޮތޯރިޓީއަށެވެ. އަދި އޭގެ ތެރެއިން 300 މިލިއަން ޑޮލަރު ހޭދަ ކުރާނީ ސިއްހީ އަދި ތައުލީމީ ޕްރޮގްރާމްތަކަށެވެ. އަދި ބާކީ 180 މިލިއަން ޑޮލަރު ދޭނީ ޣައްޒާ އާއި ހުޅަނގު އައްސޭރިއަށް ކަރަންޓު ފޯރުކޮށްދިނުމަށާއި އދ.އިން ހިންގާ ޕްރޮގްރާމްތަކަށެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ޣައްޒާ އާއި އިސްރާއީލާ ދެމެދު ކުރިއަށް ދިޔަ ހަމަލާ ބަދަލުކުރުންތަކުގައި ފަލަސްތީނުގެ 25 މީހުން މަރުވެ، އިސްރާއީލްގެ ހަތަރު މީހުން މަރުވި އެވެ. އެހަމަލާތައް ހުއްޓުނީ އިއްޔެ ދެ ފަރާތުން އެއްބަސްވުމަކަށް އައުމުންނެވެ.

ޣައްޒާގައި ވެރިކަން ކުރާ ހަމާސްއިން ބުނި ގޮތުގައި ހަމަލާތައް ހުއްޓާލަން ހެދި އެއްބަސްވުމުގައި، ގަތަރާއި އދ.ގެ އެހީއާ އެކު މިސްރުން މެދުވެރިއެއްގެ ރޯލު އަދާކުރި އެވެ.

ގަތަރަކީ ފަލަސްތީނަށް އާއްމު ގޮތެއްގައި އެހީ ފޮނުވާ ގައުމެކެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަހުވެސް އެގައުމުން ވަނީ ޣައްޒާގެ 94،000 އާއިލާއަށް ފައިސާގެ އެހީ ފޮނުވާފަ އެވެ. އަދި މިދިޔަ މަހު އެގައުމުން ވަނީ ޣައްޒާގައި އާޓިފިޝަލް ލިމްބް އެންޑް ރިހަބް ސެންޓަރެއް ހުޅުވައިފަ އެވެ.

comment ކޮމެންޓް