ކޮމްޕެނީގެ ހިތްގައިމު ގޯލާ އެކު ސިޓީ ތަށި ހޯދުމަށް ބާކީ 90 މިނެޓް

މެންޗެސްޓާ ސިޓީގެ ކެޕްޓަން ވިންސެންޓް ކޮމްޕަނީ ރޭ ލެއިސްޓާ ސިޓީ ކޮޅަށް ގޯލު ޖެހުމަށް ފަހު އުފާ ކުރަނީ --- ފޮޓޯ/ޖޭމީ ސްމިތް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލެއިސްޓާ ސިޓީކޮޅަށް ވިންސެންޓް ކޮމްޕެނީ ވައްދާލި ގޯލާ އެކު މެންޗެސްޓާ ސިޓީއިން ލީގު ހޯދުމާއި ގާތައް ޖެހިލައިފި އެވެ.

ސިޓީގެ އިއްތިހާދުގައި ރޭ ކުޅުނު އެ ފޯރި ގަދަ މެޗުން އެ ޓީމު ލެއިސްޓާގެ މައްޗަށް ކުރި ހޯދީ 0-1 ގެ ނަތީޖާއަކުންނެވެ. އެ މޮޅާ އެކު ސިޓީ އެއްވަނާގައި އޮތީ 37 މެޗު ކުޅެގެން 95 ޕޮއިންޓް ހޯދައިގެންނެވެ. އެ ޓީމާއި އެންމެ ގާތުން ވާދަ ކުރަމުން އަންނަ ލިވަޕޫލަށް 37 މެޗު ކުޅެގެން 94 ޕޮއިންޓް ލިބޭ އިރު ލީގު ކަށަވަރުވާނީ އެންމެ ފަހު މެޗުގައި ނަތީޖާ ނުކުންނަ ގޮތަކުންނެވެ.

ސީޒަނުގެ ކުރީ ކޮޅު ސިޓީއިން ރަނގަޅު ނަތީޖާތަކެއް ނުނެރެވި ޕޮއިންޓް ތަކެއް ގެއްލުނު ނަމަވެސް ސީޒަނުގެ މެދަކާއި ހަމައިން އެ ޓީމު އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކާ ހުރިހާ މެޗަކުން ކަހަލަ ގޮތަކަށް މޮޅު ވަމުންނެވެ. ވޭތުވެ ދިޔަ ސީޒަނުގައި ވެސް ލީގުގެ ޗެމްޕިއަންކަން ހޯދި ސިޓީ ކުރިއަށް އޮތް މެޗުން މޮޅުވެއްޖެ ނަމަ ތަށި ޔަގީން ވާނެ އެވެ.

ރޭގެ މެޗު ފެށިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓާ ޑޮމިނޭޓް ކުރީ ސިޓީއިންނެވެ. ނަމަވެސް އެ ޓީމުން އުފެއްދި ބާރު ހަމަލާތައް ލެއިސްޓާގެ ކީޕަރު ކެސްޕާ ޝްމައިކަލް ވަނީ ދިފާއު ކޮށްފަ އެވެ. އެގޮތުން އަގުއޭރޯ ބޮލުން ފޮނުވާލި ބާރު ހަމަލާއެއް ހުރަސް ދަނޑީގައި ޖެހި ގޯލަށް ވަންނަން ދަނިކޮށް ޝްމައިކަލް ވަނީ ގޯލުގެ ރޮނގުމަތިން އެ ބޯޅަ ދިފާއު ކޮށްފަ އެވެ.

މެޗުގައި ޖެހި ހަމައެކަނި ގޯލު މެޗުގެ 70 ވަނަ މިނެޓުގައި ސިޓީއަށް ޖަހައިދިނީ އެ ޓީމުގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީ އެވެ. އޭރިޔާގެ ވެސް މާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޮސް އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އެ ގޯލާ އެކު ގިނަ ބައެއްގެ ތައުރީފް އޭނައަށް އޮއްސަމުން ދާއިރު އޭނާ ބުނީ އެފަދަ ގޯލުތަކަކީ ފަރިތަކުރުންތަކުގައި ވެސް އޭނާ ޖަހައި އުޅޭ ގޯލުތައް ކަމަށެވެ.

ސިޓީއިން ލީގުގެ ފަހު މެޗުގައި ބައްދަލު ކުރާނީ ބްރައިޓޮން އެންޑް ހޯވް އަލްބިއަންއާއި ދެކޮޅަށެވެ.

comment ކޮމެންޓް