ދުނިޔޭގެ ފަރުތަކުގެ ދެބައިކުޅައެއްބައިވަނީ މަރުވެފައި!

ރާއްޖޭގެ ރަށެއްގެ ކައިރީގައި މޫދުވިނަ -- ފޮޓޯ/ މޯލްޑިވްސް އަންޑަވޯޓާ އިނީޝިއޭޓިވް

ދުނިޔޭގެ ފަރުތަކުގެ ދެބައިކުޅައެއްބައި މަރުވެފައިވާ ކަމަށް ދިރޭތަކެތީގެ ނަސްލާއި ގުދުރަތީ މާހައުލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ޙާލަތު ދައްކުވައިދޭ ދުނިޔޭގެ ފެންވަރުގެ ފުރަތަމަ ރިޕޯޓް "ގްލޯބަލް އެސެސްމަންޓް އޮފް ބަޔޯޑައިވާސިޓީ އެންޑް އިކޯސިސްޓަމް ސާވިސަސް" އިން ދައްކައިފި އެވެ.

މިއަދު އާއްމުކޮށްފައިވާ އެ ރިޕޯޓަކީ ދިރޭތަކެތީގެ ނަސްލާއި ގުދުރަތީ މާހައުލުތަކާ އެއިން ލިބިދޭ ހިދުމަތްތަކާ ގުޅޭ ގޮތުން މިހާތަނަށް ދުނިޔޭގެ ފެންވަރުގައި ހެދުނު އެންމެ ފުރިހަމަ އެންމެ ފުރަތަމަ އަދި އެންމެ ބޮޑު ރިޕޯޓެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ މިހާރު ދުނިޔޭގެ ފަރުތައް ނެތިގެންދާ ނިސްބަތުގައި ނެތިގެންދާ ނަމަ ކައިރި މުސްތަގްބަލެއްގައި ދުނިޔޭގެ ފަރުތަކުގެ 90 ޕަސެންޓް މަރުވާނެ ކަމަށެވެ. އަދި ދުނިޔޭގައި މިހާރު ހުރި ދިރޭތަކެތީގެ ތެރެއިން 25 ޕަސެންޓް ބާވަތައް ނެތިދިއުމުގެ ބިރު ކުރިމަތި ވެފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ރިޕޯޓުން ދައްކުވައިދޭ ތަފާސްހިސާބު

ގްލޯބަލް އެސެސްމަންޓް އޮފް ބަޔޯޑައިވާސިޓީ އެންޑް އިކޯސިސްޓަމް ސާވިސަސް އިން ދެއްކި ގޮތުގައި މޫދުގެ މާހައުލަށާއި ކަނޑުގެ ދިރުންތަކަށް އެންމެ ބޮޑު ގެއްލުމެއް ލިބެނީ ސީދާގޮތުގައި ދިރޭތަކެތީގެ ބާވަތްތަކުގެ ބޭނުންހިފުން ނުވަތަ އެކި ބާވަތްތަކުގެ މަސްވަރިކަމުންނެވެ.

އެގޮތުން މޫދުގެ މާހައުލާއި ދިރޭތަކެތީގެ ނަސްލަށް ލިބޭ ގެއްލުމުގެ 29 ޕަސެންޓް ހިއްސާކުރަނީ މަސްވެރިކަމުން ކަމަށް ވެސް އެ ރިޕޯޓުން ހާމަވެ އެވެ.

ދެވަނައަށް އެންމެ ބޮޑު ގެއްލުމެއް ދެނީ ކަނޑާއި މޫދުގެ ސަރަޙައްދު އެކި ކަންކަމަށް ބޭނުންކުރާ ގޮތުންނެވެ. އަދި ތިންވަނައަށް އެންމެ ބޮޑު ގެއްލުމެއް ދެނީ މޫސުމަށް އަންނަ ބަދަލުތަކުންނެވެ.

ރިޕޯޓުން ދައްކުވައިދޭ ތަފާސް ހިސާބު---

ބިމުގެ ސަރަހައްދަށް ބަލާއިރު ދިރޭތަކެތީގެ ނަސްލަށް އެންމެ ބޮޑު ގެއްލުމެއް ލިބެނީ ބިން ބޭނުންކުރާ ގޮތުންކަން ރިޕޯޓުގައި ފާހަގަކޮށްފައިވާ އިރު ދެވަނައަށް އެންމެ ބޮޑު ގެއްލުމެއް ލިބެނީ ސީދާގޮތުގައި ދިރޭތަކެތީގެ ބާވަތްތަކުގެ ބޭނުންހިފުމުންނެވެ. ތިން ވަނައަށް އެންމެ ބޮޑު ގެއްލުމެއް ލިބެނީ މޫސުމީ ބަދަލުތަކުގެ ސަބަބުންކަން ރިޕޯޓުގައިވަނީ ފާހަގަކޮށްފަ އެވެ.

އެ ރިޕޯޓް އެކުލަވާލާފައި ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގެ 200 އަށްވުރެ ގިނަ ސައިންޓިސްޓުން ހިމެނޭ ޓީކަމުންނެވެ. ރިޕޯޓު އެކުލަވާލުމުގައި 3000 އަށް ވުރެ ގިނަ ދިރާސާގެ ބޭނުންކޮށްފައިވެ އެވެ.

comment ކޮމެންޓް