އުރީދޫ ބަދިގެ: މަސްކުރޮޅި

މަސްކުރޮޅި އަކީ ރޯދަވީއްލާ ވަގުތު އަހަރެމެން ދިވެހިންގެ ސުފުރާމަތީން އެންމެ ގިނައިން ފެންނާނޭ އެކައްޗެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކި ބާވަތްތަކާއި އެކު މަސްކުރޮޅި ކައިއުޅޭއިރު މިއީ ހުރިހާ އުމުރުފުރާތަކުގެ މީހުންނަށްވެސް ކަމުދާ އަދި ވަރަށް އާންމުކޮށް ލިބެން ހުންނަ ތަކެތިން ތައްޔާރުކޮށްލެވޭނެ ވަރަށް ފަސޭހަ އެއްޗެކެވެ.

"އުރީދޫ ބަދިގޭގައި" މިއަދު މި ގެނެސްދެނީ މަސްކުރޮޅި ތައްޔާރުކޮށްލާނެ ގޮތެވެ. މިއަދުގެ ރެސިޕީ ތައްޔާރުކޮށް ދީފައިވަނީވެސް ޝައުފާ ހުސެއިން އެވެ. ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވި ޝައުފާވަނީ، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށްހެން ދަތުރުކޮށްފަ އެވެ.

އެއާއެކު، ދިވެހި ރަހަތަކަށް އޭނާގެ ހުންނަ ހާއްސަ ޝައުގުވެރިކަމާއި އެކު އެކަން އޭނާގެ ކެއްކުމުގައިވެސް ވަރަށް ފުރިހަމައަށް ފެނިގެންދެ އެވެ.

ބޭނުންވާ ތަކެތި

  • 1 1/2 ޖޯޑު ހިކިމަސް
  • 1/2 ކާށި ކޮށާފައި
  • 1 މޭޒުމަތީ ސަމްސާ އަސޭމިރުސް
  • 2 ފިޔާ (ކޮށާފައި)
  • 6 ލޮނުމެދު (ރޯސްޓުކޮށްފައި)
  • 6 ހިކި މިރުސް (ރޯސްޓުކޮށްފައި)
  • 1/2 ގިތެޔޮ މިރުސް
  • 1/2 އިނގުރު
  • 2 ލުނބޯ
  • ލޮނު

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ މިކްސަރެއްގައި މަސްކޮޅު ގްރައިންޑް (ހިމުން) ކޮށްލާށެވެ. މަސްކޮޅުތައް އެންމެ ހިމުން ނުކުރުމަށް ސަމާލުކަންދޭށެވެ. އެއަށްފަހު ބާކީހުރި ހުރިހާ އެހެން ބާވަތްތަކެއް ހިމުންކޮށްލާށެވެ. އަދި މަސްކޮޅާއި އެއްކޮށްލައި މިކްސް ކޮށްލާށެވެ. އެއަށްފަހު ލުނބޯ ހުތްކޮޅަކާއި އެކު ލޮނު ހެޔޮވަރު ކޮށްލާށެވެ. އޭރުން މަސްކުރޮޅި ތައްޔާރުކޮށް ތި ނިމުނީ އެވެ. ބޭނުންނަމަ ރޮށްޓާއި އެކު ނުވަތަ ބަތްޕެނާއި އެކުގައިވެސް ކާލެވިދާނެ އެވެ.

ޓައިޓްލް ސްޕޮންސާ: އުރީދޫ މޯލްޑިވްސް
ލޮކޭޝަން ޕާޓްނަރ: ޓައިޑްސް ކެފޭ އެންޑް ބިސްޓްރޯ
ވީޑިއޯ އަދި އެޑިޓިންގް: ހުސައިން ޝަޔާހު ޝަފީގު، މުހައްމަދު ޝަފީއު، މުސްތަފާ މުހައްމަދު ރަޝީދު

comment ކޮމެންޓް